ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ގަބުރު ރާއްޖޭގައި ވަޅުލުމާ ދެކޮޅު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ގައުމެއްގެ ކޮންމެ ދީނެއްގެ މެހެމާނަކަށް ވެސް ރާއްޖެއިން އުފަލާ އެކު މަރުހަބާ ކިޔާ ބާއްޖަވެރި ހުރުމަކަށް އެދިވަޑައިގެންނެވި ނަމަވެސް ކޮވިޑުގައި މަރުވާ މީހުންގެ ގަބުރު ރާއްޖޭގައި ވަޅުލަން ގެނައުމަކީ ތާއީދު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް މައުމޫނު މިހެން ވިދާޅުވި ނަމަވެސް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވަނީ ކޮވިޑުގައި ލަންކާގައި މަރުވާ މުސްލިމުންގެ ގަބުރު ރާއްޖެ ގެނައުމަށް ތާއިދު ކުރައްވާފައެވެ.

އެގޮތުން ޑރ. އިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގައި ކޮވިޑާ ގުޅިގެން މަރުވާ މުސްލިމުންނާ މެދު ވަރަށް އިހާނެތި ގޮތަކަށް ކަންތައް ކުރަމުންދާ މި ދަނޑިވަޅުގައި އެމީހުންނަށް އެހީތެރިކަން ފޯރިކޮށްދީ އިހާނެތި ކަމުން ސަލާމަތް ކުރުމަށް ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.

އޭގެ އިތުރުން މިއީ އަވައްޓެރި ގައުމަކަށް ދެވުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް ވެސް ޑރ. އިޔާޒު ވަނީ ވިދާޅުވެފައެވެ.

ޑރ. އިޔާޒުގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވެސް ވަނީ އެކަމަށް ތާއިދު ކޮށްފައެވެ. އެގޮތުން އެމިނިސްޓްރީން ވަނީ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދީނީ ވާޖިބެއް ކަމަށް ފާހަގަ ކޮށްފައެވެ.

އެކަމާ ދިވެހި ހާރިޖިއްޔާއިން ބުނީ ކޮވިޑްގައި ލަންކާއިން މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައި ވާކަމަށާއި ދިވެހިރާއްޖޭގައި ސްރީލަންކާގެ އެފަދަ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ސިޓީއެއް ފޮނުއްވާފައި ވާ ކަމަށެވެ.

އިސްލާމީ އަހުވަންތަކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގުސަދުގައި އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތް ކޮށް، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި، ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް، ރައީސް ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރައްވަމުން ކަންވެސް ދިވެހި ހާރިޖިއްޔާއިން ވަނީ ބުނެފައެވެ.

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑު ނައްތާލަނީ އަންދާލައިގެންނެވެ. ނަމަވެސް މިއީ މުސްލިމުންގެ އަގީދާއާ ހިލާފު ކަމެއް ކަމުން، މިކަމުގައި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. ކަން މިހެން އޮތް އިރު، ބޮޑުވަޒީރު ވަނީ، ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މުސްލިމު މެމްބަރުންގެ އެއްބާރުލެއްވުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

ސްރީލަންކާއަކީ ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިންވެސް ވަޒަންވެރިވެގެން ދިރިއުޅެމުން އަންނަ ގައުމެވެ.