ތިބާއަކީ ގާތުން ކިރުދޭ މީހެއް ނަމަ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން ޖެހުން، މިވަގުތަށް މަޑުޖައްސާލުމަށް އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން އިލްތިމާސްކޮށްފިއެވެ.

ތުއްތު ދަރިފުޅަށް ގާތުން ކިރު ދިނުން ހުއްޓާލުމާ ހިސާބަށް، ކޮވިޑް-19ގެ ވެކްސިން ބޭނުން ނުކުރުމަށް އެންއެޗްއެސްއިން ވަނީ އިރުޝާދު ދީފައެވެ.

އެންއެޗްއެސްގެ މި ނިންމުމަށް ގިނަ ބައެއްގެ ފާޑުކިއުންތައް ދަނީ އަމާޒު ވަމުންނެވެ. ވަކިން ހާއްސަކޮށް، އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާތަކާ، ގާތުން ކިރުދިނުމުގެ އާދަ ޕްރޮމޯޓް ކުރާ ޖަމާއަތްތަކުގެ ފަރާތުންނެވެ. ގިނަ ބަޔަކު ބުނަމުން ދަނީ، މި އިރުޝާދަކީ އެއްވެސް ހެއްކަކަށް ބުރަވާ އިރުޝާދެއް ނޫން ކަމަށެވެ. އަދި މިއީ، ދަރިފުޅުގެ ސިއްހަތާ، މައިމީހާގެ ދުޅަހެޔޮ ކަމާ ދެކަމުގެ ތެރެއިން އެއް ކަމެއް ހިޔާރު ކުރުމުގެ އުނދަގޫ ނިންމުން ނިންމުމަށް، ގާތުން ކިރުދޭ މީހާއަށް މަޖުބޫރު ކުރަނިވި ނިންމުމެއް ކަމަށްވެސް އެ ފަރާތްތަކުން ސިފަކުރެއެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ދާޝްތީ ބާޗީ ހޮސްޕިޓަލުގެ މެޓާނިޓީ ވޯޑަށް ދިން ހަމަލާގައި މަންމަ ނިޔާވި ކުއްޖަކަށް ފައިރޫޒާ އުމަރު އޭނާގެ ގާތުން ކިރު ދެނީ/ފޮޓޯ: ހެޑްޓޮޕިކްސް

ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިނަކީ ގާތުން ކިރުދޭ މައިންނަށް ނުރައްކަލެއް އޮތް ވެކްސިނެއް ކަމަށް ބާރުދޭ އެއްވެސް ހެއްކެއް، އަދި މިހާތަނަށް އެންއެޗްއެސްއަށް ދެއްކިފައެއް ނެތެވެ. އެންއެޗްއެސްއިން ބުނީ، މާބަނޑު ދުވަސްވަރު ނުވަތު ގާތުން ކިރުދޭ ދުވަސްވަރު ވެކްސިން ބޭނުން ކުރުމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ހެއްކެއް ލިބިފައި ނެތް ކަމަށެވެ. ނަމަވެސް ވެކްސިން ދިނުމުގެ ކުރިން، އިތުރު ހެކިތަކެއް ބޭނުން ވާ ކަމަށްވެސް އެންއެޗްއެސްއިން ވަކާލާތު ކުރެއެވެ.

އެންއެޗްއެސްގެ ވެބްސައިޓްގައިވެސް ބަޔާން ކޮށްފައި ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، އިތުރު ހެކި ލިބެންދެން، މާބަނޑު މީހުންނާއި ގާތުން ކިރު ދޭ މީހުންނަށް ކޮވިޑް-19ގެ ވެކްސިން ނެތް ކަން ދޭހަވާފަދަ ވާހަކަތަކެކެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ފައިޒާއިން ތަރައްގީ ކުރި ވެކްސިން ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ޑަބްލިއުއެސްޖޭ

އިނގިރޭސިވިލާތުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިނގިރޭސިވިލާތުގެ މައިންގެ އާބާދީގެ 46 ޕަސެންޓް މީހުންނަކީ 2018-2019 ވަނަ އަހަރާ ދެމެދު، އުމުރުން 6 ހަފުތާއާއި 8 ހަފުތާއާ ދެމެދުގެ ތުއްތު ކުދިންނަށް ގާތުން ކިރުދެމުން ދިޔަ މައިންނެވެ.

ގާތުން ކިރު ދޭ މައިންނަށް ކޮވިޑް-19ގެ ވެކްސިން ނުލިބޭ ގޮތަށް ކަނޑައަޅާ، ގަވައިދެއް ފާސްކޮށްފިނަމަ، މިކަމުގެ އަސަރު އެތައް ސަތޭކަ ހާސް މައިންނަކަށް ކުރާނެއެވެ. މީގެ ތެރޭގައި، ފްރަންޓްލައިން ހިދުމަތްތެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތައްވެސް ހިމެނޭނެއެވެ.

ގާތުން ކިރުދޭ މައިންނަށް ކޮވިޑް-19ގެ ވެކްސިން ބޭނުން ކުރެވިދާނެތޯ ކުރެވޭ ސުވާލަށް، ސައެންސްގެ އަލީގައި އަދި ޖަވާބެއް ލިބިފައި އޮތްކަން ހާމަކޮށްފައެއްނުވެއެވެ.