2007 ވަނަ އަހަރާއި އެ އަހަރުގެ ފަހުން އުފަންވާ ފަރާތްތަކަށް ދުންފަތް މަނާކުރުމަށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު އެންމެ ފަހުން އިސްލާހުކުރީ މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގައެވެ. އޭރު މަޖިލީހުން ގެނައި އިސްލާހުގައިވާ ގޮތުން ދުންފަތުގެ ބާވަތްތައް ގަނެވޭނީ 21 އަހަރު ފުރިފައިވާ އަދި އެ އުމުރުފުރައިން މަތީގެ މީހުންނަށެވެ.
އަދި ދުންފަތުގެ ބާވަތްތައް ގަންނަ މީހާ އަށް 21 އަހަރު ފުރިފައިވާކަން ޔަގީންކުރުމަކީ އެފަދަ ބާވަތެއް ވިއްކާ ފަރާތުގެ ޒިންމާއެއް ކަމާއި، އެފަދަ ބާވަތެއް ގަންނަނީ 21 އަހަރުން ދަށުގެ މީހެއް ނުވަތަ ކުއްޖެއް ކަމަށް ބެލެވޭނަމަ އުމުރު ޔަގީންކުރުމަށްޓަކައި އައިޑީކާޑު ނުވަތަ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމަށް ވިޔަފާރިތަކުން އަންގަން ޖެހޭނެ ކަމަށް އޭރު ގެނައި އިސްލާހުގައި ވެއެވެ.
މީގެ އިތުރުން، ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ތަންތަނުން، 21 އަހަރުން ދަށުގެ މީހުންނާއި ކުޑަކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން ގާނޫނުގައި މަނާކަމެއްކަން އަންގައިދޭ ލިޔުމެއް ވެސް ހަރުކުރަން ޖެހޭ ކަމަށް، އެ އިސްލާހުގައި ވެއެވެ.
ސަރުކާރުން މިފަހަރު ހުށަހެޅި އިސްލާހު ފާސްކޮށްފިނަމަ:
- 2007 ވަނަ އަހަރާއި އޭގެ ފަހުން އުފަންވި މީހުން ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެ
- 2007 ވަނަ އަހަރާއު އޭގެ ފަހުން އުފަންވި މީހުންނަށް ދުންފަތް ވިއްކުން މަނާވާނެ
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ކުރިން ގެނައި އިސްލާހުގައިވާ ގޮތުން، އީސިނގިރޭޓާއި ވޭޕްގެ އެންމެހާ އާލާތްތައް ރާއްޖޭގައި ބޭނުންކުރުން މަނާވާނެއެވެ. އެކަމަކު އިއްޔެ ހުށަހެޅި އިސްލާހު ފާސްވެއްޖެ ނަމަ ރާއްޖޭގައި ވޭޕް ބޭނުންކުރުމުގެ އިތުރުން ގެންގުޅުން ވެސް މަނާވާނެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް 'ޖެނެރޭޝަނަލް ބޭން'ގެ ގޮތުގައި ފިޔަވަޅު އެޅުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މާޗް މަހުގެ ފަހުކޮޅު ހާމަކުރެއްވީ 'ރައްޔިތުންނާ އެކު' ނަމުގައި ރައީސް އޮފީހުން ސިލްސިލާކޮށް ބާއްވަމުންދާ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޭގެ ފަހުން ރައީސް ވަނީ، 'ޖެނެރޭޝަނަލް ބޭން' އަކަށް ދިއުމަށް އެންމެ ރަނގަޅު އަހަރެއް ކަނޑައެޅުމަށް އާންމުންނަށް ހުޅުވާލައިފައެވެ. ރައީސްގެ ޕޯލްގެ ނަތީޖާއިން ހާމަވާ ގޮތުން ގިނަ މީހުން ބޭނުންވަނީ 2،000 ވަނަ އަހަރާއި އޭގެ ފަހުން އުފަންވާ މީހުންނަށް ދުންފަތް މަނާކުރުމަށެވެ. އެކަމަކު ވަޒީރުންގެ މަޖިލީހުން މި މަހުގެ 13 ވަނަ ދުވަހު ނިންމީ 2007 ވަނަ އަހަރާއި އެ އަހަރުގެ ފަހުން އުފަންވާ މީހުންނަށް ދުންފަތް މަނާކުރުމަށެވެ.
އަދި މި ނިންމުން ތަންފީޒުކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
އެގޮތުން ގާނޫނަށް އިސްލާހު ގެނެސް ތަސްދީގުކުރާ ތާރީހުން ފެށިގެން ގާނޫނަށް އަމަލުކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، މި އަހަރުގެ ނޮވެމްބަރު މަހު މި ގާނޫނަށް ތަންފީޒުކުރަން ފެށުމަށް ވެސް ކެބިނެޓުން ވަނީ ނިންމައިފައެވެެ.