ތާރީހު ދުށް އެންމެ ލާއިންސާނީ، ހުދުމުހުތާރު އެއް ލީޑަރުގެ ގޮތުގައި މުޅި ދުނިޔެވެސް އިއްތިފާގުވާ ޖަރުމަނުވިލާތުގެ އެޑޯލްފް ހިޓްލަރުގެ ނަމުން ނަންދީފައިވާ ކެންޑިޑޭޓް، އެޑޯލްފް ހިޓްލާ އޫނޮނާ، ނެމީބިއާގެ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކޮށްފިއެވެ.

ނެމީބިއާގެ އޮމްޕަންޖާ ދާއިރާއިން ކައުންސިލް މެމްބަރުކަން ކަށަވަރު ކުރި އެޑޯލްފް ބުނީ، އޭނާއަށް އެމީހެއްގެ ނަމުން ނަން ދީފައި ވާ ހިޓަލަރު ފަދައިން މުޅި ދުނިޔެ މުށުތެރެއަށް ލުމުގެ ފިކުރެއް އޭނާގެ ކިބާގައި ނެތް ކަމަށެވެ.

ޖަރުމަނުވިލާތުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އޮމްޕަންޖާގެ ކައުންސިލަރު އެޑޯލްފް ބުނީ، އޭނާގެ ފިކުރަކީ ހިޓަލަރުގެ ނާޒީ ފިކުރު ނޫން ކަމަށެވެ.

ދުނިޔެ ދުށް އެންމެ "ނުލަފާ" ލީޑަރު ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ އެޑޯލްފް ހިޓްލަރުގެ ނަމުން ނަން ދީފައިވާ ނެމީބިއާގެ ކައުންސިލަރު / ފޮޓޯ: އެންވައިޑެއިލީނިއުސް

ނެމީބިއާއަކީ އިރެއްގައި ޖަރުމަނުންގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް ގައުމެކެވެ. އެހެން ކަމުން، އެޑޯލްފް ފަދަ، ޖަރުމަނު ނަންތައް އެގައުމުން މިހާރުވެސް އިވެއެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އެޑޯލްފް ވާދަ ކުރި ސްވާޕޯ ޕާޓީއަކީ، ދޮންނަސްލުގެ އަޅުވެތިކަމާއި އިސްތިއުމާރީ ބާރާ ދެކޮޅަށް ހަރަކާތްތެރިވާ ޕާޓީއެކެވެ.

އޭނާގެ ބައްޕަ، އޭނާއަށް ނަން ދިނީ ހުދުމުހުތާރު ހިޓަލަރަށް ނިސްބަތް ކޮށް ކަމަށް ކައުންސިލަރު އެޑޯލްފް ވަނީ އެއްބަސްވެފައެވެ. އަދި ބައްޕަ އޭރު އެކަން އެހެން ކުރީ، އެޑޯލްފް ހިޓްލަރުގެ ހަގީގީ ފިކުރު ނޭނގުމުން ކަމަށް ވެދާނެ ކަމަށްވެސް ކައުންސިލަރު އެޑޯލްފް ބުނެއެވެ.

85 ވޯޓު ކާމިޔާބު ކުރި ކައުންސިލަރު އެޑޯލް ބުނާ ގޮތުގައި ހުދުމުހުތާރު ހިޓްލަރުގެ ފިކުރެއް އޭނާގެ ނެތެވެ. އެޑޯލްފްގެ ނަމުން މުހާތަބު ކުރަނީ އޭނާގެ އަންހެނުން އެގޮތަށް މުހާތަބު ކުރާތީ ކަމަށްވެއެވެ.