ދުނިޔޭގެ އެކި ކަންކޮޅުތަކުން މީލާދީ އާ އަހަރަކަށް މަރުހަބާ ކިއާފައި ވާއިރު، އާ އަހަރުގެ ފުރަތަމަ ދުވަހު، 371504 ކުއްޖަކު އުފަންވާނެ ކަމަށް، ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް) އިން ލަފާ ކޮށްފިއެވެ.

ޔުނިސެފް އިން ބުނާ ގޮތުގައި 2021 ވަނަ އަހަރުގެ ފުރަތަމަ ކުއްޖާ އުފަންވެފައި ވާނީ ފީޖީއަށެވެ. އަދި އާ އަހަރުގެ ފުރަތަމަ ދުވަހު އެންމެ ފަހު ކުއްޖާ އުފަންވާނީ އެމެރިކާއަށެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު މިއަދު އުފަން ވާނެ ކަމަށް ލަފާކުރާ ކުދިންގެ 2 ބައިކުޅަ 1 ބައަށް ވުރެ ގިނަ ކުދިން ހިއްސާ ކުރާނީ އެންމެ 10 ގައުމުން ކަމަށްވެސް ޔުނިސެފުން ލަފާ ކުރެއެވެ. އެއީ:

  1. އިންޑިއާ (59995 ކުދިން)،
  2. ޗައިނާ (35615 ކުދިން)،
  3. ނައިޖީރިއާ (21439 ކުދިން)،
  4. ޕާކިސްތާން (14161 ކުދިން)،
  5. އިންޑޮނޭޝިއާ (12336 ކުދިން)،
  6. އިތިއޮޕިއާ (12006 ކުދިން)،
  7. އެމެރިކާ (10312 ކުދިން)،
  8. މިސްރު (9455 ކުދިން)،
  9. ބަންގްލަދޭޝް (9236 ކުދިން) އަދި
  10. ޑިމޮކްރަޓީކް ރިޕަބްލިކް އޮފް ކޮންގޯ (8640 ކުދިން) އެވެ.

ޔުނިސެފުން ލަފާ ކުރާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިއަހަރު 140 މިލިއަން ކުދިން އުފަންވާނެއެވެ. އަދި މި ކުދިންގެ އެވަރޭޖް ލައިފް އެކްސްޕެކްޓަންސީ، ނުވަތަ އެވަރޭޖު ގޮތެއްގައި މި ކުދިން ދިރިއުޅޭނެ ކަމަށް ލަފާ ކުރާ އެންމެ ދޮށީ އުމުރަކީ 84 އަހަރު ކަމަށް ޔުނިސެފްއިން ބުނެއެވެ.

ޔުނިސެފްގެ ޑައިރެކްޓާ ޖެނެރަލް ހެންރިއޭޓާ ފޯ ވިދާޅުވީ މިއަދު އުފަންވާ ކުދިން މި އުފަންވަނީ މީގެ އަހަރެއް ކުދިން ކުދިން އުފަންވި ދުނިޔެއާއި އެތައް ގޮތަކުން ތަފާތު ދުނިޔެއަކަށް ކަމަށެވެ. މިއަދު އުފަންވި ކުދިންނަށް ވާރުތަވާން އޮތީ މިއަދު ޖީލުން ބިނާ ކޮށްދޭ ދުނިޔެއަކަށް ކަމަށް ވާއިރު، ރައްކާތެރި، އިންސާފުވެރި، ދުޅަހެޔޮ ދުނިޔެއެއް، އެ ކުދިންޓަކައި ބިނާކޮށްދިނުމަށް ފޯ ވަނީ ގޮވާލައްވާފައެވެ.