ސައުދީ އަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ވެކްސިން ޖައްސަވައިފިއެވެ.

ސަލްމާން ރަސްގެފާނު ކޮވިޑް-19 ވެކްސިން ޖެއްސެވީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. ސައުދީގެ ދައުލަތުން ކޮންޓްރޯލް ކުރަމުން އަންނަ ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ވަނީ، ސަލްމާން ރަސްގެފާނު ކޮވިޑް ވެކްސިން ޖެއްސެވި ވީޑިއޯ މަންޒަރުތައް އާންމުކޮށްފައެވެ.

ސައުދީގެ ސިއްހަތާ ބެހޭ ވަޒީރު ޑރ ތައުފީގު ބިން ފައުޒާން އަލް-ރާބިއާ ވަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެށުނު ހިސާބުން ސަލްމާން ރަސްގެފާނުގެ ފަރާތްޕުޅުން ސައުދީގެ ރައްޔިތުންނާއި ރަށްވެހިންނަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެހީ ފާހަގަ ކުރައްވާ، އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

ސައުދީ އަރަބިއްޔާއިންވެސް ބޭނުން ކުރަނީ ފައިޒާއާއި ބައޮއެންޓެކުން ތަރައްގީ ކޮށްފައި ވާ ކޮވިޑް ވެކްސިން / ފޮޓޯ: ބިޒްނަސް ސްޓޭންޑަޑްސް

ސަލްމާން ރަސްގެފާން ވެކްސިން ޖެއްސެވި ކަމީ، ބަލި ޖެހުމުގެ ކުރިން އެ ބައްޔަކުން ދިފާއު ހޯދުމުގެ މުހިންމު ކަން އަންގައި ދެނިވި ރަމްޒެއް ކަމަށްވެސް އަލް-ރާބިއާ ވަނީ ސިފަކުރައްވާފައެވެ.

ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ޖެހުމަށް ހިތްވަރު ދެއްވުމުގެ ގޮތުން، އެކި ލީޑަރުން ގެންދަވަނީ ފާޅުގައި ކޮވިޑް-19ގެ ވެކްސިން ޖައްސަވަމުންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން (ކޮވިޑް-19) ވެކްސިން ޖެއްސެވުމުގެ މަރުހަލާގެ ތެރޭގައި / ފޮޓޯ: ކާރޭ11

ސައުދީ އަރަބިއްޔާއަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރި، އަދި މިހާރުވެސް އެފަދަ ބައެއް ފިޔަވަޅުތައް ހިކުމަތްތެރި ކަމާއެކު ތަންފީޒު ކުރަމުން އަންނަ ގައުމެކެވެ. ސައުދީ އިން ވަނީ ކޮވިޑް-19އާ ދެކޮޅަށް އެ ގައުމަށް ނަސްރު ލިބިފައި ވާ ކަންވެސް އިއުލާން ކޮށްފައެވެ.

އެންމެ ފަހުން، ހުކުރު ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ސައުދީއިން ކޮވިޑް-19ގެ ކޭސްތައް ރެކޯޑް ކުރީ 100 އިން ދަށުގެ އަދަދަކުން ކަން ފާހަގަ ކުރަންޖެހެއެވެ. ހުކުރު ދުވަހު ސައުދީއިން މި ބައްޔަށް ޕޮޒިޓިވްވި ކަމަށް އިއުލާން ކުރީ 97 ކޭހެކެވެ. އަދި 24 ގަޑިއިރު ތެރޭގައި 4 މީހަކު މަރުވި ކަމަށް ސައުދީ އިންވަނީ ރިޕޯޓް ކޮށްފައެވެ.