ވ. ތިނަދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، މީހަކު ފިހިއްޖެއެވެ.

ފުލުހުން ބުނީ ތިނަދޫ ބަނދަރުގައި އޮތް ލޯންޗެއް ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 07:49 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން އަލިފާން ރޯވެފައިވަނީ ލޯންޗު ސްޓާޓް ކުރި ވަގުތު ބެޓެރީގައި ރޯވެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާދިސާ ހިނގި އިރު ލޯންޗުގައި ހުރި މީހެއްގައި ފައި ފިހި އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިހާދިސާގައި އަލިފާން ރޯވި ލޯންޗުގައި ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، އަޑިއަށް ގޮސްފައި ކަމަށެވެ.

މިހާދިސާ އާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަހަރުގެ މިހާތަނަށް އަލިފާނުގެ ތަފާތު ހާދިސާތައް ރާއްޖޭގައި ވަނީ ހިނގާފައެވެ. އެގޮތުން ކ.އަތޮޅުގައި ހިންގާ ވަރު އައިލެންޑް ރިސޯޓުގެ ވަޑާންގޭގައި އަލިފާނުގެ ހާދިސާއެއް ރޭ ވަނީ ހިނގާފައެވެ.

އޭގެ އިތުރުން މިމަހު ނުވަ ވަނަ ދުވަހު ށ. ކަނޑިތީމު ފަޅުގައި އޮތް ޕެޓްރޯލް އުފުލާ ދޯންޏެއްގައި ރޯވެ ވަނީ އަދާފައެވެ. އަދި މިމަހު ފަސް ވަނަ ދުވަހު ވެސް ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. އޮޅުވެލި ރިސޯޓުގެ ގެސްޓް ރޫމެއްގައި ރޯވި އަލިފާންގަނޑެއް ފެތުރި، ހިނގި އެ ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް 2 ރޫމެއް ވަނީ އަނދާފައެވެ.