އިންސާނީ ހަޟޯރާތް ފެތުރިފައިވާ މި ދުނިޔެ މިހާރު އެނބުރެމުން ދަނީ، ފާއިތުވީ 50 އަހަރު ދުވަހުގެ ތެރޭގައިވެސް އެނބުރިފައި ނުވާހާ ހަލުވި ދުވެއްޔެއްގައެވެ.

ސައެންސްވެރިން ގަބޫލު ކުރާ ގޮތުގައި މި ދުނިޔެއަށް މިހާރު އަލިވިލޭ ކޮންމެ ދުވަހެއްގެ ދިގު މިން، 24 ގަޑިއިރަށް ވުރެ މަދުވާނެއެވެ. މި ކަން މެދުވެރިވަނީ ދުނިޔޭގެ ރޮޓޭޝަން ނުވަތަ، ދުނިޔެ އޭގެ ޒާތުގައި އެނބުރެމުން ދާ ދުވެލި ހަލުވި ވުމުގެ ސަބަބުންނެވެ. ފާއިތުވީ 50 އަހަރެއްހާ ދުވަހަށް ބަލާއިރު މި ދުވެލި އަންނަނީ އަވަސް ވަމުންނެވެ.

ދުނިޔެ ރަމްޒު ކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ޔޫޓިއުބް

2020 ވަނަ އަހަރަށްފަހު، ދުނިޔޭގެ ކޮންމެ ދުވަހެއްވެސް 24 ގަޑިއިރަށް ވުރެ ކުރުމަށް ބުނާއިރު، ތާރީހު ލިޔަން ފެށިފަހުން ދުނިޔެ ދުށް އެންމެ ކުރު ދުވަސްވެސް އައިސްފައި ވަނީ 2020 ވަނަ އަހަރުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ދުވަހަކީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހެވެ. އެއީ، 1960ގެ އަހަރުތަކުގައި ސައެންސްވެރިން މި މައުލޫމާތު އެއް ކުރަން ފެށިފަހުން އައި އެންމެ ކުރު ދުވަސްކަމަށް ބުނެވެއެވެ.

2020 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހަކީ، އާންމު އެހެން ދުވަސްތަކުގައި ހިމެނޭ 24 ގަޑިއިރަށް ބަލާއިރު، 1.4602 ސިކުންތު ކުރު ދުވަހެކެވެ.

ދުނިޔެ އެނބުރެމުންދާ ދިއުން ރަމްޒު ކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ދި އެޓްލާންޓިކް

އިންޓަނޭޝަނަލް އާތު ރޮޓޭޝަން އެންޑް ރިފަރެންސް ސިސްޓަމްސް ސާވިސް (އައިއީއާރްއެސް) އިން ވަނީ، ދުނިޔޭގެ ވަގުތާ ގުޅޭ ހިސާބު ކިތާމަށް، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލީޕް-ސެކަންޑް އިތުރު ނުކުރާނެ ކަން އިއުލާންކޮށްފައެވެ.

ޓައިމް އެންޑް ޑޭޓް ޑޮޓް ކޮމްއާ ހަވާލާދީ ޔާހޫ ނިއުސްއިން ރިޕޯޓް ކުރާ ގޮތުގައި، 2020 ވަނަ އަހަރަކީ، އެންމެ ކުރު 28 ދުވަހެއް ރެކޯޑް ކުރި އަހަރެކެވެ. މީގެ ކުރިން، އެންމެ ކުރު ދުވަހެއް ރެކޯޑް ކުރީ 2005 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ. އެ ދުވަހަކީ 86400 ސިކުންތަށްވުރެ 1.0516 މިލި ސެކަންޑް ކުރު ދުވަހެކެވެ.

ލީޕް ސެކަންޑަކީ، ވަގުތު ހަމަ ކުރުމަށް އިތުރު، ލީޕް އިއާގެ އުސޫލުން އިތުރު ކުރާ ސިކުންތަކަށެވެ. އައިއީއާރްއެސްގެ ރެކޯޑްތަކަށް ބަލާއިރު 1970ގެ އަހަރުތަކުން ފަށައިގެން މިހާތަނަށް، 27 ދުވަހަށް ލީޕް ސެކަންޑް ވަނީ އިތުރު ކޮށްފައެވެ. އެންމެ ފަހުން ލީޕް ސެކަންޑެއް އިތުރު ކުރީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށެވެ.

ދުނިޔޭގެ އެންމެ ދެކުނު ބައްރުން ނައްޓައިގެން ގޮސް އުތުރަށް ދަތުރުކުރަމުންދާ ގަނޑުފެންގަނޑު/ފޮޓޯ: ނާސާ

ލީޕް ސެކަންޑް އިތުރު ކުރަނީ ޖޫން ނުވަތަ ޑިސެމްބަރު މަހުގެ އެންމެ ފަހު ދުވަހަށެވެ. މި އުސޫލުން ބަލާނަމަ ލީޕް ސެކަންޑެއް ދެން އިތުރު ކުރަން ޖެހޭނީ، މި ހިނގާ 2021 ވަނަ އަހަރުގެ ޖޫން މަހުއެވެ.

2015 ވަނަ އަހަރުގެ ދިރާސާއަކަށް ބަލާއިރު، ދުނިޔޭގެ އެނބުރުމަށް އައި ބަދަލަކީ، ދުނިޔެ ހޫނުވުމުން ދާ ދިއުމާ ގުޅިފައި ވާ ކަމަކަށް ވެދާނެއެވެ. ސައެންސް އެޑްވާންސަސްގައި ޝާއިއު ކޮށްފައި ވާ ދިރާސާ ބުނާ ގޮތުގައި ދުނިޔެ އޭގެ ޒާތުގައި އެނބުރެމުންދާ ދުވެލި އަވަސް ވަނީ، ގަނޑުފެނުގެ ކޯރުތައް ނުވަތަ ގްލޭޝިއާތައް ގިރޭތީއެވެ.

ސައެންސްވެރިން ވަކާލާތު ކުރާ ގޮތުގައި މިހާރު އެވަރޭޖު ކޮށް ކޮންމެ ދުވަހަކީ، 24 ގަޑިއިރަށްވުރެ 0.5 ސިކުންތު ކުރު ދުވަހެކެވެ. ސައެންސްވެރިން ދަނީ، މި ކަމުގެ ސަބަބުން، ދުނިޔޭގެ ވަގުތުން 1 ސިކުންތު އުނިކުރަން ޖެހިދާނެ ކަމަ މެދު މަޝްވަރާ ކުރަމުންނެވެ. މިއަށް ކިއާނީ "ނެގެޓިވް ލީޕް ސެކަންޑް"އެވެ. މިއީ ދުނިޔެ އޭގެ އެކްސިސްގައި އެނބުރެމުންދާ ދިއުމާއެއް ހަމައަކުން ވަގުތު ގުނުމަށްޓަކައި ގެންނަންޖެހޭ ބަދަލެކެވެ.

ދުނިޔޭގެ ވަގުތު އެޖަސްޓް ކުރުމަށް ސިކުންތެއް އުނިކޮށް/އިތުރު ކުރަންޖެހޭ ފަހަރު އާދޭ / ފޮޓޯ: ދަ ސްޕޭސް ޑޮޓް ކޮމް

މި ފަދައިން އުނިކޮށް، އިތުރު ކުރާ ސިކުންތަކީ އިންސާނީ ތޮބިއްޔަތަށް ފާހަގަ ވާނެ ސިކުންތަކަށް ނުވެދާނެއެވެ. އަތުގައި އޮތް ސްމާޓްފޯނުތަކާ ކޮމްޕިއިޓަރުތަކާ އެނޫންވެސް ޑިޖިޓަލް ގަޑިތައް އޭގެ ޒާތުގައި މި ސިކުންތު އެޖަސްޓްކޮށް، އަދާ ހަމަ ކުރާނެއެވެ. މި ކަން ކުރަނީ ސިކުންތަކަށް "ސުވިޗް އޮފް" ކޮށްގެން ނުވަތަ 23:59:60 އަށް ގަޑި ހިންގައިގެންނެވެ.

އެކި ބޭނުންތަކަށް ޖައްވު ތެރެއަށް ފޮނުވާފައިވާ ސެޓެލައިޓްތަކާ މުއާސަލާތީ ވަސީލަތްތައް އެއް އުސޫލަކުން ކުރިއަށް ގެންދިއުމަށްޓަކައި އެޓޮމިކް ގަޑިއާއި ސޯލާ ގަޑި، ހިނގަނީ އެއް މޭރުމަކުން ކަމުގައި ވާންޖެހެއެވެ.