މަޑަވެލި ކޯޓުގެ މެޖިސްޓްރޭޓު ޝާތިރު ހަސަންގެ ސުލޫކީ މައްސަލަ ސާބިތެއް ނުވާ ކަމަށް ޖޭއެސްސީން ބުނެފިއެވެ.

ޖޭއެސްސީން ބުނީ ނޮވެމްބަރު 26، 2019 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ނޯޓިސް ދީފައިވާ މަޑަވެލި ކޯޓުގެ މެޖިސްޓްރޭޓްގެ ޝާތިރުގެ ސުލޫކީ މައްސަލަ ތަހުގީގުކޮށް އެމައްސަލަ ސާބިތުނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ.

އެ ނިންމުން ނިންމާފައިވަނީ ޑިސެމްބަރު 28 ،2020 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ 100 ވަނަ ބައްދަލުވުމުގައި ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޝާތިރުއާ ގުޅޭ ގޮތުން ބަލަމުންދަނީ ކޮން ސުލޫކީ މައްސަލައެއް ކަމެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ޖޭއެސްސީން ވަނީ ފަސް ރަށެއްގެ މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ނިންމާފައެވެ.

އޭގެ ތެރޭގައި ގދ. މަޑަވެލި މެޖިސްޓުރޭޓް ކޯޓުގެ އިސް މެޖިސްޓުރޭޓް ޝާތިރު ހަސަން އާއި ގއ. ކޮނޑޭ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓުރޭޓް މުހައްމަދު އިބްރާހިމް އާއި ބ. ދަރަވަންދޫ މެޖިސްޓުރޭޓް ކޯޓުގެ އިސް މެޖިސްޓުރޭޓް އަހުމަދު ލަތީފު ހިމެނެއެވެ.

އޭގެ އިތުރުން ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓުރޭޓް އަބްދުލްއަޒީޒު މޫސާ އަދި ފ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްލަތީފު ހަމީދު ވެސް ހިމެނެއެވެ.