ޒަމާންވީ ސިޔާސީ ކޯޅުންތަކަށް ނިމުން ގެނުވަނިވި ރާސްތާއަކަށް މަގު ކޮށަމުން، ގަތަރާއެކު ހިއްސާ ކުރާ ސައުދީ އަރަބިއްޔާގެ ބޯޑަރު ހުޅުވައިފިއެވެ.
އެއް ގަމާއި، ކަނޑާ ވައިގެ މަގުން ސައުދީގެ ބޯޑަރު ގަތަރަށް ހުޅުވާލީ، 3 އަހަރަށް ދިގުލާ ގޮސްފައި ވާ ސިޔާސީ ކޯޅުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމުގެ ރޫހުގައި ކަމަށް މައުލޫމާތު ލިބެއެވެ.
މި ސިޔާސީ ކޯޅުމަކީ ސައުދީގެ ބައިވެރިންވެސް ބައިނަލްއަގުވާމީ މައިދާނުގައި ގަތަރު ބޮއިކޮޓް ކުރުމަށް މަޖުބޫރުކުރުވި ކޯޅުމެކެވެ. ނަމަވެސް ގަލްފު ކޯޕަރޭޝަން ކައުންސިލުން މިއަދު ފަށާ ހާއްސަ ސަމިޓާ ދިމާކޮށް ސައުދީގެ ބޯޑަރުތައް ގަތަރަށްހުލުވާލުމަކީ ހެޔޮ ފާލެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.
ގަތަރަކީ ނިރުބަވެރި ހަރަކާތްތަކަށް ހޭދަ ކުރާ ގައުމެއް ކަމަށާ، ގަތަރަކީ އީރާނާ ގާތް ގުޅުންތަކެއް ދަމަހައްޓާ ގައުމެއް ކަމަށް ތުހުމަތުކޮށް، ސައުދީއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަދި ބަހްރައިންއާއި މިސްރުން، ގަތަރާއެކު ޑިޕްލޮމެޓިކް ގުޅުން މެދުކަނޑާލީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ގަތަރުން އޭރުވެސް ދިޔައީ ސައުދީގެ ދައުވާތަކަށް އިންކާރު ކުރަމުންނެވެ. އަދި ގުޅުން ކަނޑާލަންޖެހޭ ވަރުގެ އެއްވެސް ކަމެއް ހިންގާފައި ވާ ކަމުގެ ސާބިތު އެއްވެސް ހެއްކެއް ދެއްކި ފައި ނުވާ ކަމަށްވެސް ގަތަރުން ދިޔައީ ބުނަމުންނެވެ.
ގަތަރާއި ސައުދީ ހިއްސާކުރާ އެއްގަމު ބޯޑަރު ސަރަހައްދު ހުޅުވާލީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭގެ ގަޑިއިރުތަކެއް ފަހުންވެސް އަބޫ ސަމްރާއޭ ކިއުނު ބޯޑަރު ސަރަހައްދުން ފެންނަނީ ހިމޭން ކަން ކަމަށް ކުވައިތުން ބުނެއެވެ.
ބޯޑަރު ހުރަސް ކުރުމަށް ވަކި އުސޫލަކުން އަމަލު ކުރަންޖެހޭ ކަމުގެ ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް ގަތަރުން ވަނީ، އެ ގައުމުގެ ރަށްވެހިން ނޫން ބަޔަކަށް މިވަގުތު އެ ގައުމަށް އެތެރެ ނުވެވޭނެ ކަން އިއުލާން ކޮށްފައެވެ. އެއީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން ކަމަށް ގަތަރުން ބުނެއެވެ.
ކަން މިހެން އޮތް ނަމަވެސް، ގަތަރުގެ އަމީރު ޝައިހު ތަމީމް ބިން ހަމަދު އަލް ސާނީ ވަނީ، ޖީސީސީ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ސައުދީއަށް ދަތުރު ފައްޓަވާފައެވެ. މި ބައްދަލުވުމަކީ ދިގުލާ ގޮސްފައިވާ ގަލްފު ކާރިސާއަށް ރަސްމީ ސިފައެއްގައި ނިމުން ގެނުވަނި އެއްބަސްވުންތައް އެކުލަވާލެވޭނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.