އަލީ އަބޫ އާލިއާއަށް 15 އަހަރު ފުރުނީ މިދިޔަ ހުކުރު ދުވަހުއެވެ. އިސްރާއީލު ސިފައިންގެ ލައިވް ވަޒަނުގެ ޝިކާރައަކަށް އޭނާ ވީވެސް ހަމަ އެ ދުވަހުއެވެ. އެއީ ޣައިރު ގާނޫނީ ގޮތެއްގައި އިސްރާއީލުން ހިސޯރު ކޮށްފައި ވާ ހުޅަނގު އައްސޭރީގެ އަލް-މުޣައްޔިރޭ ކިއުނު އަވަށުގައި ކުރިއަށް ދިޔަ މުޒާހަރާއެއްގެ ތެރެއިންނެވެ.

އާލިއާ ހުރީ، ހަވީރުގެ ވަގުތުގައި އޭނާގެ އުފަން ދުވަހުގެ ސައި ހެދުމަށް ކެތް މަދުވެފައެވެ. އޭނާގެ އާއިލާގެ ދީނީ ގަބޫލު ކުރުންތައް ހުންނަ ގޮތުން މިފަދަ މުނާސަބާތަކަކީ އާންމު ގޮތެއްގައި ފާހަގަ ކުރާ ކަންކަމަށް ނުވެފައި، އެ ދުވަހުގެ ހަވީރު ޕާޓީއެއް އޮތުމުން، އާލިއާގެ އުފާވެރިކަން ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ.

"އަލީ (އާލިއާ) ވަރަށް އުފަލުން ހުރީ. މަންމަ ގާތު ބުނި ހަވީރަށް ކޭކެއް އަޅާ ދޭންވެސް. އެކަމަކު، އެ ކޭކު ކާން އޭނާގެ ތަގުދީރުގައި ތަން ދިނީ އެހެން ތަނެއް (އެއީ ޖަންނަތު)، އާލިއާގެ ބައްޕަ، އައިމަން، 40، ބުންޏެވެ.

އުމުރުން 15 އަހަރު ފުރުނު ދުވަހު އިސްރާއީލުން ދިން ބަޑީގެ ހަމަލާގައި ޝާހިދު ފަލަސްތީނުގެ އަލީ އަބޫ އާލިއާގެ ޖަނާޒާގެ ތެރެއިން / ފޮޓޯ: ޓްރެންޑްސްމެޕް

ޑިފެންސް ފޮ ޗިލްރަން އިންޓަނޭޝަނަލް ޕަލަސްޓައިން (ޑީސިޕް)ގެ މައުލޫމާތަށް ބަލާއިރު، އިސްރާއިލުގެ ވަޒަން އެރީ އާލިއާގެ ބަނޑަށެވެ. އޭރު އޭނާ ހުރީ، އަވަށަށް ވަދެވެން އޮންނަ ސަރަހައްދުގައި، ފަލަސްތީނުގެ ޒުވާނުންނާއި އިސްރާއީލުގެ ބާރުތަކާ ދެމެދު ހިންގަމުންދިޔަ ކުރިމަތިލުން ބަލަން ކަމަށްވެއެވެ.

ހުޅަނގު އައްސޭރީގެ އެހެން ސަރަހައްދުތަކެކޭވެސް އެއްގޮތަށް، އަލް-މުޣައްޔިރުގައިވެސް އިސްރާއީލާ ދެކޮޅަށް ކޮންމެ ހަފުތާއަކުވެސް ސިލްސިލާ މުޒާހަރާތައް އޮވެއެވެ.

އިސްރާއީލުގެ ވަޒަނުގެ ޝިކާރައަކަށްވި އާލިއާ ހޮސްޕިޓަލަށް ގެންދެވުނެވެ. އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދެވުނުތާ މާ ގިނައިރެއް ނުވެ، މި ދުނިޔެއާއި އޭނާ ވަކިވެއްޖެ ކަމަށް ޑޮކްޓަރުން ނިންމިއެވެ.

އުމުރުން 15 އަހަރު ފުރުނު ދުވަހު އިސްރާއީލުން ދިން ބަޑީގެ ހަމަލާގައި ޝާހިދު ފަލަސްތީނުގެ އަލީ އަބޫ އާލިއާގެ ޖަނާޒާގެ ތެރެއިން / ފޮޓޯ: އޭޕީނިއުސް

ދަރިފުޅު ޝަހީދުވި ވާހަކަ އިވުމާއެކު، މަންމަގެ ހަބަރު ހުސްވިއެވެ. އަދި މަންމަ ހަމައަކަށް އެޅުވުމަށް، ކައުންސިލަރެއްގެ އެހީތެރިކަން ހޯދިކަމަށް އާއިލާއިން ވާހަކަދެއްކި އިތޯފު އަބޫ އާލިއާ ބުނެއެވެ.

ރަބަރު ކޯޓެއް ލުމަށްފަހު އިސްރާއީލުން ދޫކޮށްލި ވަޒަންތައް އަމާޒުވެ، ފަލަސްތީނުން އިތުރު 4 މީހަކު ޒަހަމްވިއެވެ. ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވަނީ، ހުކުރު ދުވަހުގެ މުޒާހަރާއަށް އަމާޒުކޮށް، ލައިވް ވަޒަން ބޭނުން ކޮށްފައި ވާކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ.

އުމުރުން 15 އަހަރު ފުރުނު ދުވަހު އިސްރާއީލުން ދިން ބަޑީގެ ހަމަލާގައި ޝާހިދު ފަލަސްތީނުގެ އަލީ އަބޫ އާލިއާގެ ޖަނާޒާގެ ތެރެއިން / ފޮޓޯ: ޑެއިލީ ޕްރޮގްރެސް

"އަލީ އަކީ ޝަހީދު ކުރެވޭ ފަހު ކުއްޖާއެއް ނޫން"

އައިމަން ސިފަކުރި ގޮތުގައި އޭނާގެ ދަރިފުޅަކީ މަޑުމައިތިރި ކުއްޖެކެވެ. ނަމަވެސް، އެހެން މީހުންނާ އެކުވެރި ކުއްޖެކެވެ. ދަރިފުޅުގެ މޫނުމަތިން ދުވަހަކުވެސް ހިނިތުންވުން ފިލާ ނުދާ ކަމަށް އެ ބައްޕަ ބުންޏެވެ.

އާލިއާ ގިނަ ވަގުތު ހޭދަ ކުރަނީ ފުޓުބޯޅަ ކުޅުމުގައެވެ. ނުވަތަ ކާފައާއެކު ބަކަރި ހުއިހެއްޕުމުގައެވެ.

"ދަރިފުޅުގެ ހުރިހާ ކަމެއް މިސްވޭ. އޭނާގެ ހިނިތުންވުން، ޖަހާލާ ހިނިގަނޑު، ރައްޓެހިންނާއެކު ފުޓުބޯޅަ ކުޅެ މޮޅުވާއިރު އެ ދެލޮލުން ފެންނަ އުފާވެރިކަން... ވަރަށް ހަނދާންވޭ. ދަރިފުޅު ވަކިވެ އެ ދިޔައީ، ފޫ ނުބެދޭ ފަދަ ބާގަނޑެއް، މި އާއިލާގެ ހިތުގައި އަޅުވާފަ" އައިމަން، އޭނާގެ ހިތުގެ އިހުސާސްތައް ބޭރު ކުރެވޭތޯ މަސައްކަތް ކުރިއެވެ.

އުމުރުން 15 އަހަރު ފުރުނު ދުވަހު އިސްރާއީލުން ދިން ބަޑީގެ ހަމަލާގައި ޝާހިދު ފަލަސްތީނުގެ އަލީ އަބޫ އާލިއާގެ މަންމަ (މ) އަދި ދައްތަ / ފޮޓޯ: ރޮއިޓާޒް

އާލިއާ ޝާހީދުވި ހަބަރު އާއިލާއަށް އިވުނީ ހޮނުގުގުރިއެއް ޖެހިހާ ބާރަށެވެ. އަދި އާލިއާއަކީ، މި ގޮތަށް، ފަލަސްތީނުގައި ޝާހިދު ކުރެވޭނެ އެންމެ ފަހު ކުއްޖާ ނޫން ކަމަށްވެސް އެ އާއިލާއިން ގަބޫލު ކުރެއެވެ.

ޑީސިޕްގެ ރެކޯޑްތަކަށް ބަލާއިރު އާލިއާއަކީ އިސްރާއީލުގެ ބާރުތަކުން، ހުޅަނގު އައްސޭރީގައި ލައިވް ވަޒަން ބޭނުން ކޮށްގެން މިއަހަރު ފަލަސްތީނުން ޝާހީދު ކޮށްލި، 5 ވަނަ ކުޑަކުއްޖާއެވެ.

ބައިނަލްއަގުވާމީ ގާނޫނު ބުނާ ގޮތުގައި ފުރާނައަށް ގެއްލުން ދެނިވި ބާރުގެ ބޭނުން ކުރަން ހުއްދަ އޮންނަނީ، ފުރާނައަށް ނުރައްކާވުން ނުވަތަ ސީރިއަސް އަނިޔާއެއް ލިބިދާނެ ކަމުގެ ބިރު އޮތް ހާލަތުގައި އެކަންޏެވެ. ނަމަވެސް، ފަލަސްތީނުގެ ކުޑަކުދިންނާ ދެކޮޅަށް އިސްރާއީލުގެ ބާރުތަކުން މިފަދަ ބާރުގެ ބޭނުން ކުރަނީ އެއްވެސް ހުއްޖަތެއް ނެތް މޭރުމަކުން ކަން ޑީސިޕްގެ ރެކޯޑްތަކުން އަންގައިދެއެވެ.

ދަރިފުޅުގެ ވަކިވެ ދިއުމާއެކު އައިމަންއަށް އެންމެ ބޮޑު ހައިރާން ކަމެއް ލިބުނު އަނެއް ސަބަބަކީ، އިސްރާއީލުގެ އުދުވާނީ ހަމަލާގައި ކުޑަކުއްޖަކު ޝާހީދު ވީ ހަބަރާއެކު ބަޔަކު ސިއްސައިގެންދާތީއެވެ. އައިމަން ބުނާ ގޮތުގައި މިއީ އަލަށް ހިނގި ކަމެއް ނޫނެވެ. ފަލަސްތީނުގެ ރައްޔިތުންނަކީ ތާއަބަދު އަމާޒުފަތްގަނޑަކަށް ވެފައިވާ ބައެއް ކަމަށް އައިމަން ސިފަކުރެއެވެ. ދަރިންނާއި ގެދޮރާއި، ގެންގުޅޭ ނާމްސޫފިތަކަށްވެސް އިސްތިސްނާއެއް ނެތް ކަމަށް އައިމަން ބުނެއެވެ.

އިސްރާއީލާ ގައްޒާ ހިއްސާކުރާ ސަރަހައްދީ އިމުގައި ހަމަލާ ބަދަލުކުރަމުންދިޔަ ވަގުތެއްގައި ފަލަސްތީނުގެ ޒުވާނުން އެ ދައުލަތުގެ ދިދަ ވިހުރަނީ/ފޮޓޯ: ޓައިމްސް އޮފް އިސްރާއީލު

އައިމަން ބުނާ ގޮތުގައި ވެރިވެގެންފައިވާ އިސްރާއީލުގެ އާބާދުތަކުން، 2 މިސްކިތެއް އަންދާލައިފިއެވެ. އަދި އޭނާގެ 17 އަހަރުގެ ފިރިހެން ދަރިފުޅު، 2 ފަހަރެއްގެ މަތިން ޒަހަމްކޮށްލައިފިއެވެ. ކޮންމެ ހުކުރު ދުވަހަކު ފަލަސްތީނުގެ ރައްޔިތުންނަށް އޮއްގަލުން ހަމަލާ ދޭ ކަމަށް އައިމަން ބުނެއެވެ.

"މުޅި ދުނިޔެއަށްވެސް އެބަ އެނގޭ މިތާ ވާ ކަންތައްތައް. އެކަމަކު އެއްވެސް މީހަކު ފިޔަވަޅެއް ނާޅާ.... އަލީ (އާލިއާ) އަކީ މި ގޮތަށް ޝަހީދު ކުރެވުނު ފުރަތަމަ ކުއްޖާއެއް ނޫން. އަދި އެންމެ ފަހު ކުއްޖަކަށްވެސް ނުވާނެ. މި އިސްތިއުމާރަށް ނިމުން ނެތް ހާ ދުވަހަކު، މިކަން ދެމި އޮންނާނެ" އައިމަން ބުންޏެވެ.

އުމުރުން 15 އަހަރު ފުރުނު ދުވަހު އިސްރާއީލުން ދިން ބަޑީގެ ހަމަލާގައި ޝާހިދު ފަލަސްތީނުގެ އަލީ އަބޫ އާލިއާގެ / ފޮޓޯ: ޓްވިޓާ

އައިމަން މިއަދު ހުރީ، އާލިއާ ކުރަމުން އަންނަ ދުއާއަކުން ހިތްވަރު ހޯދައިގެންނެވެ. އެއީ "އަޅުވެތިކަމުގައި ކެތްތެރިކަން ދެއްވުން އެދި" ﷲ سُبْحَانَهُ وَتَعَالَىٰ‎ ގެ ހަޒްރަތުގައި އާލިއާ ކުރަމުން އައި ދުއާއެވެ.