އަހަރެއްހާ ދުވަސް ވީއިރުވެސް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް، މޮޑާނާ ކުންފުނިން، ރެކޯޑް ހަލުވި މިނެއްގައި ތައްޔާރު ކުރި ވެކްސިނަކީ، ރައްކާތެރި އަދި ކާމިޔާބު ވެކްސިނެއް ކަމަށް، އެމެރިކާގެ ތަޖުރިބާކާރުންގެ ޕެނަލަކުން ބުނެފިއެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް މޮޑާނާއިން ތަރައްގީ ކުރި ވެކްސިނަކީ، 94 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަން ކަށަވަރު ވެފައި ވާކަމަށާއި މިއީ ރައްކާތެރި ވެކްސިނެއް ކަމަށް އެމެރިކާގެ ރެގިއުލޭޓަރުން ބުނުމާއެކު، އާންމު އުސޫލުން ވެކްސިން ދިނުމަށް އެމެރިކާއިން ފަށާފައި ވާ މަޝްރޫއުގައި މި ވެކްސިންވެސް ބޭނުން ކުރުމުގެ މަގު ތަނަސްވީއެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)ގެ ތަޖުރިބާކާރުންގެ ޓީމުން މި ވެކްސިނަށް ރުހުން ދިނުމަކީ، އެމެރިކާގައި 2 ވަނައަށް ބޭނުން ކުރާ ވެކްސިނަކަށް މޮޑާނާގެ ވެކްސިން ވުމަށް ކޮށުނު މަގެއް ކަމުގައި ވެސް ދެންނެވިދާނެއެވެ.
އެމެރިކާގެ ވެކްސިން ޕެނަލުން މިކަމާ ގޮތެއް ނިންމާނީ ކުރިއަށް އޮތް 48 ވަރަކަށް ގަޑިއިރުގެ ތެރޭގައި ކަމަށް ހަބަރު ލިބެއެވެ.
ވެކްސިނާ ބެހޭ ގޮތުން ތަޖުރިބާކާރު ސައެންސްވެރިންގެ ޓީމުން 54 ސޮފުހާގެ މުރާޖާއެއް އެކުލަވާލާފައި ވާއިރު، އެފްޑީއޭގެ ވެކްސިން ޗީފްގެ އިޒުނަ ލިބޭތާ 24 ގަޑިއިރުގެ ތެރޭގައި ވެކްސިން ސަޕްލައި ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ބެލެވެއެވެ.
ދެވަނަ ވެކްސިނަކަށް އެމެރިކާއިން ފެހި ސިގުނަލް ދީފައި މިވަނީ، މި ބަލީގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު 300000 ގެ ފާހަގަ ހުރަސްކޮށްފައި ވާ ދަނޑިވަޅެއްގައެވެ.
ކޮވިޑް-19އިން ދިފާއުވުމަށް ފައިޒާއާއި ބައޮއެންޓެކުން ތަރައްގީ ކުރި ވެކްސިން، އާންމު އުސޫލުން އެމެރިކާގައި ބޭނުން ކުރަން ފެށީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ފައިޒާގެ ވެކްސިނަކީ މައިނަސް 75 ޑިގްރީއާއި ގާތް ކުރާ އިންތިހާ ފިނީގައި ސަޕްލައިކޮށް، ބަހައްޓަން ޖެހޭ ވެކްސިނަކަށް ވާއިރު، މޮޑާނާގެ ވެކްސިން ބަހައްޓަން ޖެހެނީ މައިނަސް 20 ޑިގްރީ ސެލްސިއަސްގައެވެ. މިއީ އެކި ޒާތުގެ މުދާ އުފުލުމަށް ބޭނުންކުރާ ފްރީޒަރަށް ކުޅަދާނަ މިންވަރެކެވެ.
ފައިޒާއާއި މޮޑާނާގެ ވެކްސިންތަކަކީ 2 ޑޯޒްގެ މައްޗަށް އެކުލެވޭ ވެކްސިންތަކެކެވެ. މޮޑާނާގެ 2 ޑޯޒް ދޭތެރޭ 28 ދުވަސް ހޭދަވެއެވެ. ފައިޒާގެ ވެކްސިންގައި އެކުލެވޭ 2 ޑޯޒްގެ ދޭތެރެ 21 ދުވަސް ހޭދަކުރަންޖެހެއެވެ.
މޮޑާނާގެ ވެކްސިނަށް އޯޑަރު ދީފައިވާ ފަރާތްތަކާއި ގައުމުތަކުގެ ތެރޭގައި ވިލާތުގެ އިއްތިހާދު (80 މިލިއަން ޑޯޒް)، އިނގިރޭސިވިލާތް (7 މިލިއަން ޑޯޒް)، ޖަޕާން (50 މިލިއަން ޑޯޒް)، ދެކުނު ކޮރެއާ (20 މިލިއަން ޑޯޒް)، ކެނެޑާ (56 މިލިއަން ޑޯޒް)، ސުވިޒަލަންޑް (7.5 މިލިއަން ޑޯޒް) އަދި އެމެރިކާ (200 މިލިއަން ޑޯޒް) ހިމެނެއެވެ.