ފުލުހުންގެ ބިލާ އެކު މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކަށް ނިމުމެއް ގެނެވިދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަރުގޭގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ފުލުހުންގެ ބިލު އިސްލާހު ކުރެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަަމަށެވެ. އެ ގޮތުން އެ ބިލު އިސްލާހު ވުމަކީ މަރު ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކަށް ނިމުމެއް ގެނައުމަށާއި އެމްއެމްޕީއާރްސީގެ މައްސަލައިގައި ދްައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ރަނގަޅު ތަހުގީގެއް ކުރުމަށް ދެވުނު ފުރުސަތެއް ކަަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.

އެމްޑީޕީން ވައުދު ފުއްދާފައި ވަނީ ކިހާ މިންވަރަކަށް ތޯ ވިސްނާލުމަށް ނަޝިދު ގޮވާލެއްވިއެވެ. އެމްޑީޕީ ސަރުކާރު އައުމުގެ ކުރިން ރައްޔިތުންނަށް ވީ ވައުދުތަކުގެ ތެރެއިން ބައެއް ވައުދުތައް އަދިވެސް ފުއްދިފައި ނުވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެ ގޮތުން މަރުވެފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކަށް ނިމުމެއް ގެނެވިފައި ނުވާ ކަަން ރައީށް ފާހަގަ ކުރެއްވިއެވެ. އަދި އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އަދިވެސް ދައުލަަތަށް އަނބުރާ ހޯޑަން ޖެހޭ ފައިސާ ހޯދިފައި ނުވާ ކަން ވެސް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑަށް ލިބޭ އުފަލަކީ ލިބޭ ހިތްހަމަޖެހުމަކީ ފުލުހުންގެ ބިލު މި ވަނީ މިހާރު އިސްލާހު ކުރެވިފައި. އެ ބިލު ޖާގަ ދޭނެ މި ދެންނެވި ތަހުގީގުތައް މި ދެންނެވި ގޮތަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި އެންމެ ރަނގަޅު ގޮތުގައި ހިންގަން. އެ ތަހުގީގުތަކުން ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރުމުގެ ފުރުސަތު ހޯދައި ދިނުމަށް."
ރައީސް މުހައްމަދު ނަޝީދު

އަމާޒަކީ މަރު ކޮމިޝަނުން ބަލާ މައްސަލަތައް ނިމުމަކަށް ގެނައުން ކަމަށާއި ދައުލަތުގެ ހަޒާނާއިން ނަގާފައިވާ ފައިސާތައްވެސް އަނބުރާ ހޯދުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ ތަހުގީގުތައް ހިންގައި އެ މައްސަލަތަކުގައި ރައްޔިތުން އެދޭ ގޮތަށް ކަންކަނަް ކުރެވިގެން ދިއުމަށް ފުރުސަތު ލިބިގެން ދާނެ ކަމެއް ކަމަށް ރައީސް ނަޝީދު ފަހާގަ ކުރެއްވީ ފުލުހުންގެ ބިލަށް ގެނެވުނު އިސްހެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް އިންސާފު ހޯދާދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެންމެ އިސްކަމެއް ދީގެން މަރު ކޮމިޝަނުން ބަލަމުން އައީ ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައެވެ.

ނޫސްވެރިޔާ ރިޟްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް މަރާލާފައި ވަނީ އޮގަސްޓް، 8 2014 ގައެވެ. ރިޟްވާން ގެއްލުނުތާ ފަސް އަހަރު ފަހުން، އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އޭނާ ގަދަކަމުން ގެންގޮސް މަރާލުމަށް ފަހު ކަނޑު ފައްތާފައި ވާ ކަމަށެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ. ޑރ. އަފްރާޝީމަށް ހަމަލާދީފައި ވަނީ ހ. ލޮބީ، ހުސައިން ހުމާމެވެ. އޭނާގެ މައްޗަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައެވެ. އަފްރަޝީމަށް ހަމަލާ ދިނުމުގައި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއްގެ ބައިވެރިވެރިވުން ވެސް މިކަމުގައި އޮތް ކަމަށް މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ބްލޮގަރު ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ2017 ވަނަ އަހަރު އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭގެ އޭނާ ދިރިއުޅެމުން ދިޔަ މ. ސްޕެޓޫލާ، ސިޑި ކައިރިންނެވެ. ޔާމީން މަރުވެފައި ވަނީ ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. ޔާމިން ރަޝީދު މަރާލީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށް ވާއިރު އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހަރާފައި ވެއެވެ.

ސަރުކާރަށް 2 އަހަރު ފުރިގެން އައި އިރު އެ ކޮމިޝަނުން ބަލަން ފެށި އެއްވެސް މައްސަލައެއްގައި މިހާތަނަށް އިންސާފާ ހަމައަށް ދެވިފައި ނުވާތީ ގިނަ ބަޔަކު އެ ކޮމިޝަނަށް އަދި ސަރުކާރަށް އަންނަނީ ފާޑުކިޔަމުންނެވެ.