ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް (ވީޔޫއައި 202012/01) ހަލުވިކަމާއެކު ފެތުރެމުން އަންނަ އިނގިރޭސިވިލާތުން އެމެރިކާއަށް އެތެރެވާ ފަސެންޖަރުން ޓެސްޓު ކުރުމަށް ކަނޑައެޅުމަކީ، ބަލި ކޮންޓްރޯލް ކުރުމުގެ ނަމުގައި މަދިރި ދުރު ކުރަން ފެންސް ޖެހުން ފަދަ ކަމެއް ކަމަށް ތަޖުރިބާކާރުން ސިފަކޮށްފިއެވެ.

ކޮންޓްރޯލެއް ނެތި އާ ވޭރިއަންޓް ފެތުރެމުން އަންނަ ކަމަށް އިނގިރޭސިވިލާތުން ހާމަކޮށްފައި ވާއިރު ގިނަ ގައުމުތަކަކުން ވަނީ އިނގިރޭސިވިލާތުން އަންނަ ފަސެންޖަރުންނަށް ބޯޑަރު ބަންދުކޮށްފައެވެ. އެމެރިކާއިން މިފަދަ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި، އިނގިރޭސިވިލާތުން އަންނަ ފަސެންޖަރުން ޓެސްޓު ކުރުމަށް ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)އިން ކަނޑައެޅިއެވެ. ނަމަވެސް، ސީޑީސީގެ ޓީމުގައި ހިމެނޭ ސައެންސްވެރިންގެ ދިރާސާއިން ދެނީ ތަފާތު ސިގުނަލެކެވެ. މިއީ އާ ވޭރިއަންޓް ކޮންޓްރޯލް ކުރުމަށް މާ ބޮޑު އެހީވެދޭނެ ކަމެއް ނޫން ކަމަށް ދޭހަކޮށްދޭ ސިގުނަލެކެވެ.

އިނގިރޭސިވިލާތުގެ ފަސެންޖަރުންނަށް، އަންނަ ހޯމަ ދުވަހުން ފަށައިގެން އެމެރިކާއަށް އެތެރެ ވެވޭނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ނެގެޓިވް ޓެސްޓެއްގެ ނަތީޖާ ހިފައިގެން ކަމަށާ، އެއީ 3 ދުވަހުގެ މުހުލަތު ހަމަ ނުވާ ޓެސްޓަކަށް ވާންޖެހޭ ކަމަށްވެސް ވަނީ ލާޒިމު ކޮށްފައެވެ.

ނަމަވެސް މިއީ ބަލި ކޮންޓްރޯލް ކުރުމަށް އޮތް ފުރިހަމަ ހައްލެއް ނޫން ކަމަށާ، ބަލީގެ އަލާމާތްތަކަށް އަމިއްލައަށް މޮނީޓާ ކުރުމާއި، މާސްކު ބޭނުން ކުރުމާއި، ޖިސްމާނީ ގައިދުރުކަން ދެމެހެއްޓުމަކީ ތަންފީޒު ކުރަންޖެހޭ މުހިންމު ފިޔަވަޅުތަކެއް ކަމަށްވެސް ސީޑީސީއިން ވަނީ އިއުތިރާފުވެފައެވެ.

ކަން މިހެން އޮތްއިރު، ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގެ އިންފެކްޝަސް ޑިޒީޒް ސްޕެޝަލިސްޓް ޑރ ޕޯލް އޮފިޓް ވިދާޅުވީ، މި ފިޔަވަޅަކީ، މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި، ޗޭނު-ފެންސެއް ޖެހުން ފަދަ ފިޔަވަޅެއް ކަމަށެވެ.

ސީޑީސީގެ ސައެންސްވެރިން ނޮވެމްބަރު މަހު އާންމު ކުރި ރިޕޯޓެއް ބުނާ ގޮތުގައި، ފުރާ ދުވަހު ކޮވިޑް-19އަށް ޓެސްޓު ކުރުމަކީ ބަލި ފެތުރުމުގެ ނުރައްކާ 37 ޕަސެންޓްއިން 61 ޕަސެންޓަށް ކުޑަ ކޮށްދޭ ކަމެއް ކަމަށެވެ. 72 ގަޑިއިރުގެ މުހުލަތެއް ދީފައި އޮތުމަކީ، ބައެއް ކޭސްތައް "މިސް" ވެދާނެ ކަމެއް ކަމަށް ބުނެވެއެވެ.