މިއަދު އިފްތިތާހު ކުރި "ސީއެސްވިއުގަ އޮންލައިން" ޕޯޓަލްއަކީ ސިވިލް ސާވިސް އިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް، މުވައްޒަފުން އިތުރަށް ޒިންމާދާރު ކުރުވުމަށް ގެންނަ މުހިންމު ބަދަލެއް ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވެއްޖެއެވެ.

ނާސިހް މިހެން ވިދާޅުވީ، މި ޕޯޓަލް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ނާސިޙް ވިދާޅުވީ މިއީ، ފުރިހަމަ ޑިޖިޓަލް ހިއުމަން ރިސޯސް މެނޭޖުމަންޓު ސިސްޓަމެއް ޤާއިމު ކުރުމަށް ކޮމިޝަނުން ކުރަމުން ގެންދާ ދުރު ރާސްތާ ޕްލޭނުގެ ތެރެއިން ގިރާކުރެވުނު ވަރަށް މުހިންމު ހަރުފަތެއް ކަމަށެވެ.

އަދި ހަމައެއާއެކު އާންމުކޮށް ބޭނުން ކުރެވޭ ގޮތަށް ސީއެސްވިއުގަ އޮންލައިން ޕޯޓަލް ހުޅުވާލާ ހިސާބުން، ކޮމިޝަނާއި ސިވިލް ސަރވިސް މުވައްޒަފުންނާއި ސިވިލް ސަރވިސްގެ އެންމެހާ އިދާރާތަކާ އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާވެ، ކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ފުރިހަމަ ގޮތުގައި ފޯރުކޮށް ދިނުމަށާއި، ދެވޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ކަންތައްތައް ސީއެސްވިއުގަ މެދުވެރިކޮށް ޑިޖިޓަލައިޒުކުރެވުމުން، މިއީ ކަރުދާހާ ނުލައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ދިވެހިރާއްޖޭގައި ކުރިޔަށް ގެންދެވޭނެ ފުރަތަމަ ފަހަރު. މީގެ ސަބަބުން 26 ހާހެއްހައި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ދައުލަތުގެ ބަޖެޓުންކުރަމުން ދިޔަ ޚަރަދުތައް އެތައް ގުނައެއް ކުޑަވެގެންދާނެކަމަށާއި، މިއީ ސިވިލް ސަރވިސް އިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް، މުވައްޒަފުން އިތުރަށް ޒިންމާދާރުކުރުވުމަށް ގެނެވޭ މުހިއްމު ބަދަލެއް
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އަހުމަދު ނާސިހް

އަދި މީގެ އިތުރުން ސީއެސްވިއުގަ އޮންލައިން އިތުރަށް ތަރައްޤީކުރެވި، ވަޒީފާއަށް އިއުލާނު ކުރުމާއި، ވަޒީފާއަށް ކުރިމަތިލުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، އަދިވެސް ސިވިލް ސަރވިސް ވަޒީފާއާ ގުޅޭ އެންމެހާ ކަންތައްތައް 'ސިންގަލް ވިންޑޯ' އެއް މެދުވެރިކޮށް ދުރުނޫން މުސްތަޤުބަލެއްގައި ކުރެވިގެން ދާނެކަމަށް ވެސް ވިދާޅުވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިވިސް ސާވިސް ކޮމިޝަނުގެ ރައީސް ވާހަކަ ދައްކަވަނީ/ ފޮޓޯ: ސިވިލް ސާވިސް

ސިވިލް ސާވިސް ކޮމިޝަނުން ބުނީ ސީއެސް ވިއުގައަކީ 2011 ވަނަ ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހާ ކަންކަން ކުރިޔަށް ގެންދިޔުމަށް ބޭނުން ކުރެވެމުންދާ ސޮފްޓްވެއާ އެއް ކަމަށެވެ. އަދި މިހާތަނަށް ސީއެސް ވިއުގަ ބޭނުން ކުރަމުން އައިސްފައި ވަނީ ދައުލަތުގެ ނެޓްވާކްގެ ތެރެއިން، ހަމައެކަނި އެ ނެޓްވާކްގެ ޚިދުމަތް ލިބޭ ސިވިލް ސާވިސް އިދާރާތަކުގައި ކަމަށެވެ.

އެ ކޮމިޝަނުން ބުނީ އާންމުކޮށް ބޭނުންކުރެވޭ ގޮތަށް ސީއެސްވިއުގަ އޮންލައިން ޕޯޓަލް ތައާރަފު ކުރުމުން މިއަދުން ފެށިގެން އިންޓާނެޓްގެ ހިދުމަތް ލިބޭ ކޮންމެ ތަނެއްގައި ހުރި ދިވެހި ސިވިލް ސާވިސްގެ ކޮންމެ މުވައްޒަފަކަށްވެސް ސީއެސްވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެ މުވައްޒަފެއްގެ މަޢުލޫމާތު ބެލޭނެއެވެ. އަދި އިންޓާނެޓްގެ ޒަރިއްޔާއިން ސިވިލް ސާވިސްގެ ހުރިހާ އިދާރާތަކަށް ސީއެސްވިއުގަ އޮންލައިން ބޭނުން ކުރެވޭނެ ކަމަށް ވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ސީއެސްވިއުގަ އޮންލައިންކޮށް ޢާއްމުކޮށް ބޭނުންކުރުމަށް ހުޅުވާލުމާއެކު، އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު އޮންލައިން ވެގެން ދިއުންކަން ސިވިލް ސާވިސް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން މުވައްޒަފުންގެ މަސައްކަތްތައް ކުރަމުންދާ ގޮތާއި، މަސައްކަތުގެ ފެންވަރު ދުވަހުން ދުވަހަށް، ވަގުތުން ވަގުތަށް ސީއެސްވިއުގަ އޮންލައިން މެދުވެރިކޮށް ވަޒަން ކުރެވޭނެ ކަމަށް ވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.