ސައުދީ އަރަބިއްޔާގެ ޖިއްދާގެ ކިންގް ފަހްދު ހޮސްޕިޓަލުގެ މެޑިކަލް ޓީމަކުން، އަންހެނެއްގެ ބަނޑުން، 7 ކިލޯގްރާމްގެ ބޮޑު ޓިއުމަރެއް، ކާމިޔާބު ކަމާއެކު ނަގައިފިއެވެ.

އުމުރުން 50ގެ އަހަރުތައް ގުނަމުން އަންނަ އަންހެން މީހާގެ ބަނޑުން މިހާ ބޮޑު ޓިއުމަރެއް ނެގުމުގެ ކާމިޔާބު އޮޕަރޭޝަންގައި އިސްކޮށް ހުންނެވީ، އެ ހޮސްޕިޓަލުގައި ކޮންސަލްޓަންޓް އެންޑޯކްރޮނޮލޮޖިސްޓް އަދި އޮނޮކޮލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑރ ސާދު އަލް އަވާދުއެވެ.

ޑރ އަލް އަވާދު ވިދާޅުވީ، އަންހެން މީހާއަކީ ލޭ ފޭބުމުގެ މައްސަލަ ތަހައްމަލު ކުރަމުން ދިޔަ މީހެއް ކަމަށާ، ބަނޑުގައި އޮތް ޓިއުމަރުގެ ސަބަބުން އެތެރެ ހަށީގެ ގުނަވަންތަކަށް ޕްރެޝަރު ކުރިމަތިވަމުން ދިޔަ ކަމަށެވެ. ހަދަން ޖެހޭ ޓެސްޓުތައް ހަދާ، ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު، ވީ އެންމެ އަވަހަކަށް ޓިއުމަރު ނަގަން ނިންމީ ކަމަށް ޑރ އަލް އަވާދު ތަފްސީލު ކޮށްދެއްވިއެވެ.

ސާޖަރީއަށް ފަހު އަންހެން މީހާގެ ހާލު ސްޓޭބަލް ކަމަށްވެސް ޑރ އަލް އަވާދު ވިދާޅުވިއެވެ. އަދި އޮޕަރޭޝަން ކުރުމުގައި ހަރަކާތްތެރިވި ޓީމަށްވެސް އޭނާ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ޑރ އަލް އަވާދަކީ، އެމެރިކާގައިވެސް މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ސާޖިކަލް އޮންކޮލޮޖީ ސްޕެޝަލިސްޓެކެވެ.

ބަނޑުގައި ޓިއުމަރު އުފެދި، ކާމިޔާބު ކަމާއެކު އެ ޓިއުމަރުތައް ނެގުމުގެ ސާޖަރީތައް މީގެ ކުރިންވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ހަދާފައިވެއެވެ. ބަނޑުގައި ޓިއުމަރު އުފެދުމުގެ އާންމު އަލާމާތްތަކުގެ ތެރޭގައި އަސަރު ކުރާ ސަރަހައްދު ދުޅަވާ ގޮތް ވުން، ބަނޑުގައި ރިއްސުން، ބަނޑު ފުރިފައި ހުންނަ އިހުސާސް ކުރެވުން، މޭ ނުބައިކޮށް ހޮޑުލެވުން، ބަރުދަން އިތުރުވުން، ކުޑަކަމުދާން އުނދަގޫވުމާއި ބޮޑުކަމު ނުދެވުން ފަދަ އަލާމާތްތައް ހިމެނެއެވެ.

ބަނޑުގައި އުފެދޭ ޓިއުމަރެއް ކެންސަރަށް ބަދަލު ވެދާނެ ކަމުގެ އަލާމާތްތަކުގެ ތެރޭގައި ދެކަމު ހާޖަތައް ދާ އާދައަށް ބަދަލު އައުން، ފަސޭހަ ނުވާ ފާރުކޮޅެއް ހުރުން، އާންމު އުސާލާ ހިލާފަށް ލޭ ފޭބުން ނުވަތަ އެއްޗެއް ބޭރުވުން، އުރަމަތި ނުވަތަ އެނޫންވެސް ތަނެއްގައި ގަނޑުލާފައި ހުރުން، ހަޖަމް ކުރަން ދަތިވުމާއި ދިރުވަން އުނދަގޫ ވުން ފަދަ އަލާމާތްތައް ހިމެނެއެވެ.

ޓިއުމަރު އުފެދެން މެދުވެރިވަނީ ހަށިގަނޑުގެ ސެލްތައް ބައިވެ، ހަލުވި ދުވެއްޔެއްގައި އުފެދެން ފެށުމުންނެވެ. އާންމު ގޮތެއްގައި މި މަރުހަލާ ކޮންޓްރޯލް ކުރުމުގެ ބާރު، ހަށިގަނޑަށް ލިބިގެންވެއެވެ. މުސްކުޅި ނުވަތަ ހަލާކުވެފައިވާ ސެލްތަކުގެ ބަދަލުގައި އާ، ދުޅަހެޔޮ ސެލްތައް އުފައްދައެވެ. ޓިއުމަރުގެ ހާލަތުގައި، މަރުވާ ސެލްތައްވެސް ހަރުލާ ހުރެ، ޓިއުމަރު އުފެދެނީއެވެ.

މިއިން ކަމަކަށް ކުޑަ ނަމަވެސް ޝައްކެއް ވާނަމަ، ކަމާ ބެހޭ ސިއްހީ ތަޖުރިބާކާރުންގެ އެހީ، ވީ އެންމެ އަވަހަކަށް ހޯދަންޖެހޭނެއެވެ.