ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ރެކޯޑް އަދަދަކުން ރިޕޯޓް ކުރަމުން އަންނަ އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓާ ގުޅިގެން ބޯޑަރުތައް ބަންދުކޮށްފައި ބޭއްވުމަށްފަހު، ސައުދީ އަރަބިއްޔާއިން އެ ގައުމުގެ ބޯޑަރުތައް ހުޅުވަން ނިންމައިފިއެވެ.

ޔޫކޭ ވޭރިއަންޓާ ގުޅިގެން ސައުދީގެ ބޯޑަރުތައް ބަންދު ކުރީ ހުސްވި ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް މިއަދުން ފަށައިގެން ސައުދީއިން ވަނީ އެ ގައުމުގެ އެއްގަމާއި، ކަނޑާއި ވައިގެ ބޯޑަރު ސަރަހައްދު ހުޅުވަން ނިންމާފައެވެ. ސައުދީގެ ބޯޑަރުތައް ހުޅުވާލަން ނިންމާފައި ވަނީ، ސައުދީ ގަޑިން މިއަދު ހެނދުނު 11:00 ގައެވެ.

ބޯޑަރު ހުޅުވާލި ނަމަވެސް ހުރިހާ ގައުމެއްގެ ރައްޔިތުންނަށް ބޯޑަރު ހުޅުވާ ނުލާ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އިންޑިއާ މަގުން ސީދާ ސައުދީއަށް ދަތުރު ކުރުމުގެ ފުރުސަތު އަދިވެސް ނެތްކަން ފާހަގަ ކުރަންޖެހެއެވެ. އިންޑިއާއިން ސައުދީއަށް ދަތުރު ކުރަން ޖެހެނީ އެކުވެރި އަރަބި އިމާރާތުގައި 2 ހަފުތާގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ހަބަރު ލިބެއެވެ. ޔޫކޭ ވޭރިއަންޓް ފެނިފައިވާ ގައުމުތަކުން ސައުދީއަށް ދަތުރު ކުރާނަމަ، ސައުދީއަށް އެތެރެ ވުމުގެ 14 ދުވަސް ކުރިން، އެ ވޭރިއަންޓް އޮތް ގައުމަކުން ބޭރު ވާން ޖެހެއެވެ. މިއީ ސައުދީއަށް ދަތުރު ކުރާ ބިދޭސީންނަށް އޮތް އުސޫލެކެވެ.

އިންސާނިއްޔަތާ ގުޅުންހުރި ކަންކަމުގައި ސައުދީގެ ރަށްވެހިންނަށް އެ ގައުމަށް އެތެރެ ވެވޭނެ ހާއްސަ އިންތިޒާމުތަކެއްވެސް ވަނީ ހަމަޖައްސާފައެވެ.

ޔޫކޭ ވޭރިއަންޓާ ގުޅިގެން ސައުދީ ވަނީ އުމްރާގެ އަޅުކަމަށް ކުރަމުންދިޔަ ދަތުރުތައްވެސް މަޑުޖައްސާލާފައެވެ.