މާލޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ހޭލުންތެރި ކުރުމުގެ ގޮތުން ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުން ބުނީ މި ޕްރޮގްރާމަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެއް ކަމަށެވެ.

މިގޮތުން މިމަހުގެ 11 ވަނަ ދުވަހު ތާޖުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ސެޝަނުގައި މައުލޫމާތު ދީފައިވަނީ ހޯލްސޭލް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ހެޕީ މާކެޓުގައި މަސައްކަތްކުރާ ޑްރައިވަރުންނަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި ސެޝަނުގައި މަގު މަތީގައި ބޭނުންކުރަންޖެހޭ ހަމަތަކާއި ގާނޫނާ އެއްގޮތަށް މުދާ އުފުލާނެ ގޮތާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކުގެ މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭގެ އިތުރުން ޑްރައިވަރުންގެ ފަރާތުން ދިމާވާ މައްސަލަތަކާއި އެ މައްސަލަތައް ހައްލު ކުރުމަށް ކުރެވޭނެ ކަންކަން ވެސް ބުނެދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމުގައި ހެޕީމާކެޓުގައި މަސައްކަތްކުރާ 63 ޑްރައިވަރުން ބައިވެރިވެފައިވާ ކަމަށާއި މި ޕްރޮގްރާމުގެ އިތުރު ސެޝަންތައް އިތުރު ކުންފުނިތަކުގެ ބިދޭސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.