ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ގުޅިގެން ތަރައްގީ ކޮށްފައިވާ ވެކްސިން، ކުއްލި ހާލަތުގައި ބޭނުން ކުރުމުގެ (އީއެމްޔޫ) ހުއްދައަކަށް އެދި، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން، އިންޑިއާގެ ޑްރަގްސް ކޮންޓްރޯލާ ޖެނެރަލް (ޑީސީޖީއައި)އަށް ހުށަހަޅައިފިއެވެ.

އެސްއައިއައިގެ ސީއީއޯ އަދި ވެރިޔާ، އަދާރް ޕޫނަވައްލާ ވަނީ، މިއަދު ކުރެއްވި ޓްވީޓެއްގައި މިކަން ކަށަވަރު ކޮށްދެއްވާފައެވެ. އަދި ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށްވެސް އޭނާ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

އޮކްސްފޯޑާއި އަސްޓްރާޒެނީކާއިން ތަރައްގީ ކުރަމުން އަންނަ "ކޮވިޝީލްޑް"ގެ ނަން ދީފައިވާ ވެކްސިންގެ 3 ވަނަ މަރުހަލާގެ ތަހުލީލުތައް މިހާރުވެސް އިންޑިއާގައި ދަނީ ކުރިއަށެވެ.

ކަމާ ބެހޭ މަސްދަރުތަކާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި އެސްއައިއައިއިން، ޑީސީޖީއައިގައި އީއެމްޔޫ ހުއްދައަކަށް އެދިފައި ވަނީ މައިގަނޑު 4 ދިރާސާއެއްގެ ރެކޯޑަށް ބެލުމަށް ފަހުގައެވެ. އެއީ އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ 2 ދިރާސާއަކާއި، ބްރެޒީލް އަދި އިންޑިއާގައި ވަކިވަކީން ކުރިއަށް ގެންދިޔަ 2 ދިރާސާ ކަމަށް ހަބަރު ލިބެއެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރަމުން އަންނަ ވެކްސިންއަކީ ކާމިޔާބު ވެކްސިނެއް ކަމަށް ބުނީ މިދިޔަ ހޯމަ ދުވަހުއެވެ. އަސްޓްރާޒެނީކާގެ ވެކްސިނަކީ ފައިޒާ އަދި މޮޑާނާގެ ވެކްސިންތަކަށް ވުރެ އަގުގެ ގޮތުން ބަލާއިރު، ޖީބަށް ލުއި ވެކްސިނެކެވެ. އަސްޓްރާޒެނީކާގެ ވެކްސިން ފުރިހަމަ ވަނީ 2 ޑޯޒްއަކުންނެވެ. ފުރަތަމަ ބޫސްޓަރަށް ފަހު، 2 ވަނަ ޑޯޒް ދެނީ މަހެއްހާ ދުވަސް ފަހުންނެވެ.

މި ވެކްސިނަކީ، ކޮވިޑް-19 އިން ދިފާއުވުމަށް އެވަރޭޖު ގޮތެއްގައި 70 ޕަސެންޓް ކާމިޔާބު ލިއްބައިދޭނެ ވެކްސިނެއް ކަމަށް އަސްޓްރާޒެނީކާއިން ވަނީ އިއުލާން ކޮށްފައެވެ.

ދުނިޔޭގައި މިވަގުތު އެންމެ ފުޅާދާއިރާއެއްގައި ވެކްސިން އުފައްދަމުން އަންނަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން ކަމަށްވާއިރު، އަސްޓްރާޒެނީކާއާއި އޮކްސްފޯޑްއާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތަކީ، ވީ އެންމެ އަވަހަކަށް ވެކްސިން ފޯރުކޮށްދިނުމުގެ އަޒުމުގައި ކުރާ މަސައްކަތެކެވެ. އެސްއައިއިއިން މިހާރުވެސް ވަނީ 40 މިލިއަން ޑޯޒްގެ ވެކްސިން އުފައްދާފައެވެ.