މަޖިލިސް ތަޣައްޔަރުކުރަން ސަރުކާރުގެ ތެރެއިން ބަޔަކު މަސައްކަތްކުރާ ކަމުގެ ތުހުމަތު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރައްވައިފިއެވެ.
އާޒިމް މިހެން ވިދާޅުވެފައިވަނީ ސަރުކާރުން ފޮނުުވައިގެން އާޒިމް މަޖިލީހަށް ހުށަހެޅި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަމުންނެވެ.
އެގޮތުން އާޒިމް ވިދާޅުވީ ބިލު ދިރާސާކޮށްފައި ގެނައި ކަންބޮޑުވުންތަކަށް ރިއާޔަތް ނުކުރާ ކަމަށެވެ. އަދި އެގޮތަށް އެކަން ދިމާވީ ސަރުކާރުގެ ތެރެއިން ބަޔަކު މަޖިލީހުގެ ތެރެއަށް އަތް ގަދަކުރާތީ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
އާޒިމް ވަނީ މަޖިލިސް މަޖިލީހުގެ ގޮތުގައި ހިންގުމުގެ ފުރުސަތު ދިނުމަށް ގޮވާލާފައެވެ. އެހެން ނޫންނަމަ ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތަކެއް ނުހިންގޭނެ ކަމަށާއި ރަބަރު ސްޓޭމްޕް ޖަހާ ތަނެއްގެ ގޮތުގައި މަޖިލިސް ބަދަލުވެގެން ގޮސްފިނަމަ ރައްޔިތުންނަށް ހިތްހަމަޖެހުމެއް އަދި އުފާވެރިކަމެއް ވެސް ނެތް ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.