ރައީސް އިބްރާހީމް މުހައްމަދު ސާލިހް މިއަދު ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވައިފިއެވެ.

ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލަކީ މި މަހުގެ 7 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނަށް ހަތަރުވަނަ އިސްލާހު ގެނައުމުގެ ބިލަކީ، މި މަހުގެ 7 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު:

މި ބިލުން ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ވަނީ ވަރަށް ގިނަ އިޞްލާޙުތަކެއް ގެނެސްފައެވެ. އެ ގޮތުން މި ބިލު ރައީސް ތަސްދިގު ކުރެއްވުމާ ގުޅިގެން މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިހްތިސާސް ލިބިދީފައި ވަނީ ޖުވެނައިލް ކޯޓަށެވެ. ހަމަ އެއާއެކު، މި އިސްލާހުގެ ދަށުން ޝަރީއަތުން މައްސަލަ ބަލައި ފިޔަވަޅު އަޅާ ހާލަތުގައި ޕްރޮބޭޝަންގައި ދޫކުރެވޭ ކުދިން މޮނިޓަރކުރުމާއި އެ ކުދިން ޕްރޮބޭޝަންގެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރޭތޯ ބަލާ އެކަންކަމުގެ މައުލޫމާތުތައް އެއްކޮށް އެ މަޢުލޫމާތުތައް ޝަރީއަތަށް ފޯރުކޮށްދޭނީ ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނަށެވެ.

ރައީސް އޮފީހުން ބުނީ ޕްރޮބޭޝަނުގައި ތިބޭ ކުދިން މޮނިޓަކުރުމުގައި ދައުލަތުގެ ކަމާބެހޭ ތަންފީޒު އިދާރާތަކުގެ އެހީތެރިކަން ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނަށް ލިބިދޭންޖެހޭނެ ކަމަށެވެ. އަދި، މި ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ދައުވާ އުފުލުމާމެދު ގޮތެއް ނިންމުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގަވާދެއް، ޕީޖީ އޮފީހުން އެކުލަވާލަންވާނެ ކަމަށް ވެސް މި ގާނޫނަށް ގެނައި އިސްލާހުގައިވެއެވެ. މީގެ އިތުރުން ވެސް މި ގާނޫނު އިތުރަށް ފުރިހަމަ ކުރުމަށް މުހިންމު ގިނަ އިސްލާހުތަކެއް ގެނެސްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ މިބިލު ތަސްދީގު ކުރުމާ ގުޅިގެން، މިއަދު މި ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައި ކަމަށެވެ.އަދި، މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ، ތަސްދީގްކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލު :

މި އިސްލާހުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައިގަނޑު މަގުސަދުތަކަށް އިސްލާހު ގެނެސްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އެގޮތުން އެ އޮތޯރިޓީގެ މައިގަނޑު މަގުސަަދުތަކުގެ ތެރޭގައި ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމަށް މަގުފަހިވާ ގޮތެއްގައި ޕްރައިސް ސްޓެބިލިޓީ ދެމެހެއްޓުމާއި، މި މަގްސަދު ހާސިލުކުރުމާއެކު ފައިނޭންޝަލް ސްޓެބިލިޓީ ދެމެހެއްޓުމުގެ ޒިންމާތައް މި ބިލުގައި ހިމަނާފައިވެއެވެ. ހަމަ އެއާއެކު، ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމާއި ކުރިއެރުން ގެނައުމަށް ސަރުކާރަށް އެހީތެރިވުން ވެސް އެމްއެމްއޭގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި މި ބިލުގައި ހިމަނާފައިވެއެވެ.

ރައީސް އޮފީހުން ބުނީއެމްއެމްއޭގެ ގާނޫނަށް ގެނައި މި އިސްލާހުގައި ގާނޫނުގައިވާ ބައެއް މާނަކުރުންތަކަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން، މާލީ އިދާރާ، ބޭންކު-ނޫން މާލީ ވިޔަފާރި، އަދި ގާޤާނޫނުގައި "ސަރުކާރުގެ ސެކިއުރިޓީޒްގެ ޕްރައިމަރީ ޑީލަކަން" މާނަކޮށް މި ބިލުގައި ހިމަނާފައިވާ ކަމަށާއި އެމްއެމްއޭގެ ގަވަރުނަރާއި ޑެޕިޔުޓީ ގަވަރުނަރާއި ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާގޮތާއި، އެ މަގާޤާމުތަކާއި ގުޅިގެން ހުރި ބައެއް މާއްދާތަކަށް ވެސް އިސްލާހު ގެނެސްފައިވާ ކަމަށެވެ.

ހަމައެހެންމެ، އެމްއެމްއޭގެ މަސައްކަތްތަކާ ގުޅޭ މާއްދާތަކަށް އިސްލާހު ގެނައުމުގެ އިތުރުން، މި ބިލުގައި އަލަށް ހިމަނާފައިވާ މާއްދާތަކާ ބައިތަކުގެ ތެރޭގައި ފޮރިން އެކްސްޗޭންޖްއާ ބެހޭ ކަންކަންކަމާއި "ކްރެޑިޓް އިންފޮމޭޝަން ސިސްޓަމް" އަދި "ސެކިއުރިޓީޒް މާކެޓް" އާ ގުޅޭ ކަންކަން މި ބިލުގައި ހިމަނާފަވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނަށް ހަތަރުވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީހުކުރެއްވުމާއެކު، މި ގާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް، އަޢަމަލުކުރަން ފަށްޓާފައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.