ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް)ގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހިންގާ މަޝްރޫއުގެ ދަށުން ރާއްޖޭގެ މޫސުމީ ވިއުގައަށް އިތުރުކުރެވޭ 6 އޮޓޯމެޓިކް ވެދާ ސްޓޭޝަން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަރަޔަންމަންޓް އާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ 'ސަޕޯޓިން ވަލްނަރަބަލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓާ ޝޯޓޭޖަސް'، މަޝްރޫއުގެ ދަށުން ރާއްޖޭގެ ހަ ސަރަހައްދެއްގައި އޮޓޮމެޓިކް ވެދާ ސްޓޭޝަން ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވާރެމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ މަގްސަދަކީ ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރުމުގައި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ވެދާ ސްޓޭޝަނެއް ގާއިމުކުރެވިފައި ނެތް ސަރަހައްދުތަކުގެ މޫސުން ސީދާ ކަމާއިއެކު ފުރިހަމައަށް ގެނެސްދިނުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އޭގެ ސަބަބުން "މޫސުމީ ވިއުގަ" އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިމަސައްކަތުގެ ދަށުން އެ ވެދާ ސްޓޭޝަންތައް ހަރުކުރުމަށް ހަމަޖެހިފައިވަނީ ށ. ކޮމަންޑޫ، ރ. އަލިފުށި، ރ. ދުވާފަރު، ފ. ބިލެއްދޫ، އދ، މަހިބަދޫ އަދި ސ. ހުޅުމީދޫ ގައެވެ.

އެ މަސައްކަތް ހަވާލުކުރެވިފައިވަނީ އިޓަލީގެ ކުންފުންޏެއް ކަމަށްވާ ސީއޭއީއެސްޕީއޭ އަށް 119,200 ޔޫރޯއަށެވެ. މި ސްޓޭޝަންތައް ހަރުކުރަން މެކްސްޓާ މޯލްޑިވްސްއާ ހަވާލުކޮށްފައިވާއިރު އެ ކުންފުނިން އެ މަސައްކަތްކޮށްދެނީ 737،760 ރުފިޔާ އަށެވެ.

ހަ އޮޓޯމެޓިކް ވެދާ ސްޓޭޝަން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓާ އޮފް އެންވަޔަރަންމަންޓް ޑރ.ހުސެއިން ރަޝީދު ޙަހަސަން ވިދާޅުވީ އެސްޓޭޝަންތައް ގާއިމުކުރުމަށް ނިންމާފައިވަނީ މޫސުން ލަފާކުރުމުގައި ޑޭޓާ އެއްކުރުމަށް އެންމެ ބޮޑަށް ދަތިތައް ކުރިމަތިވެފައިވާ ސަރަޙައްދުތަކުގައި ކަމަށެވެ.

އެގޮތުން އެ ސްޓޭޝަންތަކާއެކު ރާއްޖޭގެ މޫސުން ދެނެގަތުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.