އޭވިއޭޝަން ދާއިރާ އިން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކުގައި ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރަން ޖެހުމުން އޭވިއޭޝަން ދާއިރާ އަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގިނަ ގޮންޖެހުން ތަކާއެކުވެސް، ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ހަރަކާތްތަކުގެ ރިކަވަރީ މަރުހަލާ ފަށާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަސައްކަތުގައި ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރަން އިސްކަންދޭނެއެވެ. އަދި ކުރިން ވެސް ރާއްޖެ އޮޕަރޭޓްކުރަމުން އައި ގޮތަށް ބައިނަލްއަގްވާމީ އިތުރު އެއާލައިންތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ފަންނީ މުވައްޒަފުން ބިނާކުރުމަކީ ބައިނަލްއަގުވާމީ ފެންވަރުގައިވެސް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އެދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށް ކިޔެވުން ފުރިހަމަ ކުރެވޭނޭ މަގުތައް ތަނަވަސްކުރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމަށް މިނިސްޓަރު ނަހުލާ ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ ދާއިރާއިން ކިޔެވުމަށް ދިވެހި ދަރިންނަށް މަގުފަހިކޮށްދީ ވަޒީފާގެ ބާޒާރު ވެސް ދިވެހި ޒުވާނުންނަށް ތިޔާގި ކުރަމުން ގެންދިއުމަކީ އުފަލާއެކު ކޮނޑުގައި އަޅައިގެން އަދާކުރަމުންދާނޭ ވާޖިބެއް ކަމަށެވެ.