ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަލުން ހުޅުވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް، ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު، ފައިސަލް ބިން ފަރުހާން ވިދާޅުވެއްޖެއެވެ.

ދޯހާގައި ހުންނަ ސައުދީ އެމްބަސީ އަލުން ހުޅުވުމަށް ސައުދީއިން ނިންމާފައި މިވަނީ، އަރަބި ގަލްފުގެ 4 ގައުމަކާއި ގަތަރާ ދެމެދު 3 އަހަރު ދުވަހަށް ދިގުލާ ދިޔަ ހަމަނުޖެހުންތަކަށް ސުލްހަ ގެނުވި އެއްބަސްވުމާ އެކުގައެވެ.

އެމްބަސީ ހުޅުވުމާ ބެހޭ ގޮތުން ނޫސްވެރިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފައިސަލް ވިދާޅުވީ، މިހާރު ނުނިމި އޮތީ ލޮޖިސްޓިކްސް މަސައްކަތްތަކެއް ކަމަށެވެ.

އުރުދުންގެ ހާރިޖީ ވަޒީރު އައިމަން ސަފާދީއާއެކު ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިސަލް އިތުރަށް ވިދާޅުވީ، ގަތަރާއެކު ސައުދީއިން ފުރިހަމަ ޑިޕްލޮމެޓިކް ގުޅުމެއް، އަލުން ބަދަހި ކުރާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ އިތުރުން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)، ބަހްރައިން އަދި މިސްރުން ގަތަރާ ގުޅުން ކަނޑާލާ، ޑިޕްލޮމެޓިކް، ވިޔަފާރި އަދި ދަތުރުފަތުރުގެ ގޮތުން ގަތަރާ ދެކޮޅަށް ފިޔަވަޅު އެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ގަތަރަކީ ޓެރަރިޒަމަށް ހިތްވަރުދޭ ގައުމެއް ކަމަށާ، ގަތަރުން އީރާނާއެކު މާ ގާތް ގުޅުންތަކެއް ދަމަހައްޓަމުން އަންނަ ކަމަށް ބުނެ އަރަބި ގަލްފުގެ ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލީއެވެ. ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުން އޭރު ވަނީ، 13 ޑިމާންޑެއް ފުރިހަމަ ކުރުމަށް ގަތަރަށް އަންގާފައެވެ. ނަމަވެސް ގަތަރުން ވަނީ މި ތުހުމަތުތަކާއި ޑިމާންޑުތަކަށް އިންކާރު ކޮށްފައެވެ. ގަތަރުން ބުނާ ގޮތުގައިމި ހުރަހަކީ، ގަތަރުގެ އިސްތިގުލާލަށް އެޅި ހުރަހެކެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގައި ހިމެނޭ ސައުދީ، ބަހްރައިން އަދި ޔޫއޭއީއިން ވަނީ ގަތަރާ ދެކޮޅަށް އަޅަމުންދިޔަ ފިޔަވަޅުތައް އުވާލާ، އަލުން ގުޅުން ބަދަހި ކުރުމަށް މިމަހު ކުރީ ކޮޅު އެއްބަސްވުމަކަށް އައިސްފައެވެ. އަރަބި ގަލްފުގެ ގައުމުތައް ސުލްހަ ކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕުގެ ސަރުކާރާއި، ކުވައިތުންނެވެ.

ގަތަރާއި އަރަބި ގަލްފުގެ ގުޅުން ހެޔޮ ފާލަކަށް އެޅެމުންދާއިރު، މި ގައުމުތަކުން ދަނީ ގަތަރަށް ބޯޑަރުތައްވެސް ހުޅުވާލަމުންނެވެ.