ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އަވަށްޓެރި އިންޑިއާއިން ތަރައްގީ ކުރި ކޮވެކްސިންއަށް، ޕްރީ-ކޮލިފިކޭޝަން އިޒުނަށް ހޯދުމަށް އެދި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެ ގައުމުގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ޑަބްލިއުއެޗްއޯ ޕްރީ-ކޮލިފިކޭޝަން ޕްރޮގްރާމަކީ ބޭސްވެރިކަމުގައި ބޭނުން ކުރާ ބާވަތްތައް، އެއް އުސޫލެއްގެ ދަށުން ތަރައްގީކޮށް، އެއް ކޮލިޓީއެއް ހިފަހައްޓާ، ސަލާމަތާއި ރައްކާތެރިކަންވެސް އެއް ހަމައަކުން ކަށަވަރުކޮށްދެނިވި ޕްރޮގްރާމެކެވެ. މި މަޝްރޫއަށް އިޒުނަ ލިބުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ވެކްސިން ކެމްޕޭން ހިންގާ އދގެ ޔުނިސެފް ފަދަ އިދާރާތަކުން ވެކްސިން ގަތުމަށް މަގު ތަނަވަސް ކުރަނިވި ކަމެކެވެ.

މި ޕްރޮގްރާމްގައި ލިސްޓު ކުރުމަށްޓަކައި، އެ ބާވަތެއް އުފައްދާ ފަރާތުން ގިނަ މައުލޫމާތުތަކެއް ޑަބްލިއުއެޗްއޯއަށް ހުށަހަޅައެވެ. އެ ބާވަތެއްގެ ރައްކާތެރިކަމާއި، ކާމިޔާބީއާއި އަދި ކޮލިޓީއާ ގުޅޭ މައުލޫމާތު، މީގެ ތެރޭގައި ހިމަނަންޖެހެއެވެ. އަދި ޑަބްލިއުއެޗްއޯގެ ތަހުގީގު ޓީމުތަކަށް، ސިނާއީ ކާރުހާނާތައްވެސް ހުޅުވާލަންޖެހެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކުރަމުން އަންނަ ބާރަތު ބައޮޓެކް ކުންފުންޏަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކ) ޒިޔާރަތް ކުރައްވަނީ / ފޮޓޯ: ދަ ނިއުސް މިނެޓް

ކޮވެކްސިން އަކީ، ކޮވިޑް-19އާ ދެކޮޅަށް އިންޑިއާއިން ކުރަމުން އަންނަ ވަރުގަދަ ހަނގުރާމައިގެ ފަހްރެއް ކަމުގައި އެ ގައުމުން ސިފަ ކުރެއެވެ. މި އުފެއްދުމަކީ، ސައްތަ އިންސައްތަ އިންޑިއާގެ މިލްކެކެވެ. ކޮވެކްސިން ތަރައްގީ ކުރަނީ ބާރަތު ބައޮޓެކާއި އިންޑިއާގެ މެޑިކަލް ރިސާޗް އިންސްޓިޓިއުޓް ގުޅިގެންނެވެ.

ޑަބްލިއުއެޗްއޯގެ ޕްރީކޮލިފިކޭޝަން އިޒުނަޔަށް އެދި ހުށަހެޅުމަށް ބާރަތު ބައޮޓެކުން ތައްޔާރު ވަމުން އަންނަ އިރު، އިންޑިއާގެ ޑްރަގް ރެގިއުލޭޓަރުން ވަނީ އިންޑިއާގެ ވެކްސިން ކޭމްޕޭންގައި މި އުފެއްދުން ބޭނުން ކުރުމަށް ރުހުން ދީފައެވެ. އިންޑިއާގެ ޑްރަގް ރެގިއުލޭޓަރުން ބާރަތުގެ ވެކްސިނަށް ރުހުން ދިން އިރު، 3 ވަނަ މަރުހަލާގެ ތަހުލީލުތައްވެސް އަދި އޮތީ ކުރިއަށެވެ. ނަމަވެސް، މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގައި ގައުމީ ފެންވަރުގައި ފެށި ކޮވިޑް-19 ވެކްސިން ކެމްޕޭންގައިވެސް މި ވެކްސިން ބޭނުން ކުރެއެވެ.

ބިޒްނަސްލައިންއަށް މައުލޫމާތު ދެއްވަމުން ބާރަތު ބައޮޓެކްގެ ތަރުޖަމާނަކު ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ބޭރުގެ މާކެޓްތައް ކަށަވަރު ކުރުމުގެ މަސައްކަތް ކަމަށާ، އެގޮތުން ޑަބްލިއުއެޗްއޯގެ ޕްރީ-ކޮލިފިކޭޝަން އިޒުނަ ހޯދުމަށް އެދި އަންނަ ހަފުތާ ތެރޭގައި ހުށަހަޅާނެ ކަމަށެވެ.

ކޮވިޑް-19 ވެކްސިން ކެމްޕޭނަށް ތައްޔާރު ވުމުގެ ގޮތުން އިންޑިއާގައި ކުރިއަށް ގެންދިޔަ ޑްރިލްގެ ތެރެއިން / ފޮޓޯ: އޭއެންއައި

އދގެ އިދާރާތަކާއި، ބައިނަލްއަގުވާމީ ވެކްސިން އިއްތިހާދު (ގާވީ) އާއި ތަރައްގީ ވަމުން އަންނަ ގައުމުތަކާ ގުޅިގެން ވެކްސިން ގަތުމުގެ މަރުހަލާ ހިންގައިގަތުމަށްޓަކައި ޑަބްލިއުއެޗްއޯގެ ޕްރީ-ކޮލިފިކޭޝަން ލިސްޓުން ކޮވެކްސިންއަށް ޖާގަ ކަށަވަރުވުން ލާޒިމެވެ.

ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި ވެކްސިންތަކަށް ޕްރީ-ކޮލިފިކޭޝަން ދޫކުރުމުގެ މަރުހަލާއަކީ ވަކި އުސޫލެއްގެ ދަށުން އިޖުރާއަތުތަކެއް ފުރިހަމަ ކޮށްގެން ދޫކުރާ އިޒުނައެކެވެ. ފުރިހަމަ ކުރާ އިޖުރާއަތުތަކުގެ ތެރޭގައި، އެ ވެކްސިނަކީ އާންމުންނަށް ވެކްސިން ދިނުމަށް ހިންގާ މަޝްރޫއުތަކުގައި ބޭނުން ކުރަން ރައްކާތެރި، އަދި ކާމިޔާބު ވެކްސިނެއްތޯވެސް ކަށަވަރު ކުރުން ހިމެނެއެވެ.

ބާރަތު ބައޮޓެކަކީ މިހާރުވެސް ޑަބްލިއުއެޗްއޯގެ ޕްރީ-ކޮލިފިކޭޝަން އިޒުނަ ދޫކޮށްފައި ވާ އެހެން ބާވަތްތަކެއްގެ ވެކްސިން އުފައްދަމުން އަންނަ ކުންފުންޏެކެވެ. އޭގެ ތެރެގައި ބަޔޯޕޯލިއޯ، ރޯޓާވެކް އަދި ޓައިޕްބާ ޓީސީވީ ހިމެނެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ބާރަތު ބައޮޓެކުން ތަރައްގީ ކުރި ކޮވެކްސިނަކީ އިންއެކްޓިވޭޓަޑް ވެކްސިނެކެވެ. މި ޒާތުގެ ވެކްސިންގައި އެކުލެވިގެން ވަނީ މަރާލެވިފައިވާ ނުވަތަ ބާރު ކަނޑުވާލެވިފައިވާ ވައިރަސް/ބެކްޓީރިއާއެވެ. މި ވެކްސިންތަކުގައި ބޭނުން ކުރާ ވައިރަސް/ބެކްޓީރިއާ މަރާލަނީ ނުވަތަ ބާރުކަނޑުވާލަނީ ކެމިކަލް ނުވަތަ ހޫނު ބޭނުން ކޮށްގެންނެވެ. މިއީ ވެކްސިން އުފެއްދުމުގެ ސިނާއަތުގައި ބޭނުން ކުރަމުން އަންނަތާ އެތައް އަހަރެއް ވެފައިވާ އުސޫލެކެވެ.

ކޮވިޑް-19 ވެކްސިން ކެމްޕޭނަށް ތައްޔާރު ވުމުގެ ގޮތުން އިންޑިއާގައި ކުރިއަށް ގެންދިޔަ ޑްރިލްގެ ތެރެއިން / ފޮޓޯ: އޭއެންއައި

އިންއެކްޓިވޭޓަޑް ވެކްސިނަކީ، ހޫނު ނުވަތަ ކެމިކަލް ނުވަތަ މި ދެ ގޮތްވެސް ބޭނުންކޮށްގެން ވައިރަހުގެ ހަރަކާތްތެރިކަން ކަނޑުވާލާފައިވާ ވައިރަސް ބޭނުން ކޮށްގެން އުފައްދާ ވެކްސިނެވެ. މިއީ އެއްވެސް ދިރުމެއް އޭގައި ނުވާ، ނަކަލު ނުވާ ވެކްސިނެކެވެ. އަލަށް އުފަންވާ ތުއްތު ކުދިންނަށް ދޭ ޕޯލިއޯ ވެކްސިނަކީވެސް މިފަދަ ވެކްސިނެކެވެ.

އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް، މުމްބާއީގެ 6 މަރުކަޒެއްގައި ކޮވެކްސިން ބޭނުން ކުރެއެވެ. ވެކްސިން ޖެހުމުގެ ކުރިން ފުރިހަމަ ކުރާ އިޒުނައިގެ ފޯމުގައި، މި ވެކްސިން ޖެހުމުގެ ސަބަބުން، ސިއްހީ ގޮތުން ސީރިއަސް މައްސަލައެއް ކުރިމަތިވެއްޖެ ނަމަ، ސަރުކާރުގެ ފެސިލިޓީއެއްގައި އެމީހަކަށް ފަރުވާ ދޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

ވެކްސިން ޖެހުމަށްފަހު ފުރަތަމަ 7 ދުވަހުގެ ތެރޭގައި ހަށިގަނޑުން ފެންނަ ހުރިހާ އަލާމާތެއް ލޮގް ކުރުމަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ގޮވާލާފައެވެ. އިންޑިއާގެ ވެކްސިން މަޝްރޫއުގެ ބައިވެރިންނަށް ދޫކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ވާ ގޮތުން، ކޮވެކްސިނަކީ ކޮވިޑް-19އާ ދެކޮޅަށް ހަށިގަނޑުގެ ދިފާއި ނިޒާމުން އެންޓިބޮޑީޒް އުފައްދަނިވި ވެކްސިނެއް ކަން، ފޭސް 1 އަދި ފޭސް 2 ގެ ތަހުލީލުތަކުން ވަނީ އެނގިފައެވެ. ނަމަވެސް، މިއީ މި ބަލިމަޑުކަމާ ދެކޮޅަށް ކިހާ ކާމިޔާބު ވެކްސިނެއް ކަން ކަށަވަރުވާން އަންނަނީ 3 ވަނަ މަރުހަލާގެ ތަހުގީގުތައް ނިންމާ، ނަތީޖާ ލިބިގެންނެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން ދިނުމަށް އިންޑިއާގައި ހާއްސަކޮށްފައިވާ މަރުކަޒެއްގައި 2 މީހަކު މަޑުކޮށްލައިގެން / ފޮޓޯ: ސީއެންއެން

ބާރަރު ބައޮޓެކުގެ ޗެއާމަން، ޑރ ކްރިޝްނާ އެލާ ވިދާޅުވީ 3 ވަނަ މަރުހަލާގެ ތަހުލީލުތައް މިހާރު ދަނީ ކުރިއަށް ކަމަށާއި، މި މަރުހަލާގައި 26000 އެއްހާ ވޮލަންޓިއަރުން ބައިވެރި ވާ ކަމަށެވެ.

ޑރ އެލާ ވިދާޅުވީ އުމުރުން 2 އަހަރާއި 15 އަހަރާ ދެމެދު ކުދިންގެ ހަށިގަނޑުގައި ކޮވެކްސިން ޓެސްޓު ކުރުމުގެ ހުއްދައަކަށް އެދި، ޑްރަގް ރެގިއުލޭޓަރަށް ޕްރޮޕޯސަލް ހުށަހެޅުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ. އެލާ ވިދާޅުވީ ބާރަތުގެ ވެކްސިނަކީ "އިންއެކްޓިވޭޓަޑް ވެކްސިނެއް" ކަމުން، މިއީ އެންމެ ތުއްތު ކުދިންނަށްވެސް އެންމެ ރައްކާތެރި ވެކްސިނަކަށް ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ވަކި އިންސައްތައަކުން ކޮވެކްސިންގެ ކާމިޔާބީ ބަޔާން ކޮށްދެވެން އަދި ނެތް ނަމަވެސް، އިންޑިއާގެ ޑްރަގް ރެގިއުލޭޓަރުން ވަނީ ކޮންމެ 2 ހަފުތާއަކުން ތަހުލީލުތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ގޮވާލާފައެވެ.

ކޮވެކްސިން ބޭނުން ކުރި މީހުންގެ ފަރާތުން މިހާތަނަށް ފެންނަ މުންދަނީ އާދައިގެ އަލާމާތްތަކެއް ކަންވެސް ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން ވެކްސިން ޖެހި ތަނުގައި ރިއްސުން، ބޮލުގައި، ރިއްސުން، ވަރުބަލިވުން، ގައިގައި ރިއްސުން، ބަނޑުގައި ރިއްސުން، މޭ ނުބައިކޮށް ހޮޑުލެވުން، ބޯ އެނބުރުން، ތުރުތުރުއެޅުން، ދާހިތްލުން، ކެއްސުން އަދި އިންޖެކްޝަން ޖެހި ތަން ދުޅަވުން ފަދަ އަލާމާތްތަކެއް ވަނީ ރިޕޯޓް ކޮށްފައެވެ.

ކޮވިޑް-19 ވެކްސިން ކެމްޕޭނަށް ތައްޔާރު ވުމުގެ ގޮތުން އިންޑިއާގައި ކުރިއަށް ގެންދިޔަ ޑްރިލްގެ ތެރެއިން / ފޮޓޯ: އޭއެންއައި

ކޮވެކްސިނަކީ ފެންފަދަ އެއްޗެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން އިންޑިއާގެ ސައެންސްވެރިންނަށް ފާޑުކިއުން އަމާޒު ކުރި ނަމަވެސް، އެއީ އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއް ކަމަށް ޑރ އެލާ ވަނީ ވިދާޅުވެފައެވެ.

ހައިދަރުއާބާދުގައި ގާއިމުކޮށްގެން އޮޕަރޭޓް ކުރަމުން އަންނަ ބާރަތު ބައޮޓެކުން ހުސްވި ހަފުތާގައި ވަނީ ބްރެޒިލްއަށް ކޮވެކްސިން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެ އިތުރުން، ކޮވެކްސިން ގަތުމަށް 15 ގައުމަކުން ޝައުގުވެރިކަން ފާޅު ކުރަމުން އަންނަ ކަމަށް ބާރަތު ބައޮޓެކުން ވަނީ ހާމަކޮށްފައެވެ.