ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ވިޔަފާރި ޔުނިޓްތައް ބެލުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ ހިޔާ މަޝްރޫއުގައި ހިމެނޭ ވިޔަފާރި ޔުނިޓުތައް ބެލުމުގެ ފުރުސަތު ކުރިން ހުޅުވާލި ނަމަވެސް ،ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން، އެފުރުސަތު ރަޖިސްޓްރީ ކުރި ފަރާތްތަކަށް ދެވިފައި ނުވާ ކަމަށެވެ.

އެޗްޑީސީގެ ހުޅުމާލެ ފޭސް 2 ގެ ހިޔާ މަޝްރޫއުގައި ހިމެނޭ ވިޔަފާރި ޔުނިޓުތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާތީ އާއި ކުރިއަށް އޮތްތަނުގައިވެސް ހިޔާ މުޝަރޫއުގެ އިތުރު ވިޔަފާރި ޔުނިޓުތަކަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާތީ، މި ޔުނިޓްތައް ބެލުމަށް ރަޖިސްޓާކުރުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެހެންކަމުން މި ވިޔަފާރި ޔުނިޓްތައް ބެލުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ލިންކް މެދުވެރިކޮށް ޖަނަވަރީ 10، 2021 ވަނަ ދުވަހުން ފެށިގެން ޖަނަވަރީ 17، 2021 ގެ މެންދުރު 12:00 ގެ ކުރިން އޮންލައިން ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

ކޮވިޑާ ގުޅިގެން އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެ ތާރީހުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި (ބަދަލުގައި އަންނާނެ ފަރާތްތައް ހިމެނޭ ގޮތަށް) އަދި ރަޖިސްޓްރީކޮށްފައިވާ ފަރާތާއެކު އަންނަ އިތުރު އެއްވެސް ފަރާތަކަށް މި ޔުނިޓްތައް ބެލުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ ރަޖިސްޓްރީކުރާ ފަރާތްތަކާއެކު ވިޔަފާރި ޔުނިޓްތައް ދެއްކުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތުގެ ތަފްސީލް ފަހުގެ ތާރީހެއްގައި ހިއްސާކުރާނެ ކަމަށެވެ.