ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިން، އާންމު އުސޫލުން ދިނުމަށް ޖަރުމަނުވިލާތުން އެގައުމުގައި ހިންގާ ކެމްޕޭންގެ ތެރެއިން އެރި އޮޅުމެއްގައި ބަޔަކަށް އިތުރަށް ވެކްސިން ދެވި، އޭގެ ތެރެއިން ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ޖަރުމަނުވިލާތުގެ އުތުރުގެ ސަރަހައްދެއްގައި ދޮށީ އުމުރުގެ މީހުން ބަލަން ހާއްސަކޮށްފައިވާ މަރުކަޒެއްގެ 8 މުވައްޒަފަކަށް ވެކްސިން ދެވިފައި ވަނީ ދޭންޖެހޭ މިންވަރަށް ވުރެ 5 ގުނަ އިތުރަށް ކަމަށް މައުލޫމާތު ލިބެއެވެ. މި މީހުންނަށް ދީފައި ވަނީ ފައިޒާ/ބައޮއެންޓެކްގެ ވެކްސިނެވެ.

ދޭން ޖެހޭ ވަރަށް ވުރެ އިތުރަށް އާދީއްތަ ދުވަހު ވެކްސިން ދެވުނު 8 މީހުންގެ ތެރެއިން 4 މީހަކު ހޮސްޕިޓަލުގައި އޮބްޒަވޭޝަނަށް އެޑްމިޓްކުރިއިރު، އެމީހުންގެ ހަށިގަނޑުން 'ފްލޫ'އެއް ޒާތުގެ އަލާމާތްތައް ފެންނަ ކަމަށް ހަބަރު ލިބެއެވެ.

ހާދިސާ ހިނގި ސަރަހައްދުގެ ޑިސްޓްރިކްޓް ޗީފް ސްޓެފަން ކާތު ވިދާޅުވީ، މި ކަމާ މެދު އިންތިހާއަށް ހިތާމަ ކުރައްވާ ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ ވަކިވަކި މީހުންނަށް އެރި އޮޅުމެއްގެ ސަބަބުން ކަމަށާއި، އޯވާޑޯޒް ވި މީހުންގެ ހަށިގަނޑުން ސީރިއަސް ސައިޑް-އިފެކްޓެއް ނުފެންނަ ކަމަށްވެސް ކާތު ވަނީ ވިދާޅުވެފައެވެ.

ފާހަގަ ކުރަން ޖެހޭ ކަމަކީ، އިންސާނުންނާ ހަމައަށް ކޮންމެ ވެކްސިނެއްވެސް އަންނާނީ ތަހުލީލީ މަރުހަލާގެ އެތައް ހަރުފަތެއް ކަޑަތު ކޮށް، ހަށިގަނޑުގައި ބޭނުން ކުރުމަށް އެންމެ ރައްކާތެރި ދަރަޖައަކަށް އެ ވެކްސިނެއް ފައްކާ ކުރެވިގެން ކަމެވެ. ކޮންމެ ވެކްސިނެއްގައިވެސް ސައިޑް-އިފެކްޓަތަކެއް ހުންނާނެއެވެ. އަދި ބޭނުން ކުރަން ޖެހޭ މިންގަނޑުތަކެއްވެސް ހުންނާނެއެވެ. ގައުމުތަކުން ދަނީ ކޮވިޑް-19ގެ ވެކްސިން މަޝްރޫއަށް ތައްޔާރު ވުމަށް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި ވެކްސިން މަޝްރޫއުގައި ހަރަކާތްތެރިވާ ފަންނީ ފަރާތްތައް ތަމްރީނު ކުރުމުގެ މަސައްކަތްވެސް ހަލުވި ދުވެލީގައި ކުރިއަށް ދާ ކަން ފާހަގަ ކުރަންޖެހެއެވެ.

ފުރަތަމަ ޑޯޒްއަށްފަހު 3 ހަފުތަ މަޑުކޮށް، 2 ވަނަ ޑޯޒް ނަގައިގެން ވެކްސިން ފުރިހަމަ ކުރާ ގޮތަށް ފަރުމާކޮށްފައިވާ ފައިޒާގެ ވެކްސިނަކީ، ކޮވިޑް-19އާ ދެކޮޅަށް 95 ޕަސެންޓް ދިފާއު ހޯދާދޭ ކާމިޔާބު ވެކްސިނެއް ކަމަށް އިއުލާން ކުރީ ނޮވެމްބަރު މަހުއެވެ. ދާއިރާގެ ތަޖުރިބާކާރުން ވަނީ ފައިޒާގެ ވެކްސިނަކީ ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި ގާތުން ކިރުދޭ މައިންނަށް ރައްކާތެރި އަދި ނަތީޖާ ނެރެނިވި ވެކްސިނެއްތޯ ބެލުމުގެ ދިރާސާތައް ކުރުމަށް ގޮވާލައްވާފައެވެ.