މީގެ އެތައް އަހަރެއް ކުރިން ވެބް ބްރައުޒާ ތަކަށް އެނިމޭޝަންތަކާ އެކި ޒާތް ޒާތުގެ އިންޓަރެކްޝަންތަކުގެ މުއްސަނދިކަން ގެނެސްދިން ޕްލަގް-އިން "އެޑޯބީ ފްލޭޝް ޕްލޭޔާ"ގެ އޮޕަރޭޝަން ރަސްމީ ކޮށް ހުއްޓާލައިފިއެވެ.

1996 ވަނަ އަހަރު ތައާރަފު ކުރި ފްލޭޝްއަކީ އެއް ދުވަސްވަރެއްގައި ވީޑިއޯ ސްޓްރީމް ކުރުމަށާއި އޮންލައިންކޮށް ގޭމް ކުޅުމަށް، އާންމުންގެ މެދުގައި އެންމެ މަގުބޫލު ޕްލަގް-އިންނެވެ.

ނަމަވެސް އެޑޯބީ ފްލޭޝް ޕްލޭޔަރަކީ އޭގެ ސެކިއުރިޓީ ފީޗާތަކުގައި އިންތިހާ ކަންބޮޑުވުންތައް އެކުލެވުނު ޕްލަގް-އިންއެކެވެ. އަދި ސްމާޓްފޯނުގެ ޒަމާނަށް އަހުލުވެރިވުމަށްވެސް ފްލޭޝް އޮތީ ފެއިލްވެފައެވެ.

އެޑޯބީ ފްލޭޝް ޕްލޭޔާ ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ސެލިއުލާއައި

އެޑޯބީއިން ވަނީ ފްލޭޝްއަށް އިތުރު އަޕްޑޭޓެއް ދެން ނުދާނެ ކަމަށާ، މިހާރު އިންސްޓޯލް ކޮށްފައި ވާ ޑިވައިސްތަކުން އެ ޕްލަގް-އިން އަންއިންސްޓޯލް ކުރުމަށް އެދޭ ކަން ހާމަކޮށްފައެވެ. މީގެ އިތުރުން ފްލޭޝް ބޭނުން ކޮށްގެން އޮޕަރޭޓް ކުރާ ވީޑިއޯތަކާ އެނިމޭޝަންތައްވެސް ޖަނަވަރީ 12 ވަނަ ދުވަހުން ފަށައިގެން މަސައްކަތް ނުކުރާނެ ކަމަށް އެޑޯބީއިން ވަނީ ހާމަކޮށްފައެވެ.

ފްލޭޝް ތައާރަފުވެގެން އައި ދުވަސްވަރަކީ އިންޓަނެޓަށް ވަނުމަށް ގިނަ ބަޔަކު، ޑައަލް-އަޕް ކަނެކްޝަން ހިދުމަތް ބޭނުން ކުރަމުން ދިޔަ ދުވަސްވަރެކެވެ. އެއީ އަދުގެ ސްޕީޑަށް ބަލާއިރު އިންތިހާއަށް ލަސް ދުވެއްޔެއްގައި އިންޓަނެޓް ލިބުނު ޒަމާނެކެވެ. ނަމަވެސް ފްލޭޝްއާއެކު ހަލުވި ދުވެލީގައި ކޮންޓެންޓް ފޯރުކޮށްދިނުމަށް ވެބް ޑިޒައިނަރުންނާއި އެނިމޭޓަރުންނަށް ފުރުސަތު ފަހިވިއެވެ.

2009 ވަނަ އަހަރާ ހިސާބަށް އައި އިރު، އިންޓަނެޓާ ގުޅާފައިވާ ޑެސްކްޓޮޕް ކޮމްޕިއުޓަރުތަކުގެ ތެރެއިން 99 ޕަސެންޓް ސިސްޓަމުގައި އެޑޯބީ ފްލޭޝް ޕްލޭޔަރު ވަނީ އިންސްޓޯލް ކޮށްފައެވެ. ނަމަވެސް އޭރު ދުނިޔެ ވަނީ މޯބައިލް ޑިވައިސްތަކުގެ އޮއެވަރާ ދިމާއަށް މިސްރާބު ޖަހާފައެވެ. މި ރޭހުގައި އެޑޯބީ އޮތީ އިންތިހާ ފަހަތުގައެވެ.

އެޑޯބީ ފްލޭޝް ޕްލޭޔާ ބޭނުން ކުރަމުން އައި ފާމްވިލް ގޭމް / ފޮޓޯ: ދަގޭމާ

އެޕަލް ކުންފުނީގެ ބާނީ ސްޓީވް ޖޮބްސް ވަނީ، އައިފޯނާއި އައިޕެޑްތަކުގައި ފްލޭޝް ބޭނުން ނުކުރާނެކަން 2010 ވަނަ އަހަރުގެ އޭޕްރިލް މަހު ހާމަކޮށްފައެވެ. ޔޫޓިއުބް، ފޭސްބުކް އަދި ނެޓްފްލިކްސް ފަދަ ވަރުގަދަ ނެޓްވޯކްތަކުންވެސް ފަހުން ވީޑިއޯ ސްޓްރީމް ކުރަމުންދިޔައީ ފްލޭޝްއާ ނުލައެވެ. 2020 ވަނަ އަހަރު ފްލޭޝް ނިމުމަކަށް ގެންނާނެ ކަން އެޑޯބީއިން ހާމަ ކުރީ 2017 ވަނަ އަހަރުއެވެ.

ޖަނަވަރީ 12 އިން ފަށައިގެން ފްލޭޝް ބޭނުން ކުރާ އެއްވެސް ކޮންޓެންޓެއް އަލުން ނުލިބޭ ގޮތަށް ކަނޑައަޅާފައި ވާއިރު، ގިނަ ގޭމްތަކެއްވެސް ހުއްޓުމަކަށް އަންނާނެއެވެ. އެގޮތުން ގޭމިންގް ކުންފުނި ޒިންގާއިން ވަނީ، އިރެއްގައި ދިވެހިންގެ ތެރެއަށް މަޝްހޫރުވި "ފާމްވިލް" ގޭމްވެސް، 11 އަހަރަށް ފަހު ރެއިން ފެށިގެން ހުއްޓާލާފައެވެ.

އެޑޯބީއިން ވަނީ މިހާރު އެ ޕްލަގް-އިން އަޅާފައިވާ ސިސްޓަމްއިން އެޑޯބީ ފްލޭޝް ޕްލޭޔާ އަންއިންސްޓޯލް ކުރާނެ ގޮތުގެ އިރުޝާދު އާންމު ކޮށްފައެވެ.