އެ ބާތަކާ ބެހޭ ގޮތުން މީގެ ކުރިން މައުލޫމާތު އެނގިފައި ނުވާ، އާ ބާވަތެއްގެ ބޮޑުމަސްތަކެއް ފެނިފައި ވާ ކަމަށް، މެކްސިކޯ ގެ ހުޅަނގު އައްސޭރިފަށުގެ ސަރަހައްދުގައި މަސައްކަތް ކުރަމުން އަންނަ ސައެންސްވެރިންތަކެއް ބުނެފިއެވެ.

އެމެރިކާގެ ބޯޑަރުން 300 މޭލު ބޭރުން އޮންނަ ސެން ބެނީޓޯ އައިލަންޑްސް ކައިރީގައި ދިރާސާ ކުރަމުން އަންނަ ސީ ޝެޕާޑް ކޮންޒަވޭޝަން ސޮސައިޓީއާއެކު މަސައްކަތް ކުރާ ސައެންސްވެރިންގެ ޓީމަށް، ތުންގަނޑު ލީ، ތިން ބޮޑުމަސް ފެނިފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް ހަބަރު ލިބެއެވެ.

މެކްސިކޯގެ ކަނޑުގެ ސަރަހައްދުން ފެނުނު އާ ޒާތުގެ ތުންގަނޑު ލީ ބޮޑުމަސް / ފޮޓޯ: ސީ ޝެޕާޑް | އެޓްލަސް

މި ޓީމަކީ އެ ސަރަހައްދުން ލިބެމުން ދިޔަ ގޮތް ނޭނގޭ އެކޫސްޓިކް ސިގްނަލްތަކުގެ އަސްލަކީ ކޮބައިތޯ ބެލުމަށް ދިރާސާ ކުރަމުން ދިޔަ ޓީމެކެވެ. ތުންގަނޑު ލީ ބޮޑުމަހާ ބެހޭ ތަޖުރިބާކާރުންގެ ޓީމުން ވަނީ މި މަސްތަކުގެ މަންޒަރުތައް ފޮޓޯ ނަގާ، ވީޑިއޯ ކުރުމުގެ އިތުރުން، ކަނޑުއަޑީގައި މައިކް ބޭނުން ކޮށްގެން އެ މަހުލޫގުތަކުންގެ އެކޫސްޓިކް ސިގްނަލްތައް ރެކޯޑްވެސް ކޮށްފައެވެ.

ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޖޭ ބާލޯއާއި އެލިޒަބަތު ހެންޑާސަން ވަނީ، މިއީ މުޅިން އާ ޒާތެއްގެ ބޮޑުމަހެއްކަމަށް ޔަގީން ވާކަމަށް ބުނެފައެވެ. މިކަން ކަށަވަރު ކުރާނީ ޖެނެޓިކް ސާމްޕްލިންގްއަށް ފަހުގައެވެ.