ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން އިންތިހާ ނުރައްކާ ދަރަޖައަކަށް ފެތުރެމުން އަންނަ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބުތު 2 ވަނަ އާއި ފިރިކަލުން، ޑިއުކް އޮފް އެޑިންބާވެސް ކޮވިޑް ވެކްސިން ޖައްސަވާފައި ވާ ކަން، ބަކިންގްހަމް ޕެލަސްއިން ކަށަވަރު ކޮށްދީފިއެވެ.

ޝާހީ މަސްދަރަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ރާނީ އާއި ފިރިކަލުންނަށް ކޮވިޑް-19ގެ ވެކްސިން ޖައްސަވާ ދެއްވީ، ވިންޑްޒާ ކާސަލްގައި ހުންނަވާ ހާއްސަ ޑޮކްޓަރެވެ. ރާނީއާއި ފިރިކަލުން ކޮވިޑް ވެކްސިން ޖެއްސެވި މަންޒަރު އަދި އާންމު ކޮށްފައެއް ނުވެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ލެބެއްގައި މާސްކެއް ތުރުކުރައްވައިގެން / ފޮޓޯ: ޑެންވާ7

އުމުރުފުޅުން 94 އަހަރުގެ ރާނީ އެލިޒަބަތު 2 ވަނައާއި، އުމުރުފުޅުން 99 އަހަރުގެ ފިރިކަލުން ޕްރިންސް ފިލިޕް، ކޮވިޑް ވެކްސިން ޖައްސަވާ، އެކަން އިއުލާން ކުރެއްވީ، ކޮވިޑް-19 އާއި ވެކްސިނާ ގުޅިގެން ދެކެވޭ އިތުބާރު ކުޑަކުރަނިވި ވާހަކަތަކަށް ހައްލެއް ހޯއްދެވުމަށް ރާނީ ބޭނުންފުޅު ވެގެން ކަމަށް ހަބަރު ލިބެއެވެ.

ރާނީގެ ދަރިކަލުން އަދި އިނގިރޭސި ވަލީއަހުދު ޗާލްސް ވަނީ، 2020 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އުމުރުން 72 އަހަރުގެ ޗާލްސްއަށް ބަލީގެ މާ ބޮޑު ތަކުލީފެއް އުފުއްލަވަން ޖެހިވަޑައި ނުގަންނަވާ ކަމަށް މައުލޫމާތު ލިބެއެވެ.

އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް ޗާލްސް/ފޮޓޯ: ކޭޓީއެލްއޭ

ވަލީއަހުދުގެ ދަރިކަލުން، ޕްރިންސް ވިލިއަމްވެސް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިކަން ހާމަވީ މިއަހަރު ކަމުގައި ވީ ނަމަވެސް، ވިލިއަމް ކޮވިޑް-19 އަށް ޕޮޒިޓިވްވި ވަކި ދުވަސްވަރެއް ކަށަވަރެއް ނުވެއެވެ.

އިނގިރޭސި ވަލީއަހުދުގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމް / ފޮޓޯ: އާރްއެފްއައި

މި ދަނޑިވަޅަކީ އިނގިރޭސިވިލާތުން ރެކޯޑް އަދަދުތަކުން ކޮވިޑް-19ގެ ކޭސްތައް ރިޕޯޓް ކުރަމުން އަންނަ ދަނޑިވަޅެކެވެ. އަދި އިނގިރޭސިވިލާތުން އަލަށް ފެނުނު ކޮރޯނާވައިރަހުގެ ވޭރިއަންޓާއެކު ބަލި ފެތުރެމުން ދަނީ އިންތިހާ ހަލުވި ދުވެލީގައި ކަންވެސް ފާހަގަ ކުރަންޖެހެއެވެ. އެ ގައުމުން ވަނީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ލޮކްޑައުންގެ ހަރުކަށި އަމުރުތަކެއްވެސް އިއުލާން ކޮށްފައެވެ. އަދި ވީހާވެސް ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އިނގިރޭސިވިލާތުން ދަނީ ވެކްސިން ދިނުމުގެ މަޝްރޫއުވެސް ފުޅާ ދާއިރާއެއްގައި ހިންގަމުންނެވެ.