އެތައް ގޮތަކުން ކުރިއަރާފައިވާ އެންމެ ތަހުޒީބު އެއް ގައުމު ކަމަށް ގިނަ ބަޔަކު ވަކާލާތު ކުރަމުން އަންނަ ސިންގަޕޫރުގައި ދިރިއުޅޭ ހިޖުރަވެރި މަސައްކަތްތެރިންގެ އާބާދީގެ ދެބައިކުޅަ އެއްބައި ހާ މީހުން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާ ކަމަށާ، މިއީ ހައިރާން ކުރަނިވި ކަމެއް ނޫން ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން ބުނެފިއެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ސިންގަޕޫރުގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން 152000 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއީ ހިޖުރަވެރި މަސައްކަތްތެރިންގެ އާބާދީގެ 47 ޕަސެންޓެވެ. ކޮވިޑް-19ގެ ބަލިމަޑުކަން އެންމެ ނުރައްކާ ދަރަޖައެއްގައި އޮތް ގައުމުތަކުގެ ލިސްޓުން ޖާގަ ލިބޭ އިނގިރޭސިވިލާތުގައިވެސް މިއަދަދު އޮތީ އެންމެ 11 ޕަސެންޓްގައެވެ.

ސިންގަޕޫރުުގެ ހިޖުރަވެރި ބިދޭސީ މަސައްކަތްތެރިން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އެޗްއާރް އޭޝިއާ

ސިންގަޕޫރުގައި ދިރިއުޅޭ ހިޖުރަވެރި މަސައްކަތްތެރިންގެ ކޭސްތައް ނުހިމަނާ ނަމަ، އެ ގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4000 އަށްވެސް ނާރައެވެ.

ސިންގަޕޫރުގައި ކޮވިޑް-19ގެ ހުޅުގަނޑު ފަޅައިގެން ދިޔައީ މިއަހަރުގެ އޭޕްރިލް ހާ ތަނުގައެވެ. ހިޖުރަވެރި މަސައްކަތްތެރިންގެ އާބާދީގެ ބޮޑު އިންސައްތައަކީ، ކުޑަ ތަންކޮޅެއްގައި، ދަތި ހާލުގައި ދިރިއުޅެމުންދާ ބަޔަކަށް ވާއިރު، އެހާ ތަނުން ފެށިގެން ހިޖުރަވެރި މަސައްކަތްތެރިންގެ އާބާދީ ވަނީ ސިންގަޕޫރުގެ މައި އާބާދީއާ އެކަހެރިކޮށްފައެވެ. ކަރަންޓީނު އުސޫލުންނެވެ.

ސިންގަޕޫރުގެ މައި އާބާދީއާއި ހިޖުރަވެރި މަސައްކަތްތެރިންގެ އާބާދީގައި ބަލިމަޑުކަން ފެތުރޭ މިންވަރު އިންތިހާއަށް ދަށްވެފައި ވީ ނަމަވެސް، ސިންގަޕޫރު ސަރުކާރުން ލުއި ދިނުމަށް ވިސްނަނީ އާންމު އާބާދީއަށެވެ.

ސިންގަޕޫރުުގެ ހިޖުރަވެރި ބިދޭސީ މަސައްކަތްތެރިން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އެސްސީއެމްޕީ

