ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި ފެތުރެމުން އަންނަ ދޮގު ހަބަރާއި މައުލޫމާތު ހުއްޓުވުމަށް، އަވަށްޓެރި އިންޑިއާގެ ސުޕާހީރު ކެރެޓަރު "ޕްރިޔާ" މާސްކުގައި ނިކުމެއްޖެއެވެ.

ގޭންގް-ރޭޕްގެ ވޭން ތަހައްމަލުކޮށް، އެކަމުން ސަލާމަތްވެފައިވާ ޕްރިޔާ މިހާރު ނިކުމެ ހުރީ، "ބުރުގާ އެވެންޖާ" -ޖިޔާއާއެކުގައެވެ. ޖިޔާއަކީ ޕާކިސްތާނުގެ ކެރެކްޓަރެކެވެ.

ހަގީގީ ދުނިޔޭގައި 2 އަދާވާތްތެރިންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނުގެ ކެރެކްޓަރުން އެކުގައި ފެނިގެންދާ "ޕްރިޔާޒް މާސްކު" އެނިމޭޓަޑް ކޮމިކް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ޑިސެމްބަރު 2 ވަނަ ދުވަހުއެވެ.

ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ވަރުގަދަ ހަނގުރާމައާއެކު، މި ބަލިމަޑުކަމާ ގުޅިގެން ފަތުރާ ދޮގު ހަބަރާ ދެކޮޅަށްވެސް ކުރަންޖެހެނީ ކުޑަ ހަނގުރާމައެއް ނޫނެވެ. އިންޑިއާގައި ކޮވިޑް-19 އާ ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއް ކުރުމަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީވެސް ދޮގު ހަބަރުތަކުގެ ތަކުލީފުތަކެވެ.

ޕްރިޔާ ކޮމިކް ސީރީޒްގެ ބާނީ، ރާމް ދޭވީނެނީ ބުނީ، މި ކެމްޕޭނުގެ އަމާޒަކީ، ދޮގު މައުލޫމާތު ހުއްޓުވުމާއި، ނުހައްގު ބިރުވެރިކަން ނައްތާލުމާއި، ސިއްހީ ހިދުމަތްތެރިންނަށް ހިތްވަރު ދިނުން ކަމަށެވެ.

އިންޑިއާގެ ކޮމިކް ސުޕާހީރޯ "ޕްރިޔާ" ގެ އާ ކޮމިކްގެ މަންޒަރެއް / ފޮޓޯ: ޕްރިޔާޝަކްތީ

"ޕްރިޔާޒް މާސްކު" ގައި ކޮވިޑް-19އާ ދެކޮޅަށް ޕްރިޔާ ނިކުމެ ހުންނަނީ ހުސްފަޔާކަން، މިހާތަނަށް ފެންނު މަންޒަރުތަކުން އެނގެއެވެ. އެކަމުގައިވެސް އޮތީ ވަރުގަދަ މެސެޖެކެވެ. އެއީ، ކޮވިޑް-19ގެ ލޮކްޑައުން ތަންފީޒު ކުރުމާއެކު، ފަގީރު ހާލުގައި ތިބި އެތައް ހާސް ހިޖުރަވެރި މަސައްކަތްތެރިންނެއް ފައިމަގުގައި ދުރު ރާސްތާކަށް ކުރި ދަތުރު ރަމްޒުކޮށްދިނުމެވެ.

"ޕްރިޔާޒް މާސްކު"ގެ ސްކްރިޕްޓް ލިޔެފައިވަނީ ދިއްލީގައި ގާއިމުވެ ހުރި ތިއޭޓާ އެކްޓްރެސް ސަބްރާ ޕްރަކާޝްއެވެ. ސަބްރާ ބުނާ ގޮތުގައި ޕްރިޔާގެ ކެރެކްޓަރުގައި، ސަބްރާގެ އަމިއްލަ ތަޖުރިބާވެސް ހިއްސާކޮށްފައި ވާނެއެވެ.

"ޕްރިޔާޒް މާސްކު" އެނިމޭޓަޑް ކޮމިކަށް އަޑުއަޅާ ދީފައި ވަނީ ހޮލީވުޑާއި ބޮލީވުޑްގެ މަޝްހޫރު ފަންނުވެރިންނެވެ. އޭގެ ތެރޭގައި ވިދްޔާ ބާލަންވެސް ހިމެނެއެވެ. މި ކޮމަކީ ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް، އިތުރު ފީ އަކާ ނުލާ ޑައުންލޯޑް ކުރެވެނެ ކޮމިކެއް ކަމަށް މައުލޫމާތު ލިބެއެވެ.