މީގެ މަހެއްހާ ދުވަސް ކުރިން އެމެރިކާގައި ކުރިއަށް ގެންދިޔަ ފޯރިގަދަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަންގެ ސަރުކާރަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް، ޗައިނާގެ އޭޖެންޓުން ފަށާފައި ވާކަމަށް އެމެރިކާގެ ޖާސޫސީ އޮފިޝަލަކު ތުހުމަތު ކުރައްވައިފިއެވެ.
އެމެރިކާގެ އޮފީސް އޮފް ދަ ޑައިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސްގެ އޮފިޝަލު، ވިލިއަމް އޭވަނީނާ ވިދާޅުވީ، ބައިޑަންގެ ޓީމާއި ގާތް މީހުންނަށްވެސް ޗައިނާގެ ސަމާލުކަން ހުއްޓިފައި ވާ ކަމަށެވެ.
މި މޭރުމުން އޭވަނީނާ ވަނީ، ބައިޑަންގެ ސަރުކާރަށް ނުފޫޒު ފޯރުވުމަށް ޗައިނާއިން ފަށާފައިވާ ކެމްޕޭން އެންމެ "މެކުހަށް ޖަހާފައި" ވާކަން ދޭހަ ވާ ފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ.
އެމެރިކާގެ އަދުލު އިންސާފާ ބެހޭ އިދާރާގެ އޮފިޝަލަކުވެސް ވަނީ، ޗައިނާގެ އޭޖެންޓުން ކަމަށް ތުހުމަތު ކުރެވޭ 1000 އެއްހާ މީހުން، ޗައިނާ ދޫކޮށް ގޮސްފައި ވާ ކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ ޑައިރެކްޓާ އޮފް ނޭޝަނަލް އިންޓެލިޖެންސްގެ ކައުންޓާ-އިންޓެލިޖެންސް ބްރާންޗްގެ އިސްވެރިޔާ އޭވަނީނާ އިތުރަށް ވިދާޅުވީ، ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރުމަށް އެމެރިކާއިން ކުރަމުން އަންނަ މަސައްކަތާއި، ދާދި ފަހުން އެމެރިކާގައި އޮތް ރިޔާސީ އިންތިހާބާ "ކުޅުމަށް"ވެސް ޗައިނާއިން މަސައްކަތް ކުރި ކަމަށެވެ.
އެމެރިކާގެ އަދުކު އިންސާފާ ބެހޭ އިދާރާގެ ގައުމީ ސަލާމަތާ ބެހޭ ޑިވިޝަންގެ އިސްވެރިޔާ ޖޯން ޑެމާޒް ވިދާޅުވީ، ރިސާޗަރުންގެ ގޮތުގައި ހަރަކާތްތެރިވާ ޗައިނާގެ އެތައް ސަތޭކަ ބަޔަކު މި އަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރު، އެމެރިކާގެ ތަހުގީގީ އިދާރާ (އެފްބީއައި)އަށް ފާހަގަ ކުރެވިފައި ވާކަމަށާ، މި މީހުންނަކީ ޗައިނާގެ އަސްކަރިއްޔާއާ ގުޅުން އޮންނަ މީހުން ކަމަށެވެ. މިފަދަ 1000 އަށް ވުރެ ގިނަ މީހުން އެމެރިކާ ދޫކޮށް ގޮސްފައި ވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭން އެންމެ ފޯރީގައި ކުރިއަށް ދިޔަ ދުވަސްވަރު، މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ބައިޑަންވެސް ވަނީ، އެނެއް ކެންޑިޑޭޓަކީ ޗައިނާގެ ނުފޫޒުގައި ޖެހިވަޑައިގެންފައިވާ ކެންޑިޑޭޓެއް ކަމަށް ތުހުމަތު ކުރައްވާ، އިލްޒާމްގެ އިނގިލި އަމާޒު ކުރައްވާފައެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި، އެމެރިކާއާއި ޗައިނާގެ ގުޅުންތައް ވަނީ އިންތިހާއަށް ހީނަރުވެފައެވެ. އަދި ބައިޑަންގެ ސަރުކާރުގައި ދޭދޭ ގުޅުމަށް އެދެވޭ ބަދަލެއް ނާންނާނެ ކަމަށް ޗައިނާއިންވެސް ވަނީ އިޝާރާތް ކޮށްފައެވެ.