ސިންގަޕޫރުގައި ދިރިއުޅެމުން އަންނަ ހިޖުރަވެރިންގެ ތެރޭގައި ގިނައީ ދެކުނު އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. ލޭބަރުންގެ އުސޫލުން މި މީހުން ހިދުމަތް ކުރަނީ އުމްރާނީ ބިނާވެއްޓާއި އުފެއްދުންތެރިކަމުގެ ސިނާއަތުގައެވެ. މި އެންމެނަށްވެސް ބޮޑެތި ހުރަސްތަކެއް އަދިވެސް ވަނީ ކުރިމަތިވެފައެވެ. އާންމު ދިރިއުޅުން ހުއްޓިފައި އޮތް ފަދައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރަމުން އަންނަ ޓްރާންސިއެންޓް ވޯކާޒް ކައުންޓް ޓޫ (ޓީޑަބްލިއުސީ2) ގެ އެލެކްސް އޯ ވިދާޅުވީ، ސިންގަޕޫރުގައި ދިރިއުޅެމުން އަންނަ ހިޖުރަވެރި މަސައްކަތްތެރިންނާ މެދު ގައިދީންގެ އުސޫލުން އަމަލު ކުރުމަށް ދައްކާނެ ހުއްޖަތެއް ނެތް ކަމަށެވެ. މީގެ ތެރެއިން ގިނަ މަސައްކަތްތެރިން "ބަންދުގައި" ތިބޭތާ މިހާރު 8 މަހެއްހާ ދުވަސް ވެދާނެ ކަމަށްވެސް އެލެކްސް އޯ ވިދާޅުވެއެވެ.

ސިންގަޕޫރުުގެ ހިޖުރަވެރި ބިދޭސީ މަސައްކަތްތެރިން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އެންއޭއާރް

ކުއްލިއަކަށް އަދަދު އިތުރުވީ ކީއްވެ؟

ފަހުގެ ތަފާސް ހިސާބުތައް އެކުލެވިގެން ވަނީ، ޓެސްޓު ހަދާ ވަގުތު ކޮވިޑް-19 ޖެހިފައި ވޭތޯ ބެލުމަށް ހަދާ ޕީސީއާރް ޓެސްޓާއި، މާޒީގައި އެމީހަކަށް ކޮވިޑް-19 ޖެހިފައިވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ހަދާ ސިރޯލޮޖީ ޓެސްޓުތަކުގެ ނަތީޖާގެ މައްޗަށެވެ.

ޕީސީއާރް ޓެސްޓުތަކުން 54500 މަސައްކަތްތެރިން ޕޮޒިޓިވް ކަމަށް ދައްކައެވެ. ސިރޯލޮޖީ ޓެސްޓުތަކުން ބުނާ ގޮތުގައި 98000 އެއްހާ މަސައްކަތްތެރިންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.

ސިންގަޕޫރުގެ ހިޖުރަވެރި މަސައްކަތްތެރިން އެކަހެރި ކުރުމަށް ޑޯމް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ / ފައިލް ފޮޓޯ: ވީއޯއޭ

ސިންގަޕޫރުގެ ސަރުކާރުން ބުނީ، މިއަހަރުގެ އޯގަސްޓް މަހާ ހިސާބަށް އާދެވުނުއިރު، އެ ގައުމުގެ މަސައްކަތްތެރިންގެ އާބާދީގެ 100 ޕަސެންޓް، ކޮވިޑް-19އަށް ޓެސްޓު ކޮށްފައި ވާކަމަށެވެ. މަސައްކަތްތެރިންގެ އާބާދީގެ ކޮންމެ މެމްބަރަކުވެސް، އެންމެ މަދުވެގެން 1 ފަހަރު ކޮވިޑް-19އަށް ޓެސްޓު ކޮށްފައި ވާކަމަށާ، އެއީ ޕީސީއާރް ޓެސްޓު ނުވަތަ ސިރޯލޮޖީ ޓެސްޓު ކަމަށް ސިންގަޕޫރު ސަރުކާރުން ބުނެއެވެ.

ސިންގަޕޫރުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ، ޕޮޒިޓިވްވި ހުރިހާ އެންމެންނާ، މާޒީގައި ބަލިޖެހުނު މީހުންވެސް އައިސޮލޭޓް ކޮށްފައިވާނެ ކަމަށެވެ. މަސައްކަތްތެރިންނަށް ބޭނުންވާ ސިއްހީ އަދި އެނޫންވެސް އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށްވެސް ސިންގަޕޫރުގެ ސަރުކާރުން ބުނެއެވެ.

ސިންގަޕޫރުގެ ހިޖުރަވެރި މަސައްކަތްތެރިންގެ ތެރެއިން 152000 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވިއިރު، މީގެ ތެރެއިން 323000 އެއްހާ މީހުންނަކީ ޑޯމްތަކުގައި، ދަތި ހާލުގައި ދިރިއުޅެމުންދިޔަ މީހުންނެވެ. 65000 އެއްހާ މަސައްކަތްތެރިންގެ ސިރޯލޮޖީ ޓެސްޓުގެ ނަތީޖާއަށް އިންތިޒާރު ކުރަން ޖެހިފައި ވާއިރު، މިއަދަދު އަދިވެސް އިތުރުވުން އެކަށީގެންވެއެވެ.

ސިންގަޕޫރުގެ ހިޖުރަވެރި މަސައްކަތްތެރިން ދިރިއުޅެމުންދާ ޑޯމެއްގެ ކޮޓަރިއެއް / ފޮޓޯ: އީކޯބިޒްނަސް

އޯ ވިދާޅުވީ މިއަދަދުތަކަކީ ހައިރާންވާ އަދަދުތަކެއް ނޫން ކަމަށެވެ. އެހެނީ، ޕޮޒިޓިވްވުމަށް ފަހުގައިވެސް ކޮޓަރިތަކުގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތްތެރިންނަށް އިރުޝާދު ދިން ކަމަށް އެ މަސައްކަތްތެރިން ރިޕޯޓްކޮށްފައި އޮތުން ކަމަށް އޯ ވިދާޅުވިއެވެ. އައިސޮލޭޝަނަށް ނުގެންދާ ކަމަށް މަސައްކަތްތެރިން ބުނި ކަމަށް އޯ ވިދާޅުވިއެވެ.

މިއީ މާޒީ ކަމަށާ، މިހާރުގެ ކަންބޮޑުވުމަކީ، ހިޖުރަވެރި މަސައްކަތްތެރިންނާ މެދު ގައިދީންގެ އުސޫލުން އަމަލު ކުރުން ކަމަށްވެސް އޯ ވިދާޅުވިއެވެ. އިންފެކްޝަން ރޭޓް ސުމެއްގައި ހުރި ކަމުގައި ވީ ނަމަވެސް، ކޮންމެ 2 ހަފުތާއަކުން މަސައްކަތްތެރިންގެ ކޮވިޑް ޓެސްޓު ހައްދުވާ ކަމަށާ، އެމީހުންގެ މައްޗަށް ހަރުކަށި ފިޔަވަޅުތަކެއް އިތުރަށް ތަންފީޒު ކުރުމުގެ ބޭނުމެއްވެސް ނެތް ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ސިންގަޕޫރުގެ ވައިގެ ބަނދަރުގައި ތާމަލް ކެމެރާ ބޭނުންކުރަނީ/ފޮޓޯ: އެސްސީއެމްޕީ

ކަން މިހެން އޮތްއިރު، ސިންގަޕޫރުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހިޖުރަވެރިންގެ ޑޯމްތަކުން ކޭސް މަދުވުމާއެކު ލުއި ދޭނެ ކަމަށް ބުނެފައެވެ. 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލުއި ދިނުމުގެ މަސައްކަތް ފަށާނެ ކަމަށް ބުނި ނަމަވެސް، އެއީވެސް ހަރުކަށި އުސޫލުތަކެއްގެ ދަށުން ދޭ ލުޔެކެވެ. އެގޮތުން، އާންމު މުޖުތަމައަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ދޭނީ މަހަކު 1 ފަހަރު ކަމަށާ، އެ ގޮތަށް ދާއިރުވެސް ދާން ޖެހޭނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާ، ކޮންޓެކްޓް ޓްރޭސް ކުރުމަށް ހާއްސަކޮށްފައިވާ ޑިވައިސްވެސް އަޅައިގެން ކަމަށް ވަނީ ކަނޑައަޅާފައެވެ.