ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅިގެން ހަދަންޖެހޭ ޖެނެޓިކް ސީކުއަންސިންގެ މަސައްކަތްތައް މިހާރަށް ވުރެ ފުޅާ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގޮވާލައިފިއެވެ.

ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް) އަށް އަންނަ ނުރައްކާތެރި ބަދަލުތަކަށް ސަމާލުވުމުގެ ގޮތުން، ކޮވިޑް-19 އަށް ސާމްޕަލް ނަގާ، އެ ސާމްޕަލްތަކުގެ ސީކުއެންސިން ހެދުމުގެ މަސައްކަތް ކުރާ ގައުމުތަށް މިހާރަށް ވުރެ އިތުރު ކުރުމަށް ވެސް ޑަބްލިއުއެޗްއޯއިން ވަނީ ގޮވާލާފައެވެ.

ޑަބްލިއުއެޗްއޯގެ ރިސާޗް އެންޑް ޑިވަލޮޕްމަންޓް ބްލޫޕްރިންޓްގެ އިސްވެރިޔާ ޑރ އޭނާ މާރިއާ ހެނާއޯ ރެސްޓްރެޕޯ ވިދާޅުވީ، ގުޅިފައިވާ އަމާޒަކީ ކަންބޮޑުވާން ޖެހޭ ވޭރިއަންޓް ތައް ދެނެގަނެ، އެ ދިރާސާކޮށް، ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް އެކަމުން ކުރާނެ އަސަރުތައް ފަހުމް ވުމަށް، ބައިނަލްއަގުވާމީ ފެންވަރުގައި ހަރުދަނާ ނިޒާމެއް ގާއިމުކޮށް، މި ރޭހުގައި ކުރި ހޯދުން ކަމަށެވެ.

މި އުސޫލުން މިހާތަނަށް 350000 ސީކުއަންސެއްގެ މައުލުމާތު އާންމު ކޮށް، ހިއްސާ ކޮށްފައި ވާ ކަމަށާ، ނަމަވެސް މި މައުލޫމާތު ތަކަކީ މަދު ގައުމުތަކަކުން ލިބުނު މައުލޫމާތު ތަކެއް ކަން، ޑަބްލިއުއެޗްއޯއިން ކޮވިޑް-19 އަށް ކަނޑައަޅާފައި ހުންނަވާ ޓެކްނިކަލް ހެޑް، ޑރ މާރިއާ ވާން ކެރްކޯފް ވަނީ ވިދާޅުވެފައެވެ. ވައިރަހަށް އަންނަ ބަދަލުތަކަށް ލޯ ހުޅުވާ، ކަންފަތް ދިނުމަށްޓަކައި، ޖިއޮގްރަފީ ގޮތުން ބޮޑު ސަރަހައްދެއް ކަވަރު ކުރެވޭނެ ފަދައަކުން ސީކުއަންސް ކުރުމުގެ މަސައްކަތް ފުޅާ ކުރުމަށްވެސް ޑރ މާރިއާ ވަނީ ގޮވާލައްވާފައެވެ.

ދާއިރާގެ 1750 އެއްހާ ތަޖުރިބަކާރުންނާ އެކު ވާޗުއަލް ޕްލެޓްފޯމެއްގައި ޑަބްލިއުއެޗްއޯއިން ވަނީ މިކަމާ ބެހޭ ހާއްސަ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި، ޖެނެޓިކް ސީކުއަންސިންގް ކެޕޭސިޓީ އިތުރު ކުރުމަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދިނުމަށްވެސް ޑަބްލިއުއެޗްއޯއިން ނިންމާފައި ވާކަން ވަނީ އިއުލާން ކޮށްފައެވެ.

މި ދަނޑިވަޅަކީ ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް ތަކެއް ދެކުނު އެފްރިކާއާއި އިނގިރޭސިވިލާތުން ފާހަގަ ކުރެވި، ދުނިޔޭގެ އެކި މަންޒިލްތަކަށް ފެތުރިފައިވާ ދަނޑިވަޅެކެވެ. ދެކުނު އެފްރިކާއިން ފެނުނު ވޭރިއަންޓް 12 ގައުމަކުން ފެނިފައި ވާއިރު، އިނގިރޭސިވިލާތުގެ ވޭރިއަންޓް ފެނުނު ގައުމުތަކުގެ އަދަދު 50 އަށް އަރައެވެ.