ޒިކުރާ މިސްކިތް ހުރި ބިމުގައި އަލުން މިސްކިތް ބިނާކުރުމުގެ އެއްބަސްވުން އުވާލުމާ ގުޅިގެން އެސްޖޭ ކޮންސްޓްރަކްޝަނަށް 111 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ހުކުމް ކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަގްފު އިމާރާތެއްގެ ގޮތުގައި އެ މިސްކިތް 10 ބުރިއަށް އިމާރާތް ކުރުމަށް، އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކޮށްފައި ވަނީ، 2018 އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާ ކަމަށް ބުނެ މިސަރުކާރުން ވަނީ އެއްބަސްވުން ބާތިލު ކޮށްފައެވެ.

އެކަމާ ގުޅިގެން އެސްޖޭއިން ވަނީ އޭޕްރިލް، 30، 2019 ގައި ސިވިލް ކޯޓުގައި ދައުވާ ކޮށްފައެވެ.

އެ މައްސަލައިގައި އިއްޔެ ސިވިލް ކޯޓުގެ ގާޒީ ފައްޔާޒު ޝާތިރު ވަނީ ހުކުމް ކުރައްވާފައެވެ. އެ ހުކުމުގައި ބުނެފައި ވަނީ އެއްބަސްވުމުގެ ދަށުން އެސްޖޭއިން އަމަލުކޮށްފައި ނުވާކަން އެނގޭ ކަމަށާއި އެއްބަސްވުން އުވާލުމުގެ ނޯޓިސް ފޮނުވީ ގާނޫނާ ހިލާފަށް ކަމުގައި ކަނޑަ ނޭޅޭނެ ކަމަށެވެ.

އެގޮތުން އެސްޖޭއިން މި މައްސަލައިގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ސާބިތު ކޮށްދީފައި ނުވާތީ އާއި އަދި މި މައްސަލައިގައި ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލަކީ އެއްބަސްވުމުގެ ދަށުން އެސްޖޭއަށް ލިބެން ޖެހޭ ފައިސާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ބަދަލަކަށް ނުވާތީ އެސްޖޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ އަދަދު ނަގައިދެވެން ނެތް ކަމަށް ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.