ކ.އަތޮޅުގައި ހިންގާ ވަރު އައިލެންޑް ރިސޯޓުގެ ވަޑާންގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ މެންދަމު 02:48 ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައި ވަނީ ފަޔާމަނުން ކުރި މަސައްކަތުން ރޭ ފަތިހު 05:39 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެ ރިސޯޓުގެ ވަޑާންގެ އާއި އެތަނާ ޖެހިގެން ހުރި ސްޓާފް ކުއާޓާސްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި އިތުރު ތިން ގުދަނެއް ހުރި އިރު މި އިން އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އަދި މި ހާދިސާގައި އެއްވެސް މީހަކަށް ވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.

މި ރިސޯޓުގައި ހިނގި މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ރީތިރަށް ރިސޯޓުން ވެސް އެހީތެރިކަން ފޯރުކޮށް ދީފައި ވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެއެވެ.

މިމަހު ފަސް ވަނަ ދުވަހު ވެސް ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. އޮޅުވެލި ރިސޯޓުގެ ގެސްޓް ރޫމެއްގައި ރޯވި އަލިފާންގަނޑެއް ފެތުރި، ހިނގި އެ ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް 2 ރޫމެއް ވަނީ އަނދާފައެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 13 ވަނަ ދުވަހު ހއ މަނަފަރު ރިސޯޓް ގައި ހުންނަ އިންޖީނު ގޭގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައި ވެއެވެ.