ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ފެއިލްވެވަޑައިގެންނެވި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއެކު ކުރަމުން ދިޔަ މުއާމަލާތުތައް ހުއްޓާލުމަށް ވަރުގަދަ ބޭންކުތަކަކުން ނިންމައިފިއެވެ.

ހުސްވި ހަފުތާގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް އިދާރާ ލޫޓުވާ، މުދަލާތަކެއްޗަށް ގެއްލުން ދިން ހަމަނުޖެހުންތަކާ ގުޅިގެން ޓްރަމްޕާއެކު މުއާމަލާތު ކުރުން ހުއްޓާލަން އެންމެ ފަހުން ނިންމި ބޭންކަކީ ޖަރުމަނުވިލާތުގެ ޑޯޗު ބޭންކެވެ.

ޓްރަމްޕް މިހާރުވެސް މި ބޭންކަށް 300 މިލިއަން ޑޮލަރު ދައްކަން ޖެހިވަޑައިގަންނަވާ ކަމަށް މައުލޫމާތު ލިބެއެވެ.

ބިލިއަނަރު ޓްރަމްޕާއެކު މުއާމަލާތު ކުރުން ހުއްޓާލި ބޭންކުތަކުގެ ތެރޭގައި ޓްރަމްޕް އެންމެ ގަޔާވެވަޑައިގަންނަވާ ބޭންކުތަކެއްވެސް ހިމެނެއެވެ. އެގޮތުން ޓްރަމްޕްގެ އާއިލީ ވިޔަފާރިއާއެކު އެތައް އަހަރެއް ވަންދެން މުއާމަލާތް ކުރަމުން ދިޔަ އެމެރިކާގެ ސިގްނޭޗާ ބޭންކުންވެސް ވަނީ މިފަދަ ނިންމުމެއް ނިންމާފައެވެ. ސިގްނޭޗާ ބޭންކުން ދަނީ ޓްރަމްޕްގެ އިސްތިއުފާއަށްވެސް ގޮވާލަމުންނެވެ.

ސިގްނޭޗާ ބޭންކުގައި އޮތް ޓްރަމްޕްގެ އަމިއްލަފުޅު 2 އެކައުންޓެއް ބަންދު ކުރަން ނިންމާފައި ވާއިރު، މި އެކައުންޓްތަކުގައި 5.3 މިލިއަން ޑޮލަރު އެބަހުރިކަމަށް މައުލޫމާތު ލިބެއެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ ސުލްހަވެރި ރޫހެއްގައި ބަލައިގެންނެވުމަށް އިންކާރު ކުރައްވާ، އަސާސެއް ނެތް އިލްޒާމްތަކެއް ފެންމަތި ކުރައްވާ، ހަމަނުޖެހުންތަކަށް ހިތްވަރު ދެނިވި ރޫހެއްގައި ވާހަކަފުޅު ދައްކަވަމުން ގެންދަވާ ޓްރަމްޕާ ދެކޮޅަށް، ސޯޝަލް މީޑިއާ ކުންފުނިތަކުން ވެސް ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

މި ދަނޑިވަޅަކީ އެމެރިކާގެ ރައީސް ކަމުގެ މަގާމުން ޓްރަމްޕް އަޒުލު ކުރުމުގެ މަސައްކަތް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފޯރީގައި ކުރިއަށް ގެންދާ ދަނޑިވަޅެއްވެސް މެއެވެ.