ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިންޑިއާގެ އަމިއްލަ ފަސްގަނޑުގައި އުފައްދާ 2 ވެކްސިނަކަށް ރުހުން ދިނުމަކީ އިންޑިއާއަށް އުފަން ކޮންމެ މީހަކުވެސް ފަހްރުވެރިވާނެ ކަމެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ، ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ 2 ވެކްސިނަކަށް އަވަށްޓެރި އިންޑިއާއިން ރަސްމީ ގޮތުން ރުހުން ދިނުމާއެކު ކުރެއްވި ސިލްސިލާ ޓްވީޓްތަކެއްގައެވެ.
އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރި "ކޮވިޝީލްޑް" ވެކްސިނާއި، އިންޑިއާގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ބާރަތު ބައޮޓެކުގެ "ކޮވެކްސިން"އަށް ޑްރަގްސް ކޮންޓްރޯލާ ޖެނެރަލް އޮފް އިންޑިއާ (ޑީސީޖީއައި) އިން ރަސްމީ ކޮށް ރުހުން ދިންކަން އިއުލާން ކުރީ މިއަދުގެ ވަގުތެއްގައި ބޭއްވި ނިއުސް ބްރީފިންގްއެއްގައެވެ.
އަސްޓްރާޒެނީކާގެ ވެކްސިނަކީވެސް އިންޑިއާގައި ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ ވެކްސިނެކެވެ. ސިނާއީ ފެންވަރުގައި މިވެކްސިން އުފައްދަނީ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިންނެވެ. ކޮވެކްސިން ތަރައްގީ ކުރުމުގެ މަޝްރޫގައި ބާރަތު ބައޮޓެކާއިއެކު އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗުން ދަނީ ބައިވެރިވަމުންނެވެ.
މިފަދަ 2 ވެކްސިނަކަށް ރުހުން ދެވުމަކީ އަމިއްލައަށް ފުދުންތެރި ގައުމަކަށް ވުމަށް އިންޑީއާއިން ދެކެމުން އަންނަ ހުވަފެން، ހަގީގަތަކަށް ހެދުމަށް އިންޑިއާގެ ސައެންޓިފިކް ކޮމިއުނިޓީގައި އޮތް އިހުލާސްތެރިކަން ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.
މި މޭރުމުން މޯދީ ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި އަނެކާގެ ފުރާނަ ސަލާމަތް ކުރުމުގެ ހިދުމަތަށް އެކި ރޮނގުތަކުން ނިކުމެ ތިބި ހިދުމަތްތެރިންނަށް ޝުކުރު އަދާ ކުރައްވާފައެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު، ކޮވިޑް-19ގެ ކޭސްތައް 2 ވަނައަށް އެންމެ ގިނަ ގައުމަކީ އިންޑިއާއެވެ. އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 10.3 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.
މިދަނޑިވަޅަކީ ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނަކަށް އިންޑިއާއިން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ދަނޑިވަޅެކެވެ. އިންޑިއާގައި ކޮވިޑް-19ގެ ކަންކަން މެނޭޖު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯހުގައިވެސް ހިމެނިވަޑައިގަންނަވާ ޑރ ގުލޭރިއާ ވިދާޅުވީ، އިންޑިއާއަށް ވެކްސިން ލިބުމަށް ދެން ހޭދަވާނީ މަސްތަކެއް ނުވަތަ ހަފުތާތަކެއް ނޫން ކަމަށާ، މިކަމަށް ދެން އޮތީ މަދު ދުވަސްކޮޅެއް ކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ.
އިންޑިއާއިން ފުޅާ ދާއިރާއެއްގައި ވެކްސިން ދޭން ފަށާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.