އަވަށްޓެރި އިންޑިއާގެ އެކި ސަރަހައްދުތަކުން ދޫނި ރޯގާގެ ކޭސްތައް ކަށަވަރު ކުރަމުންދާއިރު، އެކަމުގެ ބިރާ ހެދި، އެ ގައުމުގެ ބާޒާރުތަކުގައި ކުކުޅާއި ކުކުޅު ބިހުގެ އަގުތައް އިންތިހާއަށް ދަށަށް ހިނގައްޖެއެވެ.

ޕޫނާގެ ބާޒާރުތަކުގައި ހޯލްސޭލް ކުކުޅުގެ އަގުތައް ދަށަށް ގޮސްފައި ވާ ގޮތަށް ބަލާއިރު، ކުކުޅު ކިލޯއެއްގެ އަގު ވަނީ، 82.48 ރުޕީޒްއިން 58.23 ރުޕީޒްއަށް ދަށަށް ގޮސްފައެވެ. ކުކުޅު ބިހުގެ އަގުތަކަށް ބަލާއިރު، މިމަހުގެ 1 ވަނަ ދުވަހު 100 ބިސް ވިއްކީ 550 ރިޕީޒްއަށް ނަމަވެސް، ހޮނިހިރު ދުވަހު މިއަދަދު ވަނީ 490 ރިޕީޒްއަށް ވެއްޓިފައެވެ.

މިއާއެކު ނާމްސޫފީގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ، މިއީ ވަގުތީ ވެއްޓުމެއް ކަމަށް އުއްމީދު ކުރާ ކަން ހާމަކޮށްފައެވެ. މި ސިނާއަތަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އިންތިހާ ގެއްލުމާ ކުރިމަތިލާން ޖެހުނު ސިނާއަތެކެވެ. ނާމް ސޫފީގެ ވިޔަފާރި މިހާރުވެސް ހިނގަމުން ދަނީ އާންމު ދުވަސްވަރާ އަޅާ ބަލާއިރު 70 ޕަސެންޓްގައެވެ.

ޕީޕީއީ ލައިގެން ހުރި މީހަކު ދޫންޏެއް ހިފައިގެން / ފޮޓޯ: ސީއެންބީސީ ޓީވީ18

އޭވިއަން އިންފުލުއެންޒާގެ ކޭސްތައް ރިޕޯޓް ކުރަމުން އަންނަ ސަރަހައްދުތަކަށް ބަލާއިރު، ހިމާޝަލް ޕްރަދޭޝް، ރާޖަސްތާނު، ކެރަލާ އަދި މަދްޔާ ޕްރަދޭޝް ފާހަގަ ކުރެވެއެވެ.

މަހާރާޝްތްރާ ސްޓޭޓުންވެސް ކުކުޅާއި އެނޫންވެސް ދޫނިތައް މަރުވަމުން ދާއިރު، ސާމްޕަލް ނަގާ، ވައިރަހަށް ޓެސްޓު ކުރަން ފޮނުވާފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ދޫނި ރޯގާއަކީ އިންސާނުންގެ ހަށިގަނޑަށްވެސް ވާރުތަވާ ބައްޔަކަށް ވާއިރު، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ކުކުޅު ބިހާއި އެއްގަމު މަސް ރަނގަޅަށް ކައްކައިގެން ބޭނުން ކުރުމަށް އާންމުންނަށް ގޮވާލާފައެވެ.

ދޫނި ރޯގާއަކީ ކޮބާ؟

ދޫނި ރޯގާ ނުވަތަ އޭވިއަން އިންފްލުއެންޒާއަކީ ދޫނިތަކާއި އިންސާނުންގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މިއީ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. ދޫނި ރޯގާ ކިޔެނީ މިވައިރަސްގެ ސަބަބުން ޖެހޭ ރޯގާ ވަލު ދޫނި ތަކާއި، ހިޖުރަކުރާ ދޫނިތަކުގެ މެދުގައި އާންމުކަމުންނެވެ. މިބަލީގެ ޖަރާސީމު ބަލިޖެހިފައިވާ ދޫނީގެ ނަޖިހުގަޔާއި، ނޭވާލާ ނިޒާމުގައި ހުންނަ ދަވައިގަޔާއި، ލޭގައި ހުރެއެވެ.

އިންޑިއާގައި ދޫނިތަކެއް މަރުވެފާ / ފޮޓޯ: ދަ ޕްރިންޓް

ދޫނި ރޯގާ އިންސާނުންނަށް ޖެހޭކަން ފުރަތަމަ ފަހަރަށް ފާހަގަވެފައިވަނީ 1997 ވަނަ އަހަރު ހޮންގްކޮންގް އިންނެވެ. މިހާތަނަށް މިބަލި ޖެހުނު މީހުންގެ ނިސްބަތަށް ބަލާއިރު ބަލީގައި މަރުވި ނިސްބަތް އިތުރެވެ. އަދި މިއީ މުސްތަގުބަލްގައި ވަބާއެއްގެ ސިފައިގައި ހަލުކަމާއެކު ފެތުރިގެން ދިއުމުގެ ނުރައްކާތެރިކަން އޮތް ބައްޔެއް ކަމަށްވެސް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން މީގެ 10 ވަރަކަށް އަހަރު ކުރިން ވަނީ ލަފާކޮށްފައެވެ. އާދައިގެ އަރިދަފުސް ރޯގާއެއްގެ ސިފައިގައި ބަލީގެ އުދަނގޫތައް ފެނުމަށްފަހު، ބަލީގެ ފަހުކޮޅުގައި ނުރައްކާތެރި ނިއުމޯނިޔާ އަށް ބަދަލުވެ، ފުރާނައަށް ނުރައްކާވުމަކީ ވެދާނެ ގޮތެކެވެ. އިންސާނުންގެ ތެރޭގައި އެކަކު ގައިން އަނެކާގެ ގަޔަށް ދޫނި ރޯގާ ފެތުރޭކަން އަދި އެނގިފައެއް ނުވެއެވެ.

ދޫނި ރޯގާއިން ރައްކާތެރި ވާނީ ކިހިނެއް؟

ދޫނި ރޯގާއިން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކެއް، ރާއްޖޭގައި މަސައްކަތް ކުރައްވާ ސިއްހީ ތަޖުރިބާކާރެއް ކަމަށްވާ ޑރ ޢަބްދުލްޢަޒީޒު ޙަމީދު ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން، ކުރެވިދާނެ ނުވަތަ ސަމާލުވާންވީ ކަންކަމުގެ ތެރޭގައި:

  • ކުއްލިއަކަށް މަރުވާ ނުވަތަ ބަލިޖެހިފައިވާ ކުކުޅާއި، ދޫނީގައި އަތްނުލުން
  • ބަލިވެފައިވާ ކުކުޅާއި، ދޫނި ކަތިލާ އޭގެ ފަތްނޮޅާ އަތްލާ ހެދުން
  • ކުކުޅު ނުވަތަ ދޫނި ފަދަ ތަކެތީގައި ބަލީގެ ޖަރާސީމު ހުރެދާނެ ކަމަށްޓަކައި، ކުޑަކުދިން އޭގައި އަތްލާ އުފުލާ، އަދި ކުޅެ އުޅުނަ ނުދިނުން
  • ކުކުޅާއި ދޫނި ފަދަ ތަކެތީގައި އަތްލުމަށްފަހު، އަބަދުވެސް ސައިބޯނިލައިގެން ރަގަޅަށް އަތްދޮވުން
  • ކުކުޅު ނުވަތަ ދޫނި ފަދަ ތަކެއްޗާއި ކައިރިވެ އުޅުމުގައި، އަނގަޔާއި ނޭފަތް މާސްކަކުން ނިވާކުރުން
  • ކުކުޅާއި ދޫނި ފަދަ ތަކެތީގައި އަތްލައި ހެދުމަށް ފަހު ސައިބޯނިލައިގެން އަތޮދޮވެގެން މެނުވީ، އަނގަ،ނޭފަތް، އަދި ލޮލުގައި އަތްލައިނުހެދުން
  • ކުކުޅު މަހާއި ބިސް ކެއުމުގެ ކުރިން ރަގަޅަށް ރޯފިލަންދެން ކެއްކުން
  • ރޯކުކުޅާއި، ބިސް (ކެއްކުމާއި ނުލައި) ބޭނުން ނުކުރުން
  • މީހުންއުޅޭ ރަށެއްގައި ދޫނި ރޯގާގެ އަސަރު ފެނިފައިވާނަމަ، އެހިސާބަކަށް ނުދިއުން
  • ކުކުޅުގެ ނަޖިސް ގަސްކާނާގެ ގޮތުގައި ބޭނުންނުކުރުން
  • އާދަޔާ ޚިލާފަށް ދޫންޏާއި ކުކުޅު މަރުވާނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް ލަސްނުކޮށް އެންގުން
  • މަރުވާ ދޫންޏާއި ކުކުޅު ނައްތާލުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން

ކުކުޅު ނުވަތަ ދޫނި ގެންގުޅޭ، އުޅޭ ސަރަހައްދަކާއި، ތަނަކާއި ކައިރިވެ އުޅުމަށްފަހު، އަރިދަފުސް ރޯގާ އާއި ވައްތަރު އަލާމާތް ހުރެ ބަލިވެއުޅޭނަމަ، ޑޮކްޓަރަކާއި، ނުވަތަ ސިއްހީ ހިދުމަތްތެރިއަކާ ވާހަކަ ދެއްކުން މުހިންމު ކަމަށް ޑޮކްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

އިންޑިއާގައި ދޫނިތަކެއް މަރުވެފާ / ފޮޓޯ: ދި އިންޑިއަން އެކްސްޕްރެސް

އިންސާނުންނަށް މިބަލި ޖެހެނީ މިތަކެއްޗާއި ގައިގޯޅިވެ އުޅުމުގެ ސަބަބުން ނޭގުމުގެ ތެރޭގައެވެ. ބޮޑެތި މީހުންނަށް މިބަލި ޖެހެނީ މިތަކެތި ކަތިލުމަށް ނުވަތަ މިތަކެތީގެ ފަތްނޮޅުމަށް އުޅޭ އުޅުމުގެ ތެރޭގައެވެ. ނުވަތަ ކަތިލާފައިވާ ބަލިޖެހިފައިވާ ދޫނިންނެވެ. ކުޑަކުދިންނަށް މިބަލިޖެހެނީ ބަލިޖެހިފައި ހުންނަ ދިރޭ ކުކުޅާއި، މަރުވާ ކުކުޅާއެކު ކުޅެއުޅުމުގެ ތެރޭގައި ކަމަށް ބުނެވެއެވެ.