ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެ އެ ބަލީގެ ވޭން ތަހައްމަލު ކުރި މަޝްހޫރު ރޭސް ކާ ޑްރައިވާ ލުވިސް ހެމިލްޓަންއަށް އަދިވެސް އެ ތަކުލީފުތައް އުފުލަން ޖެހޭ ކަމަށް އޭނާ ބުނެފިއެވެ.

މިއަދު އަބޫދާބީ ގްރޭންޑް ޕްރީއަށް ނިކުންނަ ހެމިލްޓަން ވަނީ ފާއިތުވީ 10 ވަރަކަށް ދުވަސް، އައިސޮލޭޝަންގައި ހޭދަކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި، މިދިޔަ ބުދަ ދުވަހު ހެމިލްޓަން ވަނީ ކޮވިޑް-19ގެ ވައިރަހުން ސަލާމަތްވެ، ޓެސްޓު ނެގެޓިވް ކަމަށް ދައްކާފައެވެ.

ޓެސްޓު ނެގެޓިވް ކަމަށް ދެއްކި ނަމަވެސް، ޖިސްމާނީ ގޮތުން ހަށިގަނޑަށް ކުރިމަތިވި ބަލިކަން މުޅިން ފިލާ ނުދާ ކަމަށް ހެމިލްޓަން ބުނެއެވެ. އެގޮތުން ފުއްޕާމޭގައި އަދިވެސް ބަލީގެ ވޭން އެބަހުރި ކަމަށާ، ރޭހަށް ނިކުތް ކަމުގައި ވީ ނަމަވެސް 100 ޕަސެންޓް ފިޓު ނޫން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކުރިއަށް އޮތީ މާ ފަސޭހަ ރޭހަކަށް ނުވާނެ ކަމަށާ، ނަމަވެސް އޭނާއަށް ވީ އެންމެ ފުރިހަމައަކަށް މަސައްކަތް ކުރާނެ ކަމަށް، ދުނިޔޭގެ 1 ނަމްބަރު ޗެމްޕިއަން ހެމިލްޓަން ވަނީ ބުނެފައެވެ. އުމުރުން 35 އަހަރުގެ ހެމިލްޓަން ބުނީ ވީހާވެސް ގިނައެއްކޮށް ނިދުމަށް މަސައްކަތް ކުރާ ކަމަށާ، ނަމަވެސް ހަށިގަނޑުގައި އެއްވެސް ވަރަކަށް ވަރު ނުހުންނަ ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.

ކޮވިޑް-19 އަކީ ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ބައްޔަކަށް ވާއިރު، ބަލި ޖެހި، ރަނގަޅުވެ، ޓެސްޓު ނެގެޓިވްވެ އެތައް މަހެއް ވާއިރުވެސް ބަލީގެ ވޭނާއި ތަކުލީފު އުފުލަންޖެހޭ މީހުންގެ އަދަދު މަދެއް ނޫނެވެ.