ވެންޓިލޭޓަރު މައްސަލާގައި ދައުވާކުރުން ލަސްވާތީ ރައްޔިތުންގެ މަޖިލީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު މައްސަލާގައި މިއަދު ވެސް ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމައްސަލާގެ ދައުވާ ކުރުން ލަސްކަމަށާއި އޭސީސީން ރިޕޯޓެއް ލިބުމުން ދައުވާ ކުރަން ވާނޭ ކަމަށް ޕީޖީ ހުސައިން ޝަމީމް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވިދާޅުވެފައިވާ ކަމަށެވެ. މިމައްސަލައިގައި ދައުވާ ނުކޮށް ލަސްވުމަކީ މަޖިލިހުން ކަންބޮޑުވާނޭ ކަމެއްކަން ޕީޖީ އަށް އެނގިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައަކީ ކަނޑައެޅިގެން ވައްކަން ފެންނަން އޮތް ކަމެއް ކަން ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ މައްސަލާގައި ދައުވާނުކޮށް ގިނަ ދުވަސްވެ ދިގުލައިގެން ދާކަމީ މަޖިލީހުން ވަރަށް ކަންބޮޑުވާކަމެއް ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް އެ މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީ އިން ފޮނުވި މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމިއެވެ.