ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން އިންސާނުންގެ މެދުގައި ފެތުރިގެން ދިޔައީ، ޕެންގޮލިންސްގެ ބޭރު ތޮށީގައި ވާ "ހުޅުނބު" ތައް ގޭނުމުގެ ސަބަބުން ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވުމާ އެކު، ޗައިނާއިން ވަރުގަދަ ރައްދެއް ދީފިއެވެ.
ކޮވިޑް-19ގެ އަސްލަކީ ޗައިނާ ކަމަށް ގައުމުތަކުން ބުނާ ބުނުމާ ދެކޮޅަށް ހަލުވި ރޫހެއްގައި ދިފާއަށް ތެދުވާ ޗައިނާއިން ބުނީ، ކޮވިޑް-19 ފެތުރުނީ ޕެންގޮލިންސްގެ ހުޅުނބު ގޭނުމުގެ ސަބަބުން ކަމަށް ދޭހަވާފަދަ މޭރުމަކުން ޖޯންސަން ދެއްކެވި ވާހަކަފުޅަކީ، އެއްވެސް އަސާސެއް ނެތް، ނުރަނގަޅު މައުލޫމާތު ތަކެއްގެ މައްޗަށް ބިނާ ކުރައްވައިގެން ދެއްކެވި ވާހަކަފުޅެއް ކަމަށެވެ.
ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2)ގެ ނަން ދީފައިވާ ވައިރަހުގެ އަސްލަކީ ކޮބައި ކަމާ މެދު ޖޯންސަން ވަކާލާތު ކުރެއްވީ، ހޯމަ ދުވަހު އޮތް ތިމާވެށީގެ ސަމިޓަކަށް ދެއްވި ތަގުރީރުގައެވެ.
ޕެންގޮލިންސްގެ ހުޅުނބު ގޭނުމުގެ މަސައްކަތް ބަޔަކު ކުރަނީ، ރޫހީ ބޯދާ ގަބޫލު ކުރުން ތަކެއްގެ ސަބަބުން ކަމަށާ، ކޮވިޑް-19އަކީ، ގުދުރަތީ ދުނިޔެއާއި އިންސާނާއާ ދެމެދު އޮތް ގުޅުމުގެ ބެލަންސް ނެތުމުގެ ނަތީޖާ ކަމަށްވެސް، މި ސަމިޓްގައި ތަގުރީރު ކުރައްވަމުން ޖޯންސަން ވަނީ، އިޝާރާތް ކުރައްވާފައެވެ.
މިކަމަށް ރައްދު ދެއްވަމުން ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ޝާއޯ ލީޖިއާން ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަސްލު ދެނެގަތުމަށް ފަރުވާތެރި ކަމާއެކު ފުޅާ ދާއިރާއެއްގައި ދިރާސާތަކެއް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އެއްވެސް ބުރަދަނެއް އަދި އަސާސެއް ވެސް ނެތް ވާހަކަތަކެއް ދެއްކެވުމަކީ، ވައިރަހުގެ އަސްލު ދެނެގަތުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އޮތް ބަދަހި ކަމުގެ ގުޅުމަށް ވެސް އެޅޭ ހުރަހެއް ކަމަށެވެ.
ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރެކޯޑް ކުރަން ފެށީ ޗައިނާގެ ވޫހާން ސީޓި އިން ނެވެ. ނަމަވެސް އޭއީ ވައިރަހުގެ ހަގީގީ ފެށުމަށް ނުވެދާނެ ކަމަށް ޗައިނާއިން ދަނީ ތަކުރާރު ކޮށް ބުނަމުންނެވެ. މި ވައިރަހުގެ އަސްލު ދެނެގަތުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޓީމެއް، މާދަމާގެ ވަގުތެއްގައި ޗައިނާއަށް ދަތުރުކުރާނެ ކަމަށް ހަބަރު ލިބެއެވެ.