ބަންޑާރަނައިބުގެ އިދާރާ ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމްކުރުމަށް ސަރުކާރުން ހުށަހެޅި ބިލު ކޮމިޓީ އާއި ތަޅުމުގައި އިސްލާހުކުރުމަށް ފަހު މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
ބަންޑާރަނައިބުގެ އޮފީސް މިހާރު ހިނގަމުން ދަނީ ސިިވިލް ސާވިސްގެ ދަށުންނެވެ. އެހެންވެ، ސިވިލް ސާވިސްގެ އުސޫލުތައް އެ އިދާރާ އަށް ހިނގައެވެ. އެކަމަކު ގާނޫނުއަސާސީގައިވާ ގޮތުން، ބަންޑާރަނައިބުގެ އޮފީހަކީ މިނިވަން އިދާރާއެކެވެ. އެހެންވެ ސަރުކާރުން ހުށަހެޅީ ސިވިލް ސާވިސް އިން ބަންޑާރަނައިބުގެ އޮފީސް ވަކިކުރުމަށެވެ.
މި ބިލު ފާސްކުރުމަށް ފެންނަ ކަމަށް، ވޯޓުގައި ބައިވެރިވި 64 މެންބަރުން ވެސް ވޯޓު ދެއްވިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ސަރުކާރުން ހުށަހެޅި މި ބިލުގައިވާ ގޮތުން:
- މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ޕޭ ކޮމިޝަންގެ ހަމަތަކާ އެއްގޮތަށް ފިނޭންސް މިނިސްޓަރު
- މުވައްޒަފުންނަށް އެކަށީގެންވާ ހެލްތު އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކުރުވުމުގެ އިހްތިޔާރު ލިބޭނެ
މި ބިލުގައި ބަންޑާރަނައިބުގެ ޝަރުތުތަކާއި ވާޖިބުތަކާއި ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތަފްސީލު ވެސް ބަޔާންކޮށްފައިވެއެވެ. ބިލުގައިވާ ގޮތުން މުވައްޒަފުން ދެ ބަޔަކަށް ބެހިގެން ވެއެވެ. އެއީ ގާނޫނީ ހިދުމަތާއި އިދާރީ ހިދުމަތެވެ. ބިލުގައިވާ ގޮތުން ގާނޫނީ ހިދުމަތުގެ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ ބަންޑާރަނައިބަށެވެ. އަދި އިދާރީ ހިދުމަތުގެ މުވައްޒަފުން އައްޔަންކޮށް ވަކިކުރުމުގެ ބާރު އޮންނަނީ އަމީންއާންމަށެވެ.
އިއްޔެގެ ޖަލްސާގައި ބިލު އަނބުރާ ގެންދިއުމަށް ފަހު ޖުޑީޝަރީ ކޮމިޓީން ރޭ ގެނައި މައިގަނޑު އިސްލާހަކީ ޑެޕިއުޓީ ބަންޑާރަނައިބު އައްޔަންކޮށް ވަކިކުރުމުގެ ބާރު ރައީސަށް ލިބޭ ގޮތަށާއި، ބަންޑާރަނައިބުގެ އޮފީހުގެ އޮނިގަނޑު ކަނޑައަޅާނީ ބަންޑާރަނައިބު ކަން ބިލުގައި ހިމެނުމަށެވެ.