މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން އެއްވެސް ވަރެއްގެ މަޑުޖެހުމެއް އަޔަދީގެން ނުވާނެ ކަމަށް ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަކުގެ ޖަމްއިއްޔާ، އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) އުފެދުނުތާ 30 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ވަރޗުއަލް އިވެންޓްގައި ރާއްޖެ ތަމްސީލު ކުރައްވާ، ވާހަކަ ދައްވަމުންނެވެ.

ކޮވިޑްގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ކަންތައްތަކަކަށް ހެދުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލެއްވި ގޮވާލެއްވުމަށް އަމަލުކުރުމަށް، އެއޯސިސްގެ ގައުމުތަކުން މަސައްކަތް ކުރަން ޖެހޭކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު / ފައިލް ފޮޓޯ: ދިވެހި ހާރިޖިއްޔާ

މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކަށް ހޭނުމަށް ކުދި ގައުމުތަކުން ކުރާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އީޖާދީ ގޮތްތަކެއް ހޯދުމަށް، ތަރައްގީވެފައިވާ ގައުމުތަކަށް ގޮވާލަން ޖެހޭކަމަށްވެސް ދިވެހި ހާރިޖީ ވަޒީރުގެ ތަގުރީރުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އެއޯސިސް އުފެދުނީ ކަނޑުގެ ލޮނުގަނޑު އުފުލާ ގުޅޭ ގޮތުން ބޭއްވި ކުދި ޤައުމުތަކުގެ ފުރަތަމަ ކޮންފަރެންސް ދިވެހިރާއްޖޭގައި ބޭއްވުމަށްފަހު، 1990 ވަނަ އަހަރު ސްވިޓްޒަލެންޑްގެ ޖެނީވާގައި ބޭއްވި ދެވަނަ ވޯލްޑް ކްލައިމެޓް ކޮންފަރެންސްގައެވެ.

އެއޯސިސް އިން ދަނީ ބައިނަލްއަގުވާމީ މައިދާނުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލުގައި އިސް ދައުރެއް އަދާކުރަމުންނެވެ.