ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓެއް ސައުދީ އަރަބިއްޔާއަށް ގެންގޮސްފިއެވެ.

މިއީ ސައުދީ އަރަބިއްޔާއަށް ގެންދިޔަ، ކޮވިޑް-ވެކްސިންގެ ފުރަތަމަ ޝިޕްމަންޓެވެ. މި ޝިޕްމަންޓްގައި ހިމެނެނީ، އާންމު އުސޫލުން ވެކްސިން ދޭން ފެށި 3 ގައުމު ކަމަށްވާ އިނގިރޭސިވިލާތް، އެމެރިކާ އަދި ކެނެޑާއިން ވެސް ބޭނުން ކުރަމުން އަންނަ، ފައިޒާއާއި ބައޮއެންޓެކް ކުންފުނީގެ ވެކްސިން ކަމަށް މައުލޫމާތު ލިބެއެވެ.

ސައުދީ އަރަބިއްޔާގައި ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ / ފޮޓޯ: އެރޭބިއަން ބިޒްނަސް

ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ސައުދީއިން ވެކްސިން ދޭން ފަށާއިރު، 150000 އަށް ވުރެ ގިނަ މީހުން، ވެކްސިން ހޯދަން އެދި ދަފުތަރު ކޮށްފައި ވާ ކަމަށް ހަބަރު ލިބެއެވެ.

ސައުދީގައި ކޮވިޑް ވެކްސިން ފޯރުކޮށްދެނީ އެއްވެސް އަގަކާ ނުލާ ކަމަށާ، އެގައުމުގައި ދިރިއުޅެމުން އަންނަ ސައުދީގެ ރައްޔިތުންނާއި ބިދޭސީންވެސް ވީ އެންމެ އަވަހަކަށް ވެކްސިން ކެމްޕޭންގައި ދަފުތަރު ކުރުމަށް، ސައުދީގެ ސިއްހަތާ ބެހޭ ވަޒީރު، ޑރ ތައުފީގު އަލް-ރާބިއާ ވަނީ ގޮވާލައްވާފައެވެ.

ސައުދީ އަރަބިއްޔާއިން ވަނީ ކޮވިޑް-19 އާ ދެކޮޅަށް ނަސްރު ލިބިފައި ވާ ކަން އިއުލާން ކޮށްފަ / ފޮޓޯ: އިކޮނޮމިކް ޓައިމްސް

ކަން މިހެން އޮތް ނަމަވެސް، ވެކްސިން ދިނުމުގައި އިސްކަން ދޭނީ އެންމެ ބޮޑަށް ބޭނުން ޖެހިފައި ވާ ފަރާތްތަކަށް ކަމަށްވެސް ޑރ ރާބިއާ ވަނީ ވިދާޅުވެފައެވެ. ސައުދީއިން އިސްކަން ދޭ ލިސްޓުގެ އެންމެ ކުރީގައި އޮތީ އުމުރުން 65 އަހަރާއި އެއަށްވުރެ ދޮށީ އުމުރުގެ މީހުންނެވެ. މީގެ އިތުރުން، ދާއިމީ ބަލިތައް ތަހައްމަލު ކުރާ މީހުންނާއި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންނާއި، ސިއްހީ ހިދުމަތްތެރިންވެސް މި ލިސްޓުގައި ހިމެނެއެވެ.

ސައުދީއިން މިހަފުތާގައި ވަނީ، ކޮވިޑް-19ގެ މައްޗަށް ނަސްރު ހޯދިފައި ވާކަމަށްވެސް އިއުލާން ކޮށްފައެވެ.

އަރަބި ގައުމެއްގެ މަގުމަތީގައި މާސްކު އަޅައިގެން އުޅޭ ބައެއް / ފޮޓޯ: ދަ ނޭޝަނަލް

ސައުދީގެ ފަހަތުން ލުބްނާނުންވެސް ދަނީ މި ހަފުތާ ތެރޭގައި ފައިޒާއިން 1.5 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް 8 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ލުބްނާނަށް ވެކްސިން ލިބޭ ވަރު ވާނެ ކަމަށް ހަބަރު ލިބެއެވެ.