ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އެ ބިލަކީ މިދިޔަ ނޮވެންބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލަކީ އާންމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ކަންކަން އިންތިޒާމު ކުރުމަށްޓަކައި އިދާރާއެއް އުފެއްދުމާއި އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި އަދި އާންމު ބޭނުންތަކުގެ ހިދުމަތްތަކާގުޅޭ ކަންކަން ރާވައި ހިންގާނެ ގޮތުގެ އާންމު އުސޫލުތައް ކަނޑައެޅާފައިވާ ބިލެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނީ އެ ބިލުގެ މަގްސަދަކީ އާންމު ބޭނުންތަކުގެ ހިދުމަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ހެޔޮ އަގެއްގައި ހަރުދަނާކަމާއެކު އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގެ މަތިން ފޯރުކޮށްދެވޭ ހިދުމަތްތަކަކަށް ހެދުން ކަމަށެވެ. އަދި އެ ހިދުމަތްތަކަކީ އެފިޝަންޓް އަދި ތިމާވެއްޓާ ރައްޓެހި ހިދުމަތްތަކެއްގެ ގޮތުގައި ބައްޓަންކުރުމާއި ރަނގަޅު ފެންވަރުގައި ދެވޭ ހިދުމަތްތަކަކަށް ހެދުން ކަމަށެވެ.

އޭގެ އިތުރުން ވެސް އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އާންމު އުސޫލުތައް ކަނޑައަޅައި ތަންފީޒުކުރުމާއި އެ ގާނޫނާއި އަދި ކަމާގުޅޭ ހާއްސަ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބަލައި ފިޔަވަޅު އަޅާނެ ނިޒާމެއް ގާއިމުކުރުން ވެސް މި ބިލުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އެ ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ އެ ގާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.