އިންޑޮނޭޝިއާގެ ސުލާވެސީއަށް މިއަދު ހެނދުނު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 26 އަށް އަރާ، ޒަހަމްވީ މީހުންގެ އަދަދު، 600 އަށް ވުރެ މައްޗަށް އަރައިފިއެވެ.

ބިންހެލުން އައިސްފައި ވަނީ މަޖީން ސިޓީގެ އިރުއުތުރުން 3.73 މޭލު ބޭރުން، 10 ކިލޯމީޓަރު އަޑިން ކަމަށް ހަބަރު ލިބެއެވެ.

ރެކްޓާ މިންގަނޑުން 6.2ގެ ބާރު މިނުގައި އައި ބިންހެލުމުގެ ސަބަބުން 15000 އެއްހާ މީހުންގެ ގެދޮރު ގެއްލިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. މަޖީންގެ އުތުރުން އޮންނަ ސަރަހައްދެއްގައި ހުރި ހޮސްޕިޓަލެއްވެސް ބިމާ ހަމަވެފައި ވާއިރު، ވެއްޓިފައިވާ އިމާރާތުގެ ބައިތަކުގެ ދަށުގައި ހޮސްޕިޓަލުގެ މުވައްޒަފުންނާއި ޕޭޝަންޓުން ތާށިވެފައި ވާ ކަމަށް ހަބަރު ލިބެއެވެ.

މި ހާދިސާގައި މަރުވި ހުރިހާ އެންމެނަކީވެސް މަމޫޖޫ ސަރަހައްދުގެ މީހުންނެވެ. މަމޫޖޫ ސަރަހައްދުގެ ޑިޒާސްޓާ މިޓިގޭޝަން އޭޖެންސީގެ އިސްވެރިޔާ އަލީ ރަހުމާން ވިދާޅުވީ، މަރުވި މީހުންގެ އަދަދު އިތުރުން އެކަށީގެންވާ ކަމަށާ، ނަމަވެސް އެކަން އެގޮތަށް ވުމަށް އުއްމީދު ނުކުރައްވާ ކަމަށެވެ. ރަހުމާން އިތުރަށް ވިދާޅުވީ، މަރުވި ގިނަ ބަޔަކު އަދިވެސް އިމާރާތުގެ ބައިތަކުގެ ދަށުގައި ވާ ކަމަށެވެ.

އިމާރާތްތައް ވެއްޓިފައިވާ މަންޒަރުތަކާއި، އެބައިތަކުގެ ދަށުގައި މީހުން ތާށިވެފައިވާ މަންޒަރުވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ވެސްޓް ސުލާވެސީ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތަށް ބުރޫ އަރާފައި ވާއިރު، މަގުތަކަށްވެސް ގެއްލުންތަކެއް ލިބިފައި އޮތުމުން، ރެސްކިއު އޮޕަރޭޝަނަށް ދަތިތަކާ ކުރިމަތިވާކަމަށް ޑިޒާސްޓާ މިޓިގޭޝަން އެޖެންސީއިން ހަބަރުދެއެވެ.

ފުރަތަމަ ބިންހެލުމަށްފަހު އަރާ ލޮޅުންތަކާ ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރު، އިންޑޮނޭޝިއާގެ މޫސުމާ ބެހޭ އިދާރާ (ބީއެމްކޭޖީ) އިން ވަނީ ދީފައެވެ. ބީއެމްކޭޖީގެ ޕްރޮފެސާ ދްވިކޮރީތާ ކަރްނަވަތީ ވަނީ، މިސަރަހައްދުތަކުގައި އުޅޭ މީހުން، އުސް ހިސާބުތަކަށް ބަދަލުވުމަށް އިރުޝާދު ދެއްވާފައެވެ.

މި ކަމާ ގުޅިގެން ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން އަދި އިންޒާރެއް އާންމު ކުރި ކަމުގެ މައުލޫމާތެއް ނުލިބެއެވެ.

ޖިއޮގްރަފީ ގޮތުން ޕެސިފިކް ރިންގް އޮފް ފަޔާއޭ ކިއުނު ސަރަހައްދުގައި އުފެދިފައި އޮންނަ އިންޑޮނޭޝިއާއަކީ މިފަދަ ހާދިސާތައް އާންމު ގައުމެކެވެ.