ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ 2 ވެކްސިނަކަށް އަވަށްޓެރި އިންޑިއާއިން ރަސްމީ ގޮތުން ރުހުން ދީފިއެވެ.

އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރި "ކޮވިޝީލްޑް" ވެކްސިނާއި، އިންޑިއާގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ބާރަތު ބައޮޓެކުގެ "ކޮވެކްސިން"އަށް ޑްރަގްސް ކޮންޓްރޯލާ ޖެނެރަލް އޮފް އިންޑިއާ (ޑީސީޖީއައި) އިން ރަސްމީ ކޮށް ރުހުން ދިންކަން އިއުލާން ކުރީ ދާދި ދެންމެއަކު ކުރިއަށް ގެންދިޔަ ޕްރެސް ބްރީފެއްގައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކޮށްފައިވާ އަސްޓްރާޒެނީކާ ކުންފުނީގެ ޓެކްނީޝަނެއް މަސައްކަތުގައި / ފޮޓޯ: ދަ ގާޑިއަން

އަސްޓްރާޒެނީކާގެ ވެކްސިނަކީވެސް އިންޑިއާގައި ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ ވެކްސިނެކެވެ. ސިނާއީ ފެންވަރުގައި މިވެކްސިން އުފައްދަނީ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިންނެވެ. ކޮވެކްސިން ތަރައްގީ ކުރުމުގެ މަޝްރޫގައި ބާރަތު ބައޮޓެކާއިއެކު އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗުން ދަނީ ބައިވެރިވަމުންނެވެ.

މި 2 ވެކްސިނަށްވެސް ޑީސީޖީއައިއިން ރުހުން ދީފައި ވަނީ ކުށްލި ހާލަތުގެ ބޭނުމަށް އެކަންޏެވެ. ޑީސީޖީއައިގެ ތަޖުރިބާކާރުންގެ ހާއްސަ ޕެނަލުންވެސް ވަނީ، މި ދެވެކްސިނަކީ ކުށްލި ހާލަތުގައި ބޭނުން ކުރެވިދާނެ 2 ވެކްސިން ކަމަށް، ހަފުތާ ބަންދުގައި ކަނޑައަޅާފައެވެ.

އިންޑިއާއިން ދަނީ ކޮވިޑް-19 ވެކްސިން ދިނުމުގެ ވަރުގަދަ ކެމްޕޭނަކަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން އިއްޔެ ވަނީ، ވެކްސިން ޑްރައި-ރަންގެ ދެވަނަ ބުރުގެ ފަރިތަކުރުންތައް، އެ ގައުމުގެ ހުރިހާ ސްޓޭޓެއްގައި ކުރިއަށް ގެންގޮސްފައެވެ.

އިންޑިއާގައި އާންމު އުސޫލުން ވެކްސިން ދޭން ފަށާނެ ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.