މުސްލިމުންގެ ޤިބުލަ ކަމުގައިވާ ކަޢުބަތުﷲ ގެފުޅުގެ ދޮރުކޮޅު ފަރުމާކުރެއްވި ފަންނުވެރި އިންޖިނޭރު މުނީރު އަލް-ޖުންދީ ނިޔާވެއްޖެއެވެ.

ސައުދީގެ ކުރީގެ ރަސްގެފާން ހާލިދު ބިން ޢަބްދުލްޢަޒީޒު އަލް ސައުދުގެ ވެރިކަމުގައި، 1970ގެ އަހަރުތަކުގައި ގެފުޅުގެ ދޮރުކޮޅު ފަރުމާ ކުރެއްވި އަލް-ޖުންދީ ނިޔާވީ ޖަރުމަނުވިލާތުގައެވެ.

ގެފުޅުގެ ދޮރުކޮޅު ފަރުމާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ޝަހައިހް އަލް-ސަޣާ، ޝައިހް މަހްމޫދު ބަދްރުގެ ކާރުހާނާގައެވެ. މިއީ މައްކާގެ އެންމެ މަތީ ދަރަޖައިގެ ޝައިހުންގެ ޝައިހެކެވެ. ދޮރުކޮޅު ތައްޔާރު ކުރުމުގެ މަސައްކަތުގައި އިސްކޮށް ހުންނެވީ ޝައިހް މަހްމޫދު ބަދްރާއި ދަރިކަލުން މުޙައްމަދެވެ.

ކަޢުބަތުﷲ ގެފުޅުގެ ދޮރުކޮޅު ފަރުމާކުރެއްވި ފަންނުވެރި އިންޖިނޭރު މުނީރު އަލް-ޖުންދީ / ފޮޓޯ: ޓްވިޓާ

ގެފުޅުގެ ދޮރުކޮޅު ފަރުމާކޮށް ތައްޔާރު ކުރުމުގައި ހުސް ރަން ބޭނުން ކުރުމަށް ހާލިދު ރަސްގެފާނު އޮތީ އަމުރު ކުރައްވާފައެވެ. ދޮރުކޮޅު ތައްޔާރު ކުރުމުގެ މަސައްކަތަށް ހާއްސަ ވޯކްޝޮޕެއްވެސް ތައްޔާރު ކުރިއެވެ.

ގެފުޅުގެ ދޮރުކޮޅު ތައްޔާރު ކުރުމުގެ މަސައްކަތް ނިންމާލީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައެވެ. މި ދޮރުކޮޅުގެ އުސްމިން 3 މީޓަރަށް ވުރެ ދިގެވެ. ފުޅާ މިނުގައި ގާތްގަނޑަކަށް 2 މީޓަރު ހުންނައިރު ފުން މިނަށް ބައި މީޓަރު ހުރެއެވެ.

ގެފުޅުގެ ދޮރުކޮޅު ތައްޔާރު ކުރުމަށް 280 ކިލޯގްރާމްގެ ސާފު ރަން ބޭނުން ކޮށްފައިވެއެވެ.

ކަޢުބަތުﷲ ގެފުޅުގެ ދޮރުކޮޅު ފަރުމާކުރެއްވި ފަންނުވެރި އިންޖިނޭރު މުނީރު އަލް-ޖުންދީ ވަނީ ނިޔާވެފަ / ފޮޓޯ: ޓްވިޓާ | ބަދްރު ބަދްރާ

ހިޖުރައިން 1399 ވަނަ އަހަރު ގެފުޅުގައި ހަރުކުރި ދޮރުކޮޅު ފަރުމާ ކުރެއްވި އިންޖިނޭރު އަލް-ޖުންދީ ނިޔާވީ ބުދަ ދުވަހު ކަމަށް ޙަރަމައިން ޝަރީފައިންއިން ރިޕޯޓްކޮށްފައިވާއިރު، އެހެން ޕްލެޓްފޯމްތަކުގައި، އަލް-ޖުންދީ ނިޔާވީ ހޮނިހިރު ދުވަހު ކަމަށް ބަޔާންކޮށްފައިވެއެވެ.

އަލް-ޖުންދީ ފަރުމާ ކުރެއްވި ދޮރުކޮޅަކީ، ރަސްގެފާނު ޢަބްދުލްއާޒީޒުގެ ވެރިކަމުގައި ގެފުޅުގައި ހުރި ދޮރުކޮޅު ހަލާކުވެފައި ވުމުން ހާލިދު ރަސްގެފާނުގެ އަމުރަށް އާ ކުރެއްވި ދޮރުކޮޅެވެ.