ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ވެކްސިން ބޭނުން ކުރުމަށް (އީއެމްޔޫ) ހުއްދައަކަށް އެދި، ފައިޒާ އިންކޯޕަރޭޝަންއިން އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިފިއެވެ.

ފައިޒާއަކީ، ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން، އާންމު އުސޫލުން ބޭނުން ކުރުމުގެ ހުއްދައަކަށް އެދި، އިންޑިއާގެ ޑްރަގްސް ކޮންޓްރޯލާ ޖެނެރަލް (ޑީސީޖީއައި) އަށް ހުށަހެޅި ފުރަތަމަ ކުންފުންޏެވެ. ފައިޒާ ކުންފުނިން މިހާރު ވަނީ އިނގިރޭސިވިލާތާއި ބަހްރައިންއިން މި ހުއްދަ ކަށަވަރުކޮށްފައެވެ.

ރަސްމީ މަސްދަރުތަކާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި ފައިޒާ ކުންފުނިން ހުއްދައަކަށް އެދިފައި ވަނީ އިންޑިއާއަށް ވެކްސިން އިމްޕޯޓްކޮށް، ވިއްކާ، ޑިސްޓްރިބިއުޓް ކުރުމަށެވެ. އަދި އިންޑިއާގެ އާބާދީގައި ވެކްސިން ތަހުލީލު ކުރުމުގެ މަރުހަލާއިން އިސްތިސްނާ ކޮށްދިނުމަށްވެސް އެދިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރަމުން އަންނަ ފައިޒާ ކުންފުނީގެ އިމާރާތް / ފޮޓޯ: ދި އެޖްމާކެޓްސް

މައުލޫމާތު ލިބޭ ގޮތުގައި ފައިޒާއިން މި ހުއްދައަށް އެދި، ޑީސީޖީއައިގައި އެދުނީ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުން ދިފާއު ހޯދުމަށް ތަރައްގީ ކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން، ފައިޒާއާއި ބައޮއެންޓެކް ކުންފުނިން ތަރައްގީ ކުރަމުން އަންނަ ވެކްސިން، އާންމު އުސޫލުން ބޭނުން ކުރުމަށް ހުއްދަ ދިން ފުރަތަމަ ގައުމުގެ ރެކޯޑް، އިނގިރޭސިވިލާތުން ކަށަވަރު ކުރީ ހުސްވި ހަފުތާ ތެރޭގައެވެ.

ފައިޒާގެ ވެކްސިންގެ ގޮތުގައި މީޑިއާގައި ރިއާޔަތް ކުރަމުން އަންނަ މި ވެކްސިނަކީ، ކޮވިޑް-19އާ ދެކޮޅަށް 95 ޕަސެންޓް ކާމިޔާބު ދަރަޖައަކަށް ދިފާއު ހޯދާ ދޭ، ރައްކާތެރި ވެކްސިނެއް ކަމަށް ބުނެވެއެވެ.

އަންކާރާ ޔުނިވަސިޓީގެ ސިއްހީ ހިދުމަތްތެރިއަކު ފައިޒާ އަދި ބައޮއެންޓެކް ކުންފުނިން ތަރައްގީ ކުރަމުން އަންނަ ކޮވިޑް-19 ވެކްސިން ސިރިންޖެއް ހިފައިގެން / ފޮޓޯ: އަނަދޯލޫ އޭޖެންސީ

ފައިޒާއާއި ބައޮއެންޓެކްގެ ވެކްސިނަކީ، ކޮންސެޕްޓް މަރުހަލާއިން ހަގީގީ ދުނިޔެއަށް ވާސިލުވުމުގެ ރޭހުގައި އެންމެ ކުރީގައި އޮތް ވެކްސިނެވެ. އާންމު އުސޫލުން ވެކްސިން ތަރައްގީ ކުރުމަށް 10 އަހަރު ހޭދަވީ ކަމުގައި ވީ ނަމަވެސް، މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑް-19އަށް ފައިޒާއާއި ބައޮއެންޓެކުން ވެކްސިން ތަރައްގީކޮށް، އާންމުންނާ ހިސާބަށް ގެނެސްދީފައި މި ވަނީ އެންމެ 10 މަހެއްހާ ދުވަހުގެ ތެރޭގައެވެ.

2 ޑޯޒްގެ މައްޗަށް އެކުލެވޭ ވެކްސިންގެ ފުރަތަމަ ޑޯޒްއަށް ފަހު ދެވަނަ ޑޯޒް ދިނުމަށް 21 ދުވަސް މަޑުކުރެއެވެ. ފުރަތަމަ ޑޯޒް ދޭ ހިސާބުންވެސް ދިފާއި ނިޒާމު ހަރަކާތްތެރިވާން ފަށާއިރު، އެންމެ ފުރިހަމަ ގޮތުގައި ކޮވިޑް-19އާ ދެކޮޅަށް ދިފާއީ ނިޒާމު މަސައްކަތް ކުރަނީ، 2 ވަނަ ޑޯޒް ނަގާތާ 7 ދުވަހުގެ ތެރޭގައެވެ